ސޯޝަލް މީޑިއާގައި މިހާރު ދައުރުވަމުން އަންނަ ވީޑިއޯއިން ފެންނަ ގޮތުން އިންޑިއާގެ ބިހާރު އަވަށުގައި ހުރި ބޭންކަކުން ހިދުމަތް ހޯދުމަށް ދިޔަ މުސްލިމް އަންހެނެއް މޫނު ބުރުގާ އަޅައިގެން ހުރުމުން ހިދުމަތް ނުދެވޭނެ ކަމަށާއި، ހިދުމަތް ހޯދަން ބޭނުން ނަމަ މޫނު ބުރުގާ ނެގުމަށް ބުނާ މަންޒަރު ފެނިގެން ދެއެވެ.
ބޭންކުގެ އޮފިޝަލުން ބުނާ ގޮތުން އެ ބޭންކުގެ އުސޫލުގައި މޫނު ބުރުގާ އަޅައިގެން ހުރެއްޖެނަމަ ހިދުމަތް ނުދެވޭނެ ކަމަށް ބުނެފައިވެއެވެ. އެހެން ނަމަވެސް އަންހެން މީހާ އާ އެކު ބޭންކަށް ދިޔަ އޭނާގެ ބައްޕަ ވަނީ މީގެ ކުރިން އެތައް ފަހަރަކު ހަމަ މޫނު ބުރުގާ އަޅައިގެން ހުރެ ބޭންކަށް ދިއުމުން ހިދުމަތް ދީފައި ވާކަމަށް ބުނެފައެވެ.
އަދި ބަދަލުވީ ކޮން އުސޫލެއްތޯ އާއި އެ އުސޫލު ލިޔުމުން ދިނުމަށް އަންހެން ކުއްޖާގެ ބައްޕަ ބޭންކުގެ އޮފިޝަލުން ކައިރީ ތަކުރާރުކޮށް ބުނަމުންދާ މަންޒަރުވެސް ވީޑިއޯއިން ފެނިގެން ދެއެވެ.
މި މައްސަލަ ފެންމަތިވުމާއި ގުޅިގެން އެބޭންކުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ހިދުމަތް ހޯދުމަށް އައި ފަރާތަކީ ކާކުކަން ކަށަވަރު ކުރުމަށް މޫނު ފެންނަން ޖެހޭނެ ކަމަށެވެ. އަދި މޫނު ނުދައްކާނަމަ ހިދުމަތް ނުދެވޭނެ ކަމަށްވެސް ބޭންކުން ވަނީ ބުނެފައެވެ.
އިންޑިއާގެ މުސްލިމުންނާއި މެދު އެގައުމުގެ ހިންދޫއިން އަންނަނީ ފަހަކަށް އައިސް ލާއިންސާނީ އެތައް ޖަރީމާތަކެއް ހިންގަމުންނެވެ. އެގޮތުން ދާދި ފަހުން ބުރުގާ އަޅައިގެން ކިޔަވަންދިޔަ ދަރިވަރުން ތަކަކަށް އެގައުމުގެ ފުލުހުން ވަނީ ދަނޑިބުރިން ތަޅާ އަނިޔާ ކޮށްފައެވެ.