ads
މުހައްމަދު ރަޝީދު: ތިނަދޫން މީހުން ބޭލުމަށްފަހު ދިރިއުޅުން ފިނޭއަށް ބަދަލުވި
ތިނަދޫން މީހުން ބޭލުމުން ފިނޭއަށްދިޔަ އާއިލާ: ރަށާ ދުރަށް، އާއިލާއާ ދުރަކަށްނޫން!
އޭނާ ކުޑައިރު ރައްޓެހި ކުދިންނާއެކު ރަށުގައި ކުޅެން އުޅޭ ހަނދާން މިހާރުވެސް ހުރެއެވެ. ދޮންދޫނި ހިފުމާއި، މޫދަށް ދިއުމާއި އަދި ސްކޫލްގައި ކިޔެވި ހަނދާންވެސް މިހާރުވެސް ރަނގަޅަށް އޭނާ ހުރެއެވެ. މުހައްމަދު ރަޝީދުގެ ދިރިއުޅުން ހދ.ފިނޭއަށް ބަދަލު ކުރަން ޖެހުނީ ރާއްޖޭގެ ތާރީހުގައި ހިނގާފައިވާ ބޮޑު ލާއިންސާނީ އަމަލު ކަމަށްވާ ގދ.ތިނަދޫ (އޭރުގެ ހަވަރުތިނަދޫ)ން މީހުން ބޭލުމުގެ ހާދިސާއަށް ފަހުއެވެ.
Advertisement

ރާއްޖޭގެ ދެކުނުގެ ހަތަރުއަތޮޅު އެއްވެ، ވަކިދައުލަތެއް ގާއިމް ކުރީ 1959ވަނަ އަހަރުއެވެ. 1962 ވަނައަހަރު އޭރުގެ ބޮޑުވަޒީރު އިބްރާހީމް ނާސިރު ވަނީ ތިނަދޫއަށް ވަޑައިގެން އެރަށުން މީހުން ބާލާފައެވެ. އެރަށުން މީހުން ބާލާފައިވަނީ އެއަހަރުގެ ފެބްރުއަރީ 4 ވަނަ ދުވަހުއެވެ. އެރަށުން މީހުން ބޭލުމުން ރަޝީދުގެ މަންމަ އޭނަ ގެންދިޔައީ ގދ. މަޑަވެއްޔަށެވެ. މަޑަވެލީގައި ދުވަސްތަކެއް ވަންދެން އުޅުއްވުމަށްފަހު އަނެއްކާ ތިނަދޫ އަށް މީހުން ބަދަލުވުމަށް ސަރުކާރުން ހުއްދަ ލިބުމާއެކު މަންމަ އާއެކު ތިނަދޫ އަށް ބަދަލު ވިއެވެ. 

your imageމުހައްމަދު ރަޝީދުގެ މަންމަ

ތިނަދޫއަށް މީހުން އެރުމުގެ ހުއްދަ ސަރުކާރުން ދީފައިވަނީ 1964 ވަނައަހަރުގެ އޮގަސްޓް މަހުގެ 22 ވަނަ ދުވަހުއެވެ. 

އެއަށްފަހު ރަޝީދުގެ އާއިލާ ބަދަލުވީ މާލެއަށެވެ. މާލޭގައި ރަޝީދު ދުވަސްކޮޅަކު އުޅުއްވުމަށްފަހު ދެން ބަދަލުވީ ރަޝީދުގެ ބައްޕަގެ ރަށްކަމަށްވާ ހދ. ފިނޭ އަށެވެ. އެހިސާބުން ފިނޭގައި ދިރިއުޅުން ފެށުނު ގޮތަށް މަންމަވެސް އަދި ރަޝީދުވެސް އުޅުއްވަމުން ގެންދަވަނީ ފިނޭގައެވެ. 

" އަޅުގަނޑުގެ ރައްޓެހީންނާއެކު ކުޅެން އުޅޭ ހަނދާން މިހާރުވެސް ހުރޭ. މަންމަ އަބަދުވެސް ކިޔައިދޭ ރަށުން މީހުން ބޭލި ހާދިސާގައި ކަންކަން ވެގެން ދިޔަ ގޮތް" ރަޝީދު ވިދާޅުވިއެވެ.

