ads
ހާލުދެރަވި އަންހެން މީހާ ސިއްހީ މަރުކަޒަށް ގެންދަނީ---
ކޮވިޑްޖެހި ހާލުދެރަވި މާބަނޑު މީހަކު ރަށު ޕިކަޕުގައި ގެންދާ ވީޑިއޯއެއް އާއްމުވެއްޖެ
ގއ. ކަނޑުހުޅުދޫގައި ކޮވިޑަށް ޕޮޒިޓިވްވެ، ހާލުދެރަ ވެފައިވާ މާބަނޑު އަންހެނަކު ސިއްހީ މަރުކަޒަށް ރަށު ޕިކަޕެއްގައި ގެންދާ މަންޒަރު ފެންނަ ވީޑިއޯ އެއް އާންމު ވެއްޖެއެވެ.
Advertisement

އެހެނިހެން ބަލިތަކާއިއެކު ކޮވިޑު އެ ރަށުގައި ފެތުރިފައިވާ އިރު، މީގެ ދެތިން ދުވަސް ކުރިން އެރަށު އެމްބިއުލާންސް ހަލާކުވުމުގެ ސަބަބުން ހާލު ދެރަވާ ބަލިމީހުން ސިއްހީމަރުކަޒަށް ގެންދަނީ ރަށު ޕިކަޕުގައެވެ. އިއްޔެވެސް ވަނީ ހާލުދެރަ މާބަނޑު މީހަކު ރަށު ޕިކަޕުގައި ސިއްހީ މަރުކަޒަށް ގެންގޮސްފައެވެ. މި މަންޒަރު ފެންނަ ވީޑިއޯ މިހާރު ވަނީ ސޯޝަލް މީޑިއާގައި ދައުރުވާން ފަށާފައެވެ.

your imageހާލުދެރަވި އަންހެން މީހާ ސިއްހީ މަރުކަޒަށް ގެންދިޔަ ޕިކަޕު ކުޑަކަމުން އޮށޯވެވޭނެ ގޮތެއް ނެތި، ސިއްހީ މަރުކަޒަށް ދެވެންދެން އިންނަންޖެހުނީ ޕިކަޕުގައި އިށީދެގެން----ފޮޓޯ: ވީޑިއޯގެ ސްކްރީން ޝޮޓެއް---

މިކަމާއި ގުޅޭގޮތުން މައުލޫމާތު ދެމުން ބަލިމީހާގެ އާއިލާއިން "ސީއެންއެމް"އަށް ބުނީ، މީގެ ދެދުވަސް ކުރިން ކޮވިޑަށް ޕޮޒިޓިވްވި އެއަންހެންމީހާ، އިއްޔެގެ ވަގުތެއްގައި ނޭވާ ހާސްވެ މެއަށް ތަދުވާތީ ސިއްހީމަރުކަޒަށް ގުޅުމުން އެކޮޅުން ފޮނުވީ، ރަށު ޕިކަޕެއް ކަމަށާއި، އޭގެތެރޭގައި އޮށޯވެވޭނެ ގޮތެއްވެސް ނެތް ކަމަށެވެ. 

ސްޓްރެޗާ ލެވޭވަރަށް ވުރެ ޕިކަޕް ކުޑަވުމުގެ ސަބަބުން ބަލިމީހާ އޮށޯވެވޭނެ ގޮތެއް ވެސް އޭގައި ނެތްކަމަށް އާއިލާއިން ބުންޏެވެ. އެހެންކަމުން ޑުރައިވަރުގެ ލަފާގެ މަތިން ކުނަލެއް އަޅަން ބުނި ކަމަށާއި، ނަމަވެސް ޕިކަޕު ހުރީ ކުނަލެއް އަޅާލެވޭވަރުގެ ހާލަތުގައި ވެސް ނޫން ކަމަށް އައިލާއިން ބުނެއެވެ. އޭނާ މިހާރު މިއަދު ވަނީ ހޮސްޕިޓަލުން ދޫކޮށްލާފައެވެ.

މިކަމާ ގުޅޭގޮތުން މައުލޫމާތު ސާފްކޮށްލުމަށް އެ ރަށު ސިއްހީމަރުކަޒުގެ މެނޭޖަރު މުމްތާޒު ހުސެއިން އަށް ގުޅާލުމުން ވިދާޅުވީ، އެމްބިއުލާންސްގެ ބެޓެރި ހަލާކު ވެފައިވާ ކަމަށެވެ. އިތުރަށް މައުލޫމާތު ދެއްވާފައި ނުވާތީ ސާފު ބަހެއް ވަނީ ލިބޭގޮތް ނުވެފައެވެ.

ކަނޑުހުޅުދޫގައި އޮތީ އެހެން ރަށެއްގައި 10 ވަރަކަށް އަހަރު ބޭނުން ކޮށްފައިވާ، ބާ އެމްބިއުލާންސެއް!

