ads
ފޮޓޯ: ޓްރާންސްޕޯޓް މިނިސްޓްރީ
ވިލާއިން ކާޑެއްދޫ އެއާޕޯޓް ހިންގުމާއި ހަވާލުވެއްޖެ
ގދ. ކާޑެއްދޫ އެއާޕޯޓް ހިންގުން ވިލާއާއި ހަވާލުކޮށް އެކަމުގެ އެއްބަސްވުމުގައި މިއަދު ސޮއި ކޮށްފިއެވެ.
Advertisement

ކާޑެއްދޫ އެއާޕޯޓް ވިލާއާއި ހަވާލު ކުރުމަށް މިއަދު މިނިސްޓްރީ އޮފް ޓްރާންސްޕޯޓް ސިވިލް އޭވިއޭޝަންގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވިލާގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ، ވިލާ ގުރޫޕްގެ ޗެއާމަން ގާސިމް އިބްރާހީމް އެވެ. 

އަދި ކާޑެއްދޫ އެއާޕޯޓް އާއި ރަސްމީކޮށް ހަވާލުވުމަށް، ގާސިމްގެ އިތުރުން ޓްރާންސްޕޯޓް މިނިސްޓްރީގެ ޓީމެއް މިއަދު އެ އެއާޕޯޓަށް ދިއުމަށް ވަނީ ހަމަޖެހިފައެވެ. 

ކާޑެއްދޫ އެއާޕޯޓް ހިންގަން ވިލާ އެއާ އިން އެންމެ ފުރަތަމަ ހަވާލުވީ 2013 ވަަނަ އަހަރުގެ ތެރޭގަ އެވެ. އަދި ރަސްމީކޮށް އެ ކުންފުނިން ކާޑެއްދޫ އެއާޕޯޓް ހިންގަން އޭރު ފެށީ ޖެނުއަރީ 1، 2014 ގައެވެ.  

ރާއްޖޭގެ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި، ކާޑެއްދޫ ހިންގުން ވިލާއަށް 50 އަހަރަށް ހަވާލުކޮށްފައިވާ އެއްބަސްވުން ސިވިލް އޭވިއޭޝަން އޮތޯރިޓީގެ މިންގަނޑުތަކާ ހިލާފަށް އެއާޕޯޓު ހިންގި ކަމަށްބުނެ 2017 ވަނަ އަހަރު ވަނީ ބާތިލް ކޮށްފައެވެ.  

އެކަމާއި ގުޅިގެން ގާސިމް ކޯޓަށް މައްސަލަ ހުށައެޅުއްވުމުން އެ ނިންމުން ބާތިލުކޮށް އަލުން ވިލާއަށް ކާޑެއްދޫ އެއާޕޯޓް ހިނގުން ހަވާލު ކުރުމަށް ސުޕްރީމް ކޯޓުން ވަނީ މިދިޔަ އަހަރުގެ މެއި މަހުގެ 10 ވަނަ ދުވަހު ހުކުމް ކޮށްފައެވެ. 

ކާޑެއްދޫ އެއާޕޯޓް ވިލާ އަތުން ނެގުމުން އެކުންފުންނަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް ވަކިން ދައުވާ ކުރެވޭނެ ކަމަށް ސުޕްރީމް ކޯޓުން ހުކުމް އިއްވަމުން ވިދާޅުވިއެވެ. އެހެން ނަމަވެސް ސަރުކާރުން ވަނީ ވިލާ އަށް ގެއްލުމުގެ ބަދަލުގެ ގޮތުގައި، ރަށެއް ނުވަތަ ފަޅެއް ދިނުމަށް އެއްބަސްވެފައެވެ. 

މި އެއްބަސްވުމާއި ބެހޭ މައުލޫމާތު އަދި މިހާތަނަށް އެއްވެސް އިދާރާއަކުން ހާމަކޮށްފައި ނުވުމުން ވިލާއަށް ބަދަލުގެ ގޮތުގައި ދީފައިވަނީ، ކޮންތަނެއްކަން އެނގޭގޮތް ވަނީ ނުވެފައެވެ. 

ވިލާއިން އެއާޕޯޓާއި ހަވާލުވެފައިމިވަނީ، މިދިޔަ ޖެނަވަރީ މަހު ކާޑެއްދޫ އެއާޕޯޓްގެ ޖެޓީ އިން ބޮޑުބައެއް ފަޅުތެރެއަށް ވެއްޓިފައި ވާތީ އެކަމާއި ކަންބޮޑުވުން ފާޅުކޮށްފައިވާ ދަނޑިވަޅެއްގައެެވެ. އެގޮތުން ކޯޓުުން އެއާޕޯޓް ހިންގުން ވިލާ އާއި ހަވާލު ކޮށްފައި ވީނަމަވެސް އެކުންފުނިން އެތަނާއި ހަވާލު ނުވާ ކަމަށާއި އަދި މިކަމުގެ ސަބަބުން ތަނުގެ ތަރައްގީ އާއި މުވައްޒަފުންގެ ކަންކަމަށް ހުރަސް އެޅެމުން އަންނަ ކަމަށް ބުނެ ތިނަދޫ ދެކުނު ދާއިރާގެ އެމްޑީޕީ މެމްބަރު އަބްދުﷲ ސަނީފު ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. 

ވިލާއިން އެއާޕޯޓާއި ހަވާލު ނުވާނަމަ ސަރުކާރުން އެއާޕޯޓާއި ހަވާލުވާން ވެސް ސަނީފް އެފަހަރު ގޮވާލިއެވެ.  

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް