އޯ ގޯ ސެންގް އަށް 79 އަހަރުވެފައިވާ އިރުވެސް އެ އުމުރުގެ އެހެން މިހުންނާ އަޅާ ބަލާއިރު އޭނާ ފެންނަނީ މާ އުޖާލާކޮށް ރަނގަޅު ސިފައެއްގައެވެ. ލޯ އައްޔެވެ.
މި މަހު ކުރީކޮޅު ސިންގަޕޫރުގެ ޖަންގަލީގައި ދިރިއުޅޭ އޯގެ ވާހަކަ ވައިރަލްވެފައި ވާއިރު އޭގެން ގިނަ މީހުންނަށް ހައިރާންކަން ލިބިގެން ދިޔައެވެ.
ބައެއް މީހުން ވަނީ އޭނާއަށް އިތުރު އެހީތެރިކަމެއް ނުދެވުނީ ކީއްވެތޯ ސުވާލުކޮށްފައެވެ. އަދި އެއަށްވުރެ ވެސް ޝައުޤުވެރިކަމާއެކު، 30 އަހަރު ވަންދެން އެއްވެސް މީހެއްގެ ސަމާލުކަމެއް ނުލިބި މި ދިރިއުޅުން އޭނާއަށް ކާމިޔާބުކުރެވުނީ ކިހިނަކުންތޯ ސުވާލުއު ފައްދާފައިވެއެވެ.
ކްރިސްމަސް ދުވަހު ވާ އުނދަގޫތައް
އެ ހުރިހާ ކަމެއް ފެށިފައިވަނީ ކްރިސްމަސް ދުވަހު، އޯ ލައިސަންސް ނެތި ވިޔަފާރި ކުރަން އުޅުނު ތަން ފެނިގެން އޮފިޝަލުން ހުއްޓުވި ހިސާބުންނެވެ. އޭނާ ވިއްކަމުން ދިޔައީ ބަލިމަޑުކަމުގެ ސަބަބުން ބާޒާރުތަކުގައި މާ ވިއްކުމުގެ ވަޒީފާ ގެއްލުނު ފަހުން އޭނާ ހެއްދި ފައްޕިލާވެލީގެ ބާވަތްތަކާއި މިރުހެވެ. އޯ ގަބޫލުކުރާ ގޮތުގައި އޭނާގެ މުދަލަށް ޗާޖުކުރަމުން ދިޔަ އެއް ސިންގަޕޫރު ޑޮލަރު (ގާތްގަނޑަކަށް 11 ރުފިޔާ) އާ މެދު އުފެދުނު ދެބަސްވުމަކަށް ފަހު، ހިތްހަމަ ނުޖެހިގެން ކަސްޓަމަރަކު ވަނީ އޭނާގެ މައްސަލަ ރިޕޯޓްކޮށްފައެވެ.
އެވަގުތު އެތަނުން ދިޔަ ހިލޭސާބަހަށް މަސައްކަތްކުރާ މީހެއްކަމަށްވާ ވިވިއަން ޕާންއަށް، އޯގެ ތަރުކާރީތައް އަތުލައިގަނެ އޮފިޝަލުން އޭނާއާ ވާހަކަ ދައްކާކަން ފާހަގަވިއެވެ. ވިވިއަން ޕާން ބުނީ އޯގެ ފަރާތުން "ރުޅި" އޭނާ އަށް އިހްސާސްކުރެވުނު ކަމަށާއި، އެދުވަހު އޭނާ ހުސްއަތާ ގެއަށް ދާން ބޭނުން ނުވި ކަމަށެވެ. އޭނާ އެ ހާދިސާ ވީޑިއޯކޮށް ފޭސްބުކްގައި ޕޯސްޓްކުރި ހިސާބުން އެ ވީޑިއޯ ވައިރަލްވެގެން ދިޔައެވެ. އަދި އޭގެ ސަބަބުން މަޖިލިސް މެމްބަރެއްގެ ސަމާލުކަން އޯ އަށް ލިބިގެން ދިޔައެވެ.
ނަމަވެސް އެމްޕީ ލިއާންގް އެންގް ހުވާ އަށް މިސްޓާ އޯ ގެ ވާހަކައިގެ އިތުުރު ކަންތައްތަކެއް ވާކަން ފާހަގަ ވިއެވެ. ހަޤީޤަތުގައި އޭނާ އަކީ 30 އަހަރު ވަންދެން އެއްވެސް ވަރަކަށް މީހަކަށް ފާހަގަ ނުވެ ޖަންގައްޔެއްގެ ތެރޭގައި ދިރިއުޅެމުން އައި މީހެކެވެ.