ރަޝީދުގެ ފުރަތަމަ އަންހެނުންގެ 12 ދަރީން އެބަތިއްބެވެ. ކާފަ ކިޔާ 20 ދަރީންގެ އިތުރުން މުނިކާފަ ކިޔާ އެއް ކުއްޖަކު އެބަހުއްޓެވެ. ހުރިހާ ދަރީންވެސް ހެޔޮ ހާލުގައި ރަނގަޅު ވަޒީފާތަކުގައެވެ. ވިދާޅުވީ ދަރީން ހެޔޮ ގޮތުގައި ތަރުބިއްޔަތު ކުރެވުނީތީ އުފާވާ ކަމުގައެވެ. މިހާރު ހުންނެވީ ދެވަނަ ކައިވެންޏެއް ބައްލައިވައިގެންނެވެ. ފަހުން ކައިވެނި ބައްލައިވައިގެންނެވީ ހދ. ނައިވާދޫ ބޭފުޅަކާއެވެ. ރަޝީދު ވިދާޅުވަނީ ކައިވެނި ކުރެއްވީ އެއްވެސް މައްސަލައެއް ނުޖެހި ކުރީގެ އަންހެނުންގެވެސް ރުހުމާއެކުގައި ކަމަށެވެ. މިހާރު ރަޝީދު ދިރިއުޅުއްވަނީވެސް ނައިވާދޫގައެވެ. 

your imageރަޝީދުގެ ފަސް ކާފަދަރިންނާއި މުނި ކާފަ ދަރިއެއް

" މިވަގުތު ނައިވާދޫގައި މިއުޅެނީ. އެކަމަކު ފިނޭއަށް ދާނަން. ފިނޭ އާއި ނައިވާދޫގައި މިހާރު މިއުޅެވެނީ . މިހާރުވެސް ވަރަށް ގިނައިން އެރަށަށް ދަން "ރަޝީދު ވިދާޅުވިއެވެ. 

ރަޝީދު ވަނީ ދިގު މުއްދަތެއް ވަންދެން ހދ.ފިނޭގެ ކަތީބުކަން ކުރައްވާފައެވެ. އެދުވަސްވަރު އޭނާ ވަނީ ރަށަށް ކުރިއެރުން ގެނައުމަށް ވަރަށް ގިނަގުނަ މަސައްކަތްތަކެއްވެސް ކުރައްވާފައެވެ. އެގޮތުން ރަށުގެ ރައްޔިތުންނަށް މަގުފާރު ހެދުމަށް އެކި ތަންތަނުން އެހީ ހޯއްދަވައި އެކަން ކުރެވޭނެ ގޮތްވަނީ ފުރިހަމަ ކޮށްދެއްވާފައެވެ. 

ރަޝީދުގެ ދިރިއުޅުއްވުން ކާމިޔާބެވެ. ތިނަދޫން މީހުން ބޭލި ހާދިސާއަށްފަހު ރަށަށް ވަޑައިގެން އުޅުއްވަމުން ގެންދެވި ނަމަވެސް ތިނަދޫގައި އޮންނަ އާއިލާއާ ގާތް ގުޅުމެއް އަބަދުވެސް އޮވެއެވެ. އެމީހުން ދޭތެރެ ދޭތެރެއިން ފިނޭއަށްވެސް އާދެއެެވެ. އޭގެ އިތުރުން ފޯނުން އަބަދުވެސް ގާތްކަން ބާއްވައެވެ. ރަޝީދު ވިދާޅުވީ ދަރީންނާވެސް ތިނަދޫގައި ތިބި އާއިލާގެ މެންބަރުންނަށް ގުޅާ ކަމަށާއި، ވީޑިއޯކޯލުންވެސް އަބަދުވެސް ގުޅުން އޮންނަކަމަށެވެ. 

