2015 ވަނަ އަހަރުގެ ޖޫން މަހުގެ ނުވަ ވަނަ ދުވަހުގެ ރޭގަނޑުގެ 10:00 ހާއިރު، ބަގްލަދޭޝް ރައްޔިތެއްކަމަށްވާ ޝަހުމިޔާ އަށް ދިން ހަމަލާއެއްގެ ސަބަބުން އޭނާ ވަނީ މަރުވެފައެވެ.
ޝަހުމިޔާގެ މަރުގެ މައްސަލައިގައި ދައުލަތުން ހަމްޒާގެ މައްޗަށް ކުރި ދައުވާގައި ބުނެފައިވަނީ، ލ. ގަން ރަންދާނުގެ ފެންޑާގައި ޝަހުމިޔާ ނިދާފައި އޮއްވައި، ދިގުމިނުގައި ތިން ފޫޓު ހުންނަ ލަކުޑި ފަތިބުރިއަކުން ޝަހުމިޔާގެ މޫނުގައި ހަމްޒާ ޖަހާފައިވާ ކަމަށާއި، ޝަހުމިޔާ މަރުވީ އެ އަނިޔާއިން ލިބުނު ޒަހަމުތަކުގެ ސަބަބުން ކަމަށެވެ.
ތަހުގީގު މަރުހަލާގައި ހަމްޒާ ކުށަށް އިއުތިރާފްވި ނަމަވެސް ކޯޓު މަރުހަލާގައި ހަމްޒާ ވަނީ ކުށަށް އިންކާރުކޮށްފަ އެވެ. މިމައްސަލައިގައި ކްރިމިނަލް ކޯޓުގައި މިއަދު ކުރިއަށް ދިޔައީ ވާރިސުންގެ ބަސް ނެގުމެވެ.
މިއަދު އޮތް އަޑުއެހުމުގައި ޝަހުމިޔާގެ ވާރިސުން ވަނީ މަރުގެ ދިޔަ ބޭނުންވާ ކަމަށް ބުނެފައެެވެ. މިއަދު ކޯޓުގައި އޮތް އެމަރުހަލާއަށްފަހު ހަމްޒާގެ މައްޗަށް ކޯޓުން ވަނީ 10 އަހަރުގެ ޖަލު ހުކުމެެއް އިއްވާފައެވެ. ނަމަވެސް ހުކުމުގެ ބޭރުން ޖަލުގައި އޭނާ ހޭދަކޮށްފައިވާ މުއްދަތު ކެނޑުމަށްފަހު ދެން އޭނާ ތަންފީޒުކުރަން ޖެހޭނީ ހަތަރު އަހަރާއި ނުވަމަހާ 25 ދުވަހުގެ ޖަލު ހުކުމެކެވެ. ނަމަވެސް މި ޖަލު ހުކުމަށް 15 ދުވަސްވެސް އިތުރުވެއެވެ. އެއީ މިއަދު ވާރިސުންގެ ބަސް ނެގުމުގެ ކަންކަން ކުރިއަށްދަނިކޮށް ހަމްޒާ ކޯޓުގައި ދެއްކިވާހަކައިގައި ކޯޓުގެ ހުރުމަތް ކެނޑޭފަދަ ހުތުރު ބަހެއް ބޭނުންކޮށްފައިވާތީ މިއަދު އިއްވި 15 ދުވަހުގެ ޖަލު ހުކުމާއިއެކު އެވެ.
މީގެ އިތުރުން މަރުގެ މައްސަލާގައި އާއިލާއިން އެދިފައިވާ މަރުގެ ދިޔަ ގެ ގޮތުގައި ތިން އަހަރުތެރޭ 1.3 މިލިއަން ރުފިޔާ ސިވިލް ކޯޓަށް ދެއްކުމަށް ވެސް ކޯޓުން މިއަދު ހަމްޒާގެ މައްޗަށް ވަނީ ހުކުމް ކޮށްފައެވެ.
މި މައްސަލައިގައި ހަމްޒާގެ މައްޗަށް ސިބްހުލް އަމްދުގެ މަރުގެ ކުށް ސާބިތުވެފައިވާ ކަމަށް ކޯޓުން ވަނީ ކަނޑައަޅާފަ އެވެ. އެއީ ގަސްތު މަރެއްގެ ގޮތުގައި ކޯޓުން ކަނޑަނާޅާވަނީ ޝަހުމިޔާއާއި ހަމްޒާއާއި ދެމެދު ދެކޮޅުވެރިކަމެއް އޮތްކަން ހަމްޒާގެ ބަޔާނުން ސާބިތުނުވާތީއެވެ. ނަމަވެސް ޝަހުމިޔާ މަރުވީ ހަމްޒާ ދިން ހަމަލާގެ ސަބަބުން ކަމަށް ސާބިތުވާކަމަށް ކޯޓުން ވަނީ ކަނޑައަޅާފައެވެ.