
ރިހާން އާއި އަރީން ސްކޫލް ދައުރުން ފެށިގެން ދިމާވެ އެކުވެރިކަން ލޯތްބަށް ބަދަލުވެ، އެތައް ރޭގެ ވައުދު ތަކާއި އަހުދު ތަކަށް ފަހު ކައިވެންޏާ ހަމަޔަށް އައީ ދެ މީހުން ދެކެމުން އައި ހުވަފެން ހަގީގަތަކަށް ހެދުމުގެ ފޮނި އުއްމީދު ގައެވެ.
ދުވަސްތައް މާޒީވެ، އެ ކައިވެންޏަށް ތިން އަހަރުވެގެން ދިޔަ އިރު އެ އުފާވެރި ދިރިއުޅުމުގެ ކުލަ ބަދަލުވާން ފެށި ކަމަށާއި، އަންހެނުންގެ ލޯތްބާއި އަޅާލުން ކުޑަވެ ކޫސަނި ޝަކުވާތައް ގިނަވެ އެކި ފަހަރު ކުދިކުދިން ކަންކަން ޒުވާބަކަށް ބަދަލުވެގެން ދިޔަ ކަމަށް ރިހާން ބުންޏެވެ.
އެހެން ނަމަވެސް އެއީ އާއްމު ކަމެއް ކަމަށް ގަބޫލު ކޮށްގެން އަޅާނުލާ މަޑު ކުރި ކަމަށާއި އެގޮތުަގައި ހަ މަސް ވެގެން ދިޔައިރު ކެތްނުކުރެވުނު ކަމަށް ރިހާން ބުންޏެވެ. ދިރިއުޅުމަށް އަންނަން ފެށި ބަދަލު ތަކުގެ ސަބަބަުން ދިރިއުޅުމުން އެކަނި ވެރިކަމުގެ އިހުސާސް ކުރެވެން ފެށި ކަމަށާއި، އެކަމަށް އޮތް އެންމެ ރަނގަޅު ހައްލަކީ ސުލްހަ ވެރިކަމާއެކު ވާހަކަ ދެއްކުން ކަމަށް ވާތީ އެކަން ވެސް ކުރި ކަމަށް ވެސް ރިހާން ބުންޏެވެ.
އެހާ ހިސާބުން ރިހާން ވެސް ބޭރަށްދާން ފެށި ކަމަށާއި އަނބިމީހާގެ އަޅާލުން ކުޑަވެ ބޭރުގައި އުޅުމުގެ ސަބަބުން ސިކުޑި ހަމަ ޖެއްސުމަށް މެސެންޖާއިން ޗެޓް ކުރަން ފެށި ކަމަށާއި، ހިތް ނޭދުނަސް އަންހެން ކުދިންނާ ވާހަކަ ދެއްކުމުގައި ވަގުތު ހޭދަވެގެން ދާން ފެށި ކަމަށް ރިހާން ބުންޏެވެ.
މެސެންޖާ އިން އަވަދިނެތި ޗެޓް ކުރަމުން އައި، ރިހާން އެތައް އައިޑީތަކެއް ގެންގުޅުނު ކަމަށާއި، އޭގެން އެއް އައިޑީ ހުޅުވި އިރު އަންހެނުންގެ ރިކްއެސްޓެއް ފޮނުވާފަ އިންކަމަށް ރިހާން ބުންޏެވެ. އެ އެކްސެޕްޓްކޮށް ވާހަކަ ދައްކަން ފެށި ކަމަށާއި އެހާ ހިސާބުން އަންހެނުންގެ އަސްލު ސިފަ ފެނިގެން ދިޔައީ މުޅި ދިރި އުޅުން ބަރަހަނާ ކޮށްފައި ކަމަށް ރިހާން ބުންޏެވެ.
ޗެޓް ކުރުމުގެ ތެރެއިން އަންހެނުންގެ ހަގީގަތް އެނގުނު ހިސާބުން އަނބިމީހާ ވަރި ކުރުމަށް ރިހާންގެ ހިތް މަޖުބޫރު ކުރުވީ ކަމަށާ، އެ ރުޅިވެރި ކަމާއި ނަފްރަތުގައި، އެއްވެސް ސުވާލައެއް ނުކޮށް ޗެޓްލޮގްގެ ސްކްރީން ޝޮޓް ތަކެއް އޭނާ އަށް، ވައިބާ ކުރުމަށް ފަހު ދަރިންނަށްޓާކާ އޭނާ ބޭޒާރުގެ ބާޒާރަށް ނީލަމަށް ނުލާ ވަރި ކުރީ ކަމަށް ރިހާން ބުންޏެވެ.
މިއަދު މީ އޭގެ ފަސް އަހަރު ފަހެވެ. އަދިވެސް ކައިވެއްންޏެއް ކުރާކަށް ބޭނުންމެއް ނުވެއެވެ. އަނބިމީހާގެ ފަރާތުން ގެއްލި ދިޔަ އިތުބާރުގެ ސަބަބުން އަންހެނުންނަށް އިތުބާރެއް ނުކުރެވެ އެވެ. ދަރިންނަށް ހަރަދުކޮށް އެކުދިންގެ ކަންކަމުގައި އަޅާލުން ދީގެން މިއަދު އުޅެމުންދިޔަ ނަމަވެސް ކުދިންގެ މަންމަ އުޅެމުންދާ ހާލު ފެނުމުން ހިތައް އަސަރު ކުރުވާކަމަށް ރީހާން ބުންޏެވެ.
އެހެން ނަމަވެސް އެހަޔާތަކަށް ދެނެއް ނުދާނަމެވެ. އެ އިތުބާރު ނެތް ދިރިއުޅުމަކަށް ދުވަހަކު ވެސް ނުދާނެ ކަމަށް ރިހާން ބުންޏެވެ. އަދި ކައިވެންޏެއް ކޮށް އެހެން ދިރިއުޅުމެއް އުޅޭކަށް ވެސް ބޭނުމެއް ނޫން ކަމަށް ރިހާން ބުންޏެވެ.