ads
1960 ގެ އަހަރުތަކުގައި އަލި ރަސްގެފާނުގެ ޒިޔާރަތް ހުރި ގޮތް ދައްކައިދޭ ކުރެހުމެއް. ކުރެއްސެވީ ސަރުދާރު ދޮންމަނިކު (ދިވެހި ޑައިޖެސްޓް 91)
ޝަހީދުންގެ ދުވަސް: ކްރިސްޓިއަން ދީން ފެތުރުމާއި ދެކޮޅަށް ކުރެއްވި ޖިހާދު
ދިވެހި ތާރީޚީ ފަތްފުށްތަކުން ހާމަވާ ގޮތުގައި ރާއްޖޭގައި ތަފާތު އެތައް ދަރިކޮޅަކުން ރަސްކަން ކުރިއެވެ. ދިވެހި ތާރީޚީ އިލްމުވެރިޔާ ނަސީމާ މުޙައްމަދު (2010) ލިޔުއްވާފައިވާ ގޮތުގައި 07 ދަރިކޮޅަކުން ރާއްޖޭގައި ރަސްކަންކޮށްފައިވާކަން އެނގި ހާމަވާން އެބައޮތެވެ.
Advertisement

އެ ދަރިކޮޅުތަކަކީ ތީމުގޭ ދަރިކޮޅާއި, އުމަރުވީރު ދަރިކޮޅާއި, ހިލާލީ ދަރިކޮޅާއި, އުތީމު ދަރިކޮޅާއި, އިސްދޫ ދަރިކޮޅާއި, ދިޔަމިގިލީ ދަރިކޮޅާއި, ހުރާ ދަރިކޮޅެވެ.

އޭގެތެރެއިން ބައެއް ދަރިކޮޅުތަކުގެ ރަސްރަސްކަލުން ރަސްކަން ކުރެއްވި ދުވަސްތަކުގެތެރޭގައި ރަސްކަމުގެ ކޮއިލުތެރެއިން ''އަދާވާތްތެރި'' ކަމާއި, ''އަނިޔާވެރި'' ކަމާއި, ''ޚިޔާނާތްތެރި'' ކަމާއި, ''ޣަދަރުވެރި'' ކަމުގެ ސިފަތައް ފެނިގެން ދިޔައެވެ.

ހިލާލީ ދަރިކޮޅުގެ ރަސްކަން ފެށުނީ ހިޖުރައިން 1368 ވަނަ އަހަރުގައިކަމަށް ތާރީޚީ ސޮފުހާތަކުގައިވެއެވެ. ނަސީމާ މުޙައްމަދު (2010) ހާމަކުރައްވާ ގޮތުގައި އެ ދަރިކޮޅުން 29 ބޭފުޅަކު ރަސްކަން ކުރެއްވިއިރު, އޭގެތެރެއިން އެންމެ ފުރަތަމަ ރަސްކަލަކީ އައްސުލްޠާން ޙަސަނުލް ހިލާލީއެވެ. 

ކްރިސްޓިއަން ދީން ގަބޫލުކުރެއްވި ރަދުން:

ހިލާލީ ދަރިކޮޅުގެ ރަސްކަމުގެ ދުވަސްވަރަކީ ރާއްޖެ ހަލަބޮލިވެފައިވާ ދުވަސްވަރެކެވެ. އޭރު ތިއްބެވި ބޮޑުންގެ މެދުގައި ''ހައިޖާނުތައް'' ހިނގަމުންދިޔަ ދުވަސްވަރެކެވެ.

ހިޖުރީ ސަނަތުން 05 ވަނަ ގަރުނުގައި ރާއްޖެ އިސްލާމްވުމަށްފަހު, ރާއްޖޭގެ ރަސްކަލަކު މާތްވެގެންވާ އިސްލާމްދީން ދޫކުރައްވައި, ކްރިސްޓިއަން ދީނަށް ވަދެވަޑައިގަތީ ވެސް މި ދަރިކޮޅުގެ ރަސްކަމުގެ ދުވަސްވަރުގައެވެ.

ކްރިސްޓިއަން ދީން ގަބޫލުކުރެއްވީ އައްސުލްޠާން ޙަސަނުލް ހިލާލީ ސިރީ ބަވަނަ މަހާރަދުންގެ, އައްސުލްޠާން ޔޫސުފު(2ވަނަ) ސިރީ ލޯކަ އާނަންދަ މަހާރަދުންގެ, އައްސުލްޠާން ޢުމަރު (2ވަނަ) ސިރީ ލޯކަ ސުންދުރަ މަހާރަދުންގެ, އައްސުލްޠާން މުޙައްމަދު ސިރީ ދަންމަރު ބަވަނަ މަހާރަދުން (ކަޅު މުޙައްމަދު ރަސްގެފާނު) އާއި, ކޮށަލިކިލެގެ ދި ޢާއިޝާރަނިކިލެގެއަށް ލިބިވަޑައިގަތް ޢުމަރު މާފަތްކިލެގެ ގެ ދަރިކަލުން އައްސުލްޠާން ޙަސަން ސިރީ ދިރިކުސަ ލޯކަ މަހާރަދުންނެވެ. މަޝްހޫރު 09 ވަނަ ޙަސަން ރަސްގެފާނެވެ. މިއީ ހިލާލީ ދަރިކޮޅުން ރަސްކަން ކުރެއްވި އެންމެ ފަހު ރަސްގެފާނެވެ.