ޖަންގަލީގެ ދިރިއުޅުން
މިސްޓާ އޯ އުޅެ ބޮޑުވީ އޭނާގެ އާއިލާއާއެކު ސަންގީ ޓެންގާގެ ރަށްފުށު އަވަށެއްގައެވެ. ނަމަވެސް 1980 ގެ އަހަރުތަކުގައި އާ އުސް އިމާރާތްތަށް ހެދުމަށްޓަކައި މިއެރަށް ވަނީ ބިމާ ހަމަކޮށްފައެވެ.
ކަމްޕޮންގްގެ ގިނަ ރަށްވެހިންނަށް ސަރުކާރުން އާ ގެދޮރު ދިން ނަމަވެސް އޯ އަށް އަމިއްލަ ތަނެއް ލިބޭ ގޮތެއް ނުވިއެވެ. ނަމަވެސް އޭނާގެ ބޭބެއަށް ސަރުކާރުގެ ފްލެޓެއް ލިބި، އޯ އަށް އެތަނުގައި ދިރިއުޅެން ދައުވަތު ލިބުނެވެ. ނަމަވެސް ދުވަސްކޮޅެއް ފަހުން ގެއިން ނުކުތީ އާއިލާއަށް އުނދަގޫތައް ނުޖައްސަން ވެގެންނެވެ.
އެހެންކަމުން ކުރިން އުޅުނު ގެ ކައިރީ ހުރި ޖަންގައްޔަކަށް އެނބުރި ގޮސް ލަކުޑި، ބެމްބޫ އަދި ސަތަރިން ހަދާފައިވާ ވަގުތީ ހިޔަލެއްގައި ރޭތައް ހޭދަކުރަން ފެށިއެވެ. އޭނާ ބޭނުން ކުރާ އެއްޗެހިތައް ހިޔާކޮށްފައިވާ ތަނުގެ މެދަށް ވާގޮތަށް ބަހައްޓާފައިވާ އިރު، ޓެންޓުގެ ފަހަތު ބައި އޭނާ ބޭނުން ކުރަނީ ނިދާ ސަރަހައްދެއްގެ ގޮތުގައެވެ.
އޭނާގެ ޓެންޓް ކައިރީގައި ހުރި ބަގީޗާއަކީ އޭނާ އަމިއްލައަށް ކާ އެއްޗެހި ހައްދާ ސަރަހައްދެކެވެ. ހެދުން އެޅުވުމަށް ގަސްތަކުގައި ވާ ފަށް ދަމާފައިވާ އިރު ވަގުންގެ ކިބައިން އޭނާގެ ތަރުކާރީތައް ރައްކާތެރިކުރުމަށް ބަގީޗާގެ ވަށައިގެން ފެންސު ޖަހައިފައިވެއެވެ. ސިންގަޕޫރުގެ ގަދަ ހޫނުގެ ސަބަބުންނާއި ހިއުމިޑިޓީގެ ސަބަބުން އޭނާއަށް އެއްވެސް ވަރަކަށް އުނދަގޫކަން އިހުސާސް ކުރެވިފައި ނުވަނީ އޭނާގެ ޓެންޓު ކައިރީ ހުންނަ ސައްކެޔޮ ގަހުގެ ސަބަބުން ކަމަށް ބުންޏެވެ.
އެކަނިވެރިކަން އެއީ އެއްވެސް އިރެއްގައި މައްސަލައަކަށް ވެގެން ނުދިޔައީ އަބަދުވެސް ބަގީޗާ ގެ ކަންކަން ކުރިއަށް ގެންދިޔުމުގައި އަވަދިނެތި އުޅުމުން ކަމަށާއި ގަސްތަކުގެ ހާލަތު ރަނގަޅު ވަމުން އަންނަ ވަރަކަށް އެކަނި އުޅުން އެއީ ފަސޭހަ ކަމަކަށް ވެގެން ދިޔަކަމަށް އޭނާ ބުނެއެވެ. އޭނާ ބުނި ގޮތުގައި ޖަންގަލީގައި ދިރިއުޅެން އެންމެ އުނދަގޫ ވަނީ މީދާތަކުގެ ސަބަބުންނެވެ. މީދާތައް އޭނާގެ ޓެންޓަށް ވަދެ ހެދުންތަކުގައި ދަތް އެޅުމުގެ ސަބަބުން ބާ ހެދޭކަމަށް ބުންޏެވެ.
އޯ ބައެއް ފަހަރު އޭނާ ހޯދާ ފައިސާ، އަވަށްޓެރި އިންޑޮނޭޝިއާގެ ކުޑަ ރަށެއް ކަމަށްވާ ބަތަމް އަށް ފެރީ އެއްގައި ދިޔުމަށް ބޭނުން ކުރެއެވެ. އެއީ އޭނާގެ އަންހެން ދަރިފުޅުގެ މަންމަ މެޑަމް ޓަސީ އާ ބައްދަލުވި ތަނެވެ. އެހެންނަމަވެސް، ހަފްތާ ބަންދުގައި ބަތަމްއަށް ދަތުރުކުރުމަށްފަހު، މިސްޓާ އޯ އެނބުރި ސިންގަޕޫރުގައި ހުންނަ އޭނާގެ ޖަންގަލީ ގެއަށް އެނބުރި އާދެއެވެ.
ސިންގަޕޫރުގައި ދިރިއުޅޭ އޭނާގެ އާއިލާ އެކޭ އެއްފަދައިން، މިހާރު އުމުރުން 17 އަހަރުވެފައިވާ މިސްޓާ އޯގެ އަންހެން ދަރިފުޅާއި އަންހެނުން ވެސް ބުނަނީ އޭނާ ދިރިއުޅެމުން ދިޔަ ގޮތާއި މެދު އެމީހުންނަށް އެއްވެސް ވަރަކަށް އެނގިފައިނުވާ ކަމަށެވެ. ތިމާގެ މީހަކު ބުނި ގޮތުގައި އޭނާ ދިރިއުޅެމުން ދިޔައީ ކޮން ތަނެއްގައިތޯ ސުވާލުކުރުމުން ކޮންމެ ފަހަރަކުވެސް އޭނާ ދިރިއުޅެނީ ބަގީޗާ އެއްގައި ކަމަށް ބުނެ ޖަވާބުދޭ ކަމަށެވެ.
ސިންގަޕޫރުގެ ބޯޑަރު ބަންދުކޮށް، ކަރަންޓީން ވުމަށާއި ކޮވިޑު-19 ގެ ޓެސްޓުތަކަށް ފައިސާ ދައްކާ ފަރާތްތަކަށް އެކަނި ދަތުރުކުރުމުގެ ހުއްދަ ދިނުމުގެ ސަބަބުން ބަތަމްއަށް، އޯ ކުރާ ދަތުރުތަށް ވަނީ ހުއްޓިފައެވެ. ނަމަވެސް މަހަކު 500 ޑޮލަރާއި 600 ޑޮލަރާއި ދެމެދުގެ އަދަދަކަށް ފައިސާ ފޮނުވައިގެން އާއިލާއަށް މާލީ ގޮތުން އެހީތެރިވުމުގައި އޭނާ ދެމިހުއްޓެވެ.
ގެދޮރުނެތް މީހުން ސިންގަޕޫރުގައި ނިސްބަތުން ވަރަށް މަދެވެ. އެވްރެޖްކޮށް މި ގައުމަކީ ދުނިޔޭގެ ނިސްބަތުން އެންމެ މުއްސަނދި އެއް އާބާދީ އޮންނަ ގައުމެކެވެ. ވޯލްޑް ބޭންކުގެ އެންމެ ފަހުގެ ހިސާބުތައް ދައްކާ ގޮތުން ސިޓީ ސްޓޭޓުގެ ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތް (ޖީޑީޕީ) ބޮލަކަށް ޖެހޭ މިންވަރު ގާތްގަނޑަކަށް 60،000 ޑޮލަރު (ގާތްގަނޑަކަށް 227000ރުފިޔާ) އަށް އަރައެވެ.
ސިންގަޕޫރުގައި ވެސް ފުޅާ ދާއިރާއެއްގައި ޕަބްލިކް ހައުސިން ސިސްޓަމެއް އޮންނަ އިރު، އެ ގައުމުގެ 80 އިންސައްތައާ ގާތްކުރާ އަދަދަކަށް މީހުން ދިރިއުޅެމުން ދަނީ ހައުސިން ޑިވެލޮޕްމަންޓް ބޯޑް (އެޗްޑީބީ) އިން އަޅާފައިވާ ގެތަކުގައެވެ. މަގުމަތީގައި މީހުން ނިދާފައި ތިބޭ މަންޒަރު ފެނުމަކީ އާންމުކަމެއް ނޫން ނަމަވެސް ސިންގަޕޫރުގެ 1000 އެއްހާ މީހުންނަކީ ގެދޮރު ނެތި މަގުމަތިވެފައިވާ މީހުން ކަމަށް ލަފާކޮށްފައިވެއެވެ.