your imageރަޝީދުގެ ދަރީން

ރަޝީދުއާއި މަންމަ ތިނަދޫ ދޫކުރައްވައި ވަޑައިގަންނަވަން ޖެހުނީ މުދަލާއި ގޯތިވެސް ދޫކުރައްވާފައެވެ. އެ ގޯތި އޮންނަތަނާއި ނަންވެސް ރަޝީދު ވިދާޅުވިއެވެ. ރަޝީދު ގަބޫލު ކުރައްވާ ގޮތުގައި ދައުލަތުން އެފަދަ ކަމެއް ކުރެއްވުމުން ގެއްލިގެން ދިޔަ ގޯތިވެސް ލިބެން ޖެހޭނެއެވެ. އެއީ ރަޝީދު ގަބޫލު ކުރައްވާ ގޮތެވެ. ވިދާޅުވީ އެތައް ބައެއްގެ ހައްގުތައް ވަނީ ގެއްލިފައި ކަމުގައެވެ.

ތިނަދޫން މީހުން ބޭލި ހާދިސާގައި އެންމެ ގިނަމީހުން ދިޔައީ ގދ. މަޑަވެއްޔަށެވެ. ތިނަދޫއަށް މީހުން އެރުމުގެ ހުއްދަ ސަރުކާރުން ދެންދެން ތިބީ އެރަށުގައެވެ. ތިނަދޫން މީހުން ބޭލުމުގެ ކުރިން އެރަށުގެ އާބާދީގައި 4000 އަށްވުރެ ގިނަ މީހުން އުޅުނު ކަމަށް ވެއެވެ. އެހެންނަމަވެސް ރަށުން މީހުން ބޭލުމުގެ ހާދިސާއަށްފަހު ގިނަ ބަޔަކު ބަނޑަށްޖެހުމާއި އަދި އެހެނިހެން ހާދިސާ ތަކުގައި މަރުވިއެވެ. 1964 ވަނައަހަރު އެރަށަށް މީހުން އެރުމުގެ ހުއްދަދިނުމާ ގުޅިގެން އެނބުރި ރަށަށް ގޮސްފައިވަނީ ދެހާހެއްހާ މީހުންނެވެ. 

your imageރަޝީދުގެ ދަރިއަކާއި ކާފަ ދަރިއެއް

މީހުން އެރަށުން ބޭލުމުން ކައިރި ރަށްރަށަށް ދިޔަ މީހުންގެ ތެރެއިން ވަރަށް ގިނަ ަބަޔަކު އަތޮޅުގެ އެހެން ރަށްރަށަށްވެސް ދިރިއުޅުން އެއްކޮށް ބަދަލު ކުރިއެވެ. އަދިމާލެއަށާއި ރާއްޖޭގެ އެތަން މިތަނަށް ހިޖްރަކޮށް އެރަށްރަށުގައި ދިރިއުޅުން އާރާސްތު ކުރިއެވެ. އުތުރާއި ދެކުނުގައެވެ. ރަޝީދަކީ އޭގެތެރެއިންވެސް އެންމެ އުތުރުގެ އެއް އަތޮޅު ކަމަށްވާ ހދ. އަތޮޅަށް މަންމައާއެކު ވަޑައިގަންނަވަން ޖެހުނު މީހެކެވެ. 

"އަޅުގަނޑަކީ ހދ.އަތޮޅު އޮފީހުގައިވެސް އުޅުނު މީހެއް . އޮޕަރޭޓަރަކަށް ވެސް އުޅުނިން . ބްރާއޯ ރަޝީދު އޭރު މީހުން ކިޔާނީ. އޭރުވެސް ތިނަދޫގައި އުޅޭ ގދއަތޮޅު އޮފީހުގެ މީހުންނާވެސް ވަރަށް ގާތްކަން އޮވޭ. އަޅުގަނޑަކީ ހަމަ ފަހުރުވެރި ހުވަދޫ މީހެއް" ރަޝީދު ވިދާޅުވިއެވެ.