މި ރަސްގެފާނު ރަސްކަމަށް ވަޑައިގަތީ, އޭނާގެ ބޭބޭފުޅު އައްސުލްޠާން މުޙައްމަދު ސިރީ ސިންގާ ބަވަނަ މަހާރަދުން ގަތުލުކުރެއްވުމަށް ފަހުގައިކަމަށް ސުއްމުވުލް އަމީރު އަލް މަރުހޫމް މުޙައްމަދު އަމީން ލިޔުއްވި ''ތަންޤީޙު ކުރެވުނު ދިވެހިރާއްޖޭގެ ތާރީޚުގެ ތަންތަންކޮޅު'' ގައިވެއެވެ. 

ކޮންމެއަކަސް ތާރީޚީ އިލްމުވެރިން ބަޔާންކުރައްވާ ފަދައިން 02 އަހަރާއި ފަސް މަސްދުވަހުގައި ރަސްކަންކުރެއްވުމަށްފަހު ނުވަވަނަ ޙަސަން ރަސްގެފާނު ކޮއްޗޭއަށް ވަޑައިގަންނަވައި, އިސްލާމްދީން ދޫކުރައްވައި, ކްރިސްޓިއަން ދީނަށް ވަދެވަޑައިގެންފިއެވެ. އެއަށްފަހު ނަންފުޅެއްކަމުގައި ހަމަޖެއްސެވީ ''ޑޮމް މެނުއަލް ( 01 ވަނަ)'' އެވެ.

އަނެއްކާ ވެސް ދިވެހި ތަޚުތު ހޯއްދަވަން އެ ރަސްގެފާނު މަސައްކަތްޕުޅު ކުރެއްވިއެވެ. ޕޯޗުގީޒުންގެ ހަނގުރާމަމަތީ ނައުފަހަރާއި, ގުރާާބުތައް ރާއްޖެ ހިފަން ފޮނުއްވައި, ދިވެހި ފަސްގަނޑުގައި ކްރިސްޓިއަން ދީން ފަތުރުއްވަން ގިނަގުނަ މަސައްކަތްޕުޅުތަކެއް ކުރެއްވިއެވެ. ސިޓީބިޓީ ފޮނުވައިގެން ވެސް އެ ޖަރީމާ ހިންގެވޭތޯ މަސައްކަތްޕުޅު ކުރެއްވިއެވެ. 

ޕޯޗުގީޒުންގެ ލަޝްކަރަށް ރާއްޖެ އަޅުވެތި ކުރެވުނީ އެބައިމީހުން ރާއްޖެ ހިފަން އައި 03 ވަނަ ފަހަރުގައެވެ. އެއީ އަލި ރަސްގެފާނު ޝަހީދު ކުޅައުމަށްފަހުގައެވެ.

އަލި ރަސްގެފާނު:

އަލި ރަސްގެފާނަކީ ޔަމަނުގެ އައްސައްޔިދު ޢަބްދުއްރަޙްމާން ދޮށިމޭނާ ކިލެގެފާނު (އަލްވަޒީރުލް އަޢުޡަމް ޢަބްދުއްރަޙުމާނު) އާއި, އަރިއަތޮޅު ފެރިދޫ ސިއްތި ކަނބައިދި ކިލެގެއަށް ލިބިވަޑައިގެންނެވި ދަރިކަލުންނެވެ. އަލި ރަސްގެފާނު ރަސްކަމަށް އިސްވެވަޑައިގަތީ ހިޖުރީ ސަނަތުން 965 (1558 މ) ވަނަ އަހަރުގައި ކަމަށް ތާރީޚުގައި ބަޔާންވެގެން އައިސްފައިވެއެވެ. 

އަލި ރަސްގެފާނު ނުވަތަ އައްސުލްޠާނު ޢަލީ (6 ވަނަ) ސިރީ އައުދަ ސިއާކަ ކައްތިރި ބަވަނަ މަހާރަދުން ރަސްކަން ކުރެއްވީ 2 މަހާއި 15 ދުވަހުގައެވެ.

އެ މަނިކުފާނުގެ ރަސްކަމުގައި ޕޯޗުގީޒުން ހަތިޔާރާއެކު މާލޭގެ ހުޅަނގު އުތުރު ފަރާތަށް ފޭބިއެވެ. ދުޝްމަނުންގެ ކަނޑިތަކާއި, ލޮންސިތަކުގެ ކުރިމައްޗަށް ނިކުތް ދިވެހި ލަޝްކަރުގެ ވެރިއެއްގެ ގޮތުގައި އެންމެ ކުރީގައި ހުންނެވީ އަޅުގަނޑުމެންގެ ހިތްވަރުފުޅުގަދަ ބަތަލު, އަލި ރަސްގެފާނެވެ. ލަޝްކަރާއެކު ޢީދު މިސްކިތާއި ހަމައަށް ވަޑައިގެން ފަހަތްޕުޅު ބައްލަވައިލެއްވިއިރު ހުރި ހިތާމައެއްގެ ބޮޑުކަމާއެވެ! ބޮޑުވަޒީރާއި ޚާދިމުންކުރެ އެކަކު ފިޔަވައި އެންމެން ފިލައިގެން ހިނގައްޖައޫއެވެ. 

''ވާހަކަ ކިޔާ ގޮތުގައި އެ ދުވަހުގެ ހަނގުރާމައާއިމެދު ލަޝްކަރީންގެ މެދުގައި އޮތީ ޚިޔާލު ތަފާތުވެފައެވެ. އެއް ބަޔަކަށް ފެންނަނީ އަމާން ދެއްވުމެވެ. ހަނގުރާމަކުރުން ހުއްޓައިލައްވައި ދުޝްމަނުންނަށް ދިވެހި ވަޠަން ދެއްވުމެވެ. އަލި ރަސްގެފާނު އެ ގޮތް ގަބޫލެއްނުކުރެއްވިއެވެ. އޭނާގެ އަރިހުގައި އެންމެ ގަދަ ހިތްވަރު ކުރަމުންދިޔަ އެކަކީ އޭދަފުށީ ހަސަންވަތަބަޑޭރި ތަކުރުފާނޭ ކިޔުނު މީހެކެވެ. މީނާއަކީ ބޮޑު ކޯއްޓޭ ގަނޭރުކަމުގައި ބަޑިޖެހުމާއި ހަވާލުވެ ހުންނެވި ބޭކަލެކެވެ. މީނާ ދެންނެވިއެވެ. ނަވުން ޖެހި ބަޑިއެއްގެ އުންޑައިންޖެހި ތިމަން މަރުވެއްޖެކަން ދެނެހުރި ހަތަރު މީހުން އައިސް ދެންނެވީމާ ނޫނީ އަމާން ނުދެއްވާށެވެ! ނަވުންޖެހި ބަޑިއަކަށް ބަޑިއެއް ބޮޑު ކޯއްޓޭ ބުރުޒުން ޖަހާނަމެވެ. މި ގޮތުގައި ހަނގުރާމަ ހިނގަމުން ދަނިކޮށް ބަޔަކު ދޮގު ހަދައިގެން އައިސް އެ ތަކުރުފާނު ނިޔާވެއްޖެކަމަށް ދަންނަވައިފިއެވެ. އަދި ބޮޑު ކޯއްޓޭ ބުރުޒަށް އަމާން ދިދަ ނަގައިފިއެވެ. އެ ތަންވަޅު ޕޯޗުގީޒުން މާލޭ ފަސްގަނޑަށް އަރައިގަތެވެ. ދެންވެސް އަލި ރަސްގެފާނު ދުލެއް ނުކުރައްވައެވެ. ހަނގުރާމަކުރައްވަމުން ގެންދެވީއެވެ.'' ފަޟީލަތުއްޝައިޚުލް އުސްތާޒުލް މަރުހޫމް މުޙައްމަދު ޖަމީލް (1980) ލިޔުއްވާފައިވެއެވެ.

އިސްލާމް ދީނާއި, ޤައުމުގެ މިނިވަންކަން ދިފާޢުކުރައްވަން ކުރެއްވި ޖިހާދުގައި އަލި ރަސްގެފާނުގެ ލޭ ފޮދުން މި ދިވެހި ފަސްގަނޑު ތެމިގެންދިޔައީ ހިޖުރައިން 965 ވަނަ އަހަރުގެ ޝަޢުބާން މަހުގެ 01 (މީލާދީން 1558 ވަނަ އަހަރުގެ މެއިމަހުގެ 19 ވަނަ ދުވަހު) ގައެވެ.

އަލި ރަސްގެފާނު ޝަހީދުވެވަޑައިގަތުމަށްފަހު ދެން ރާއްޖެ ދުށީ އެންމެ އަނިޔާވެެރި އިސްތިއުމާރެވެ. ހިޖުރައިން 965 ވަނަ އަހަރުގެ ޝަޢުބާން މަހުގެ 01 ވަނަ ދުވަހުން ފެށިގެން, ހިޖުރައިން 981 ވަނަ އަހަރުގެ ރަބީޢުލްއައްވަލު މަހުގެ 01 ވަނަ ދުވަހާއި ހަމައަށް އެ އިސްތިއުމާރު ދިގުދެމިގެންދިޔައެވެ.

''މި ދީބުގެ ހެޔޮ ދަރީންކުރެ ނަން އިތުރު އަލި ރަސްގެފާނުން މާތް!, ޝަހީދުވުމަށްފަހު ދިޔައޫ އަމާންކަން ގެއްލި އުވިގެންތާ!'' އަލި ރަސްގެފާނު ޝަހީދުވެވަޑައިގަތުމަށްފަހު ރާއްޖޭގެ ހާލަތު އޮތް ގޮތް ސިފަކުރައްވައި މަރުހޫމް