ދިވެހިރާއްޖޭގެ ގައުމީ ތާރީހުގެ ދުވަހުގެ މުނާސަބަތުގައި ޔުމްނާ އިއްޔެ ދެއްވި ހާއްސަ މެސެޖުގައި ފާހަގަކޮށްފައިވަނީ ސަގާފަތާއި, ދިވެހީންގެ ދިގު ތާރީހަކީ ދިވެހީންގެ ފަހުރެއް ކަމަށެވެ.
މި އަހަރަކީ ރާއްޖޭގައި ރަސްމީ ސިފައެއްގައި ފަތުރުވެރިކަން ފެށުނުތާ 50 އަހަރު ފުރޭ އަހަރެވެ. މި އަހަރުގެ މި ދުވަހަށް ކަނޑައަޅާފައިވާ ޝިއާރަކީ "ދިވެހި ތާރީހާއި ފަތުރުވެރި ކަން" މި ޝިއާރެވެ.
މި ޝިއާރަކީ ފަތުރުވެރި ކަމުގެ ދާއިރާ ސިންދަފާތު ކުރުމަށް މިހާރު ފަށާފައިވާ މަސައްކަތާއި ނުހަނު މުނާސަބު ޝިއާރެއް ކަމަށް ޔުމްނާ ވިދާޅުވި އެވެ.
ދިވެހިރާއްޖެ ފަދަ ކުޑަ ގައުމަކަށް, ގައުމުގެ އަމިއްލަ ޝަހްސިއްޔަތު ދެމެހެއްޓޭނީ ތާރީހު އުގަންނައިދީ, ތާރީހަށް ހޭލުންތެރި ކުރެވުނު މިންވަރަކުން ކަމަށާއި، ރާއްޖޭގެ ކޮންމެ ރަށަކީ ވެސް ޝައުގު ވެރިކުރުވަނިވި މުއްސަނދި ތާރީހެއް އޮތް ރަށެއް ކަމަށް ވެސް ޔުމްނާ ވިދާޅުވެފައި ވެއެވެ.
ރަށްރަށާއި ގުޅޭ ކުރީގެ ލިޔެކިޔުންތައް އަރުޝީފު ކުރުމާއި, އިސް ރަށްވެހިންގެ ފުށުން ރަށުގެ ތާރީހާއި, ޒަމާންވީ ފޯކުލޯރު އޮޅުން ފިލުވައި ރައްކާ ކުރުމަކީ ކުރުން މުހިއްމު ކަމެއްކަމަށް ޔުމްނާ ވިދާޅުވިއެވެ.
އެފަދައިން އެއްކުރެވޭ މައުލޫމާތުތަކަކީ ސަގާފީ ފަތުރުވެރި ކަމުގެ އާރުކާޓީންގެ ގޮތުގައި ތިބޭނެ ލޯކަލް ގައިޑުން ތަމްރީނު ކުރުމަށް ބޭނުންތެރި ވަސީލަތަކަށް ވެގެންދާނެ ކަމަށް ވެސް ޔުމްނާ ވިދާޅުވިއެވެ.
ޔުމްނާ އިތުރަށް ވިދާޅުވީ ސަގާފީ ފަތުރުވެރި ކަމަކީ އޭގެ ތެރެއިން ޒުވާން ޖީލުތައް ދިވެހީންގެ ސަގާފަތާއި, ތާރީހާއި, ތަރިކައަށްދޭ އަހައްމިއްޔަތު ކަން އިތުރުވެ, ސަގާފީ ފަންނު ތަކާއި ހަރަކާތްތައް ޒުވާން ޖީލުތަކަށް ދަސްކޮށްދީ ވާރުތަ ކޮށްދިނުމަށް އޮތް ދެމެހެއްޓެނިވި މަގެއް ކަމަށާއި، އެކަން އެންމެ ފުރިހަމަ ގޮތުގައި ކުރެވޭނީ ތައުލީމާއި ތަމްރީނުގެ ނިޒާމުގެ ތެރެއިން ތާރީހާއި ގުޅޭ ސައްހަ މައުލޫމާތު ފޯރުކޮށް ދެވިގެން ކަމަށެވެ.
ޔުމްނާ ވަނީ އެ ކަންކަން ކުރުމުގައި ކައުންސިލު ތަކާއި, ކަމާބެހޭ އެހެން ފަރާތްތަކާއިއެކު ގުޅިގެން މަސައްކަތް ކުރުމަށް މިނިސްޓްރީން ތައްޔާރަށް އޮތް ކަމަށް ވެސް ވިދާޅުވެފަ އެވެ.