މިއަހަރުގެ ފެބުރުވަރީ މަހުގެ ތެރޭގައި ލޯކަލް އެމްޕީގެ ޓީމުގެ އެހީތެރިކަމާއެކު އޯ އަށް ދިރިއުޅެން އާ ގެއެއް ވަނީ ދީފައެވެ. ލިއާންގް ވަނީ އިންޑޮނީޝިޔާގައި ހުންނަ އޭނާގެ އަންހެނުންނާއި އަންހެން ދަރިފުޅާއެކު އަލުން ގުޅުން ބަދަހިކުރެއްވުމަށާއި، ދިގު މުއްދަތަކަށް އިޖްތިމާޢީ އެހީތެރިކަން ހޯއްދެވުމުގައި އޯ އަށް އެ ޓީމުން އެހީތެރިވެދެއްވާނެ ކަމުގައި ބުނެފައެވެ.
އެހެން ފިރިހެން މީހަކާ އެކު މިހާރު އޭނާ ހިއްސާކުރާ އެއް ކޮޓަރީގެ ފްލެޓަކީ ކުޑަ އަދި ވަރަށް މަދު ފަރުނީޗަރުތަކެއް ހުރި ފްލެޓެކެވެ. ފްލެޓުގައި ހުރި މަދު ސާމާނުތައް ކަމުގައިވާ ފްރިޖާއި، ޓީވީ އާއި ފެން ހޫނުކުރާ ޖަގުގެ އިތުރުން ވޯޓާ ހީތަރަކީ ހެޔޮ އެދޭ ފަރާތްތަކުން ހަދިޔާކޮށްފައިވާ ސާމާނެވެ. އޯ އަށް ވޯޓާ ހީޓަރާއި މެދު ވަކިން ހާއްސަކޮށް ހިތްހަމަޖެހުނެވެ. ޖަންގަލީގައި ހުރި އޭނާގެ ޓެންޓު ކައިރީގައި ހުރި ފެންގަނޑުން ފެންވަރަން އާދަވެފައި ހުރި އޯ އަށް އިސްކުރު ފެން ވެސް މާ ފިންޏެވެ.
އޭނާ މިހާރު މަސައްކަތް ކުރަނީ ބިދޭސީ މަސައްކަތްތެރިން އެއް ވަޒީފާއިން އަނެއް ވަޒީފާއަށް ގެންގޮސްދޭ ޑްރައިވަރެއްގެ ގޮތުގައެވެ. އަދި ބައެއް ފަހަރު ބަގީޗާގެ މަސައްކަތް ވެސް ކުރާ ކަމަށް އޭނާ ބުންޏެވެ. އޭނާ ބަދަލުވި ދުވަހަކީ ފާއިތުވީ ތިން ގަރުނަށް ވުރެ ގިނަ ދުވަހުގެ ތެރޭގައި ސިންގަޕޫރުގައި އާއިލާއާއެކު ލޫނާ ނިއު އިޔާ ފާހަގަކުރި ފުރަތަމަ ފަހަރު ވެސް މެއެވެ.
"އަހަރެން ވަރަށް ގިނައިން ކެއިން! އަދި އަހަރެން ރަހަ ނުބަލާ އެތައް ބާވަތެއްގެ ކާއެއްޗެހި ވެސް ހުރި. 30 އަހަރަށް ވުރެ ގިނަ ދުވަސްވި އިރު ފުރަތަމަ ފަހަރަށް ޓީވީ ބަލާލަން ފުރުސަތު ލިބިގެން ދިޔަ." އޯ ބުންޏެވެ.
އޭނާ ފްލެޓެއްގައި ދިރިއުޅެން އިސްކަންދޭ ކަމަށް ބުނި ނަމަވެސް، އޭނާ އަދިވެސް ޖަންގަލީގެ ދިރިއުޅުމުގެ މިނިވަންކަން މަތިން ހަނދާންވާކަން ސާފުކޮށް އެނގެއެވެ.
"އަހަރެން އެތަނުގައި އެތައް އަހަރެއް ވަންދެން ދިރިއުޅުނިން، އެހެންވެ އަހަރެން އެތަން މަތިން ހަނދާންވޭ" އޭނާ ބުންޏެވެ.
މިހާރު ވެސް ކޮންމެ ދުވަހަކު އޭނާ ޖަންގައްޔަށް ދެއެވެ. ދަންވަރު ތިނެއް ޖަހާއައރު ތެދުވެ، ވަޒީފާއަށް ދިއުމުގެ ކުރިން އޭނާ ޖަްނގަލީގައި ހައްދާ ދަނޑުގެ ހާލަތު ކޮންމެދުވަހަކުވެސް ބަލާލައެވެ.