ރައީސް އޮފީހުގެ ތަރުޖަމާން މަބްރޫކް އަޒީޒް މިއަދު ވިދާޅުވީ، މި އަހަރުގެ ރޯދަ މަހު ސަލްމާން މިސްކިތުގައި ނަމާދު ކުރުމުގެ އިންތިޒާމް ހަމަޖެހިގެން ދާނެ ކަމަށެވެ. އެކަމާއި ގުޅޭ އިތުރު ތަފްސީލެއް މަބްރޫކް ހިއްސާ ކުރައްވާފައި ނުވެއެވެ.
ސަލްމާން މިސްކިތް ނުހުޅުވާ ގިނަ ދުވަސްވެގެން ދިއުމާއި ގުޅިގެން ގިނަ ބަޔަކު އަންނަނީ އެކަމުގެ ނުރުހުން ސަރުކާރަށް ފާޅު ކުރަމުންނެވެ. އަދި މިއީ ސީދާ ގަސްތުގައި ސަރުކާރުން ކުރަމުން އަންނަ ކަމެއް ކަމަށްވެސް ބައެއް ފަރާތްތަކުން ވަނީ ބުނެފައެވެ.
ސަލްމާން މިސްކިތުގެ މައްސަލަ އާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމިޓީ އަށް ހާޒިރުކޮށް މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު ވަނީ، މިސްކިތް އެޅިފައި އެހުރިތަނަށް ބަލާއިރު އެ މިސްކިތަކީ ވަރަށް ހަރަދުބޮޑު ބަލަހައްޓަން އުދަގޫ މިސްކިތެއް ކަމަށް މީގެ ކުރިން ވިދާޅުވެފައެވެ.
މިހާރުވެސް ވަރަށް ބޮޑަށް ދަބަރުޖަހައި، ދަބަރު ހިލުން ތަޖުރިބާ ކުރެވެމުންދާކަން ފާހަގަކުރަމުން ޒާހިރު ވިދާޅުވީ، އެތަން މިހާރުވެސް ބަލަހައްޓަމުންދާ ކަމަށާއި ނަމަވެސް ވަޔާއިއެކު ލޮނު އެތެރެއަށް ވަންނަމުންދާތީ ދަބަރު ޖެހުން ހުއްޓުމަކަށް ނާންނަ ކަމަށެވެ.
ސަލްމާތް މިސްކިތުގެ މަސައްކަތް ނިންމައި އެ މިސްކިތް ސަރުކާރާ ހަވާލުކުރީ 2020 ވަނަ އަހަރުގެ ކުރީކޮޅު އެވެ. ގާތްގަނޑަކަށް 24 މިލިއަން ޑޮލަރު (370 މިލިއަން ރުފިޔާ) ހޭދަކޮށްގެން ހެދި ފަސްބުރީގެ ސަލްމާން މިސްކިތުގައި އެއް ފަހަރާ 4000 އެއްހާ މީހުންނަށް ނަމާދު ކުރެވޭނެ އެވެ.
އެ މިސްކިތުގެ ފުރަތަަމަ ދެ ފަންގިފިލާ ނަމާދުކުރެވޭ ގޮތަށް ހާއްސަކޮށްފައިވާ އިރު ތިނެއް އަދި ހަތަރު ވަނަ ފަންގިފިލާ ބޭނުންކުރާނީ އޮޑިޓޯރިއަމްއެއްގެ ގޮތުގަ އެވެ. އަދި ފަސް ވަނަ ފަންގިފިލާގައި ބޮޑު ހޯލެއް ހިމެނޭ އިރު އެކި އެކި އިވެންޓްތައް އެތަނުގައި ބޭއްވޭނެ އެވެ.