އެރަށުން "ސީއެންއެމް" އާއި ވާހަކަ ދެއްކި މީހަކުބުނީ އެރަށުގެ ސިއްހީމަރުކަޒުގައި ބޭނުން ކުރާ އެމްބިއުލާންސް އަކީ ކުރީ ސަރުކާރުގައި އެރަށަށް ލިބުނު އެމްބިއުލާންސެއް ކަމަށެވެ. ނަމަވެސް އެ އަތޮޅު ކޮނޑޭގައި އެމްބިއުލާންސެއް ނެތުމުން، އޭރު އެ ދާއިރާގެ މެމްބަރު އެރަށަށް ލިބުނު އެމްބިއުލާންސް ކޮނޑެއަށް ފޮނުވާލީ ކަމަށެވެ. 

މިހާރު އެރަށުގައި ދުއްވާ އެމްބިއުލާންސް އަކީ އެއަތޮޅު ދާންދޫގައި ގާތްގަޑަކަށް 10 ވަރަކަށް އަހަރު ބޭނުން ކޮށްފައިވާ އެމްބިއުލާންސެއް ކަމަށް އެމީހާ ބުނެއެވެ.

"ފުރަތަމަ އެމްބިއުލާންސް ލިބިގެން ޓެސްޓުކުރުމަށް އެރަށަށް އެމްބިއުލާންސް ބަލާ ގޮސް ޓެސްޓަށް ބެލުމަށްފަހު ފުރަތަމަވެސް އަޅުގަނޑު ބުނިން މާގިނަ ދުވަހަކު ނުދުއްވޭނެއޭ. އޭރުވެސް އެއީ މައްސަލަ ޖެހިފައި އޮތް އެމްބިއުލާންސެއް." އެމީހާބުންޏެވެ.

ނަމަވެސް އެ އެމްބިއުލާންސް މިހާރު އެ ރަށުގައި ބޭނުންކުރާތާ ވެސް ހައެއް ނޫނީ ހަތް ވަރަކަށް އަހަރުވެދާނެ ކަމަށާއި، ވަރަށް ގިނައިން މައްސަލަ ދިމާވާ ކަމަށް އޭނާ ބުންޏެވެ. ކޮންމެ ފަހަރަކު ވެސް މަރާމާތު ކުރުމަށް ފަހު، އެކަން ހައްލު ވުމުން ބޭނުން ކުރަނީ ކަމަށް އޭނާ ބުންޏެވެ. އެގޮތަށް މައްސަލަ ހައްލު ކޮށްގެން ދުއްވާ އިރުވެސް ޑީސަލު ފައިބާ މަންޒަރު ފެންނަ ކަމަށް އެ ރަށުން ވާހަކަ ދެއްކި ބައެއްމީހުން ބުނެއެވެ.

މަރާމާތު ކުރަން ނުޖެހޭ އެމްބިއުލާންސެއް ކޮންމެ ރަށެއްގައި ވެސް އޮތުން މަޖުބޫރު!

އެ ރަށު ކައުންސިލުގެ ރައީސް ތޯރިގް އަފީފް "ސީއެންއެމް' އަށް ވިދާޅުވީ، މާބަނޑު އަންހެނަކު ހާލުދެރަވެގެން ސިއްހީ މަރުކަޒަށް ރަށު ޕިކަޕެއްގައި ގެންދާ މަންޒަރު ފެންނުމުން ހިތަށް އަސަރު ކުރުވާ ކަމަށާއި، އެއީ ފެނިގެންވާނެ މަންޒަރެއް ނޫން ކަމަށެވެ.

ސިއްހީ ހިދުމަތަކީ ކޮންމެ މީހަކަށް ލިބިދެންޖެހޭ އަސާސީ ހައްގަކަށްވާއިރު، ބަލިމީހުން އުފުލުމަށް ކޮންމެ ތަނެއްގައި އޮންނަންޖެހޭ އެމްބިއުލާންސް އަކީ މަރާމާތު ކުރަން ނުޖެހޭ ރަނގަޅު ފެންވަރެއްގައި އޮތް އެއްޗަކަށް ވާން ކޮންމެހެން ޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"ކޮންމެ ރަށެއްގަވެސް އޮންނަން މަޖުބޫރު ވާނެ މަރާމާތު ކުރަން ނުޖެހޭ އެމްބިއުލާންސެއް"ތޯރިގު ވިދާޅުވިއެވެ.

އެމްބިއުލާންސް ނެތް މައްސަލައަކީ މިއަދު ކަނޑުހުޅުދޫ އަށް އެކަނި ދިމާވެފައިވާ މައްސަލައެއް ނޫނެވެ. ރާއްޖޭގެ އާބާދީ މަދު ރަށްރަށުން ސަރުކާރުގައި އެދިއެދި ވެސް އެމްބިއުލާންސެއް ނުލިބިގެން ރަށު ޕިކަޕުގައި މީހުން އުފުލުން ވަނީ އާންމުވެފައެވެ.  

އެގޮތުން ދާދި ފަހުން އދ. ދިގުރަށުން ވެސް ވަނީ އެ ފަދަ މައްްސަލައެއް ފެން މަތި ވެފައެވެ. އެރަށު ސިއްހީމަރުކަޒު މެނޭޖަރު ވެސް ވިދާޅުވީ އެކަމަށް ހައްލެއް ހޯދައިދިނުމަށް ސަރުކާރުގައި އެތައްފަހަރު އެދިފައިވާ އިރު، އެކަމަށް އަދިވެސް ޖަވާބެއް ނުލިބޭ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް