އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން ރާއްޖޭގައި ފުރަތަމަ ފަހަރަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އެންމެ ފުރަތަމަ އިއުލާން ކުރެއްވީ 2020 ވަނަ އަހަރުގެ މާޗް މަހުގެ 12 ވަނަ ދުވަހުއެވެ.
ހެލްތު މިނިސްޓަރު އަހުމަދު ނަސީމު ސޮއި ކުރައްވާ ނެރުއްވާފައިވާ ގަރާރެއްގައި ވިދާޅުވީ، ރާއްޖޭގައި އިއުލާން ކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އަންނަ މާޗް މަހުގެ ނިޔަލަށް އިތުރު ކޮށްފައިވާ ކަމަށެވެ.
އަދި މިނިންމެވުން ނިންމެވީ، އަދި ވެސް ރާއްޖޭގައި ކޮވިޑް-19 ފެތުރުމުގެ ނުރައްކާ އޮތުމުގެ ސަބަބުން ކަމަށާއި، އެހެން ކަމުން އެ ނުރައްކާ ކުޑަ ކުރުމަށް ހާއްސަ ފިޔަވަޅު ތަކެއް އަޅަން ޖެހޭ ކަމަށް ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ލަފާ ދެއްވާފައި ވުމުން ކަމަށެވެ.
މީގެ 10 އަހަރު ކުރިން ޖުލައި 2012 ގައި އަމަލްކުރަން ފެށި "އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނު"ގެ ދަށުން ސިއްހީ ކުއްލި ހާލަތު ރާއްޖޭގައި އިއުލާން ކުރާތާ މި އަހަރުގެ މާޗް މަހުގެ 12 ވަނަ ދުވަހަށް ދެ އަހަރު ވާނެއެވެ.