ތިނަދޫން މީހުންބޭލުމުގެ މައްސަލަ އިންތިޤާލީ އިންސާފުގެ އޮފީހަށް މިހާރު ވަނީ ހުށަހަޅާފައެވެ.  އެއޮފީހުންގދ. ތިނަދޫން މީހުން ބޭލި މައްސަލައިގެ އަޑުއެހުންތައް އާންމުކޮށް ހުޅުވާލައިގެން، އަދި އާންމުކޮށް ހުޅުވާނުލައި ޕަބްލިކް ހިއަރިންގ ތަކެއް ބޭއްވުމަށް އަންނަނީ ތައްޔާރު ވަމުންނެވެ. އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހަށް އެމައްސަލަ ހުށަހަޅާފައިވަނީ 1962 ވަނަ އަހަރު ގދ. ތިނަދޫއިން މީހުން ބޭލި ހާދިސާގައި ނިޒާމީ ސިފައެއްގައި ރާވައިގެން ދައުލަތުގެ އިދާރާއަކުން ނުވަތަ ދައުލަތުގެ އިދާރާއެއްގެ އިސް ހިންގުންތެރިއަކު ހިންގި އަމަލެއް ކަމަށް ބުނެއެވެ.

އެ އޮފީހުން ބުނީ އަޑުއެހުންތައް ބާއްވަނީ ހުށަހަޅާފައިވާ މައްސަލަތަކުގައި ހިނގާފައިވާ އިންސާނީ ޙައްގުތަކާއި އަސާސީ މިނިވަންކަމާ ހިލާފު ޢަމަލުތަކުގެ ސަބަބުން އަނިޔާ ލިބިފައިވާ ފަރާތްތަކުގެ ވާހަކަތައް އާންމުކޮށް ހިއްސާ ކުރުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުންނާއި، މި މައްސަލައާ ގުޅޭ އިތުރު މަޢުލޫމާތު ހޯދުމުގެ ގޮތުން ކަމަށެވެ.

އެ މައްސަލަތަކުގެ އަޑުއެހުންތައް މި އަހަރުގެ މާރިޗު މަހުގެ 03 އިން 05 ވަނަ ދުވަހު ގދ. ތިނަދޫގައި ބޭއްވުމަށް އެއޮފީހުން ވަނީ ނިންމާފައެވެ. އަދި އެއަށްފަހު މި މައްސަލައިގެ އިތުރު އަޑުއެހުންތަކެއް މި އަހަރުގެ މާރިޗު މަހުގެ 18 އަދި 19 ވަނަ ދުވަހު މާލޭ ސިޓީގައިވެސް ބޭއްވުމަށް ވަނީ ނިންމައިފައެވެ. މި ޕަބްލިކް ހިއަރިން ތަކުގައި ބަޔާންދިނުމަށް އެދޭ ފަރާތްތަކުން ނަން ނޯޓުކުރެއްވުމަށް  15 ފެބުރުވަރީގެ ނިޔަލަށް ވަނީ ހުޅުވާލައިފައެވެ. 

your imageތިނަދޫން މީހުން ބޭލި ދުވަސް

4000 މީހުންގެ އާބާދީއެއްނަމަ މިހާރުވެސް ރާއްޖޭގައި ބަލަނީ ބޮޑު އާބާދީއެއްގެ ގޮތުގައެވެ. އެފަދަ ރަށަކުން އެއްފަހަރާ މީހުން ބޭލުމަށް އަމުރު ކޮށް ގެތައް އަންދައި، އޮޑިދޯނިފަހަރު އެންދުން ފަދަ ކަންކަމަކީ ދައުލަތަކުން ހިންގައިގެން ވާނެ ކަންކަން ނޫންކަމަށް ރަޝީދު ގަބޫލު ކުރައްވައެވެ. ބޮޑު އާއިލާއަކާއެކު ހަޔާތުގެ މިހާ ހިސާބަށް އާދެވިފައި ހުންނެވި ނަމަވެސް ރަޝީދުގެ ހަނދާންތައް ތިނަދޫއާ ވަނީ ގުޅިފައެވެ. އާއިލާއާއެކު ބަދަހި ގުޅުމެއް ބޭއްވެނީވެސް އެހެންވެގެންނެވެ. 

40%
ކަމުގޮސްފި
30%
އަޑުއެހިތާ މިހުރީ
30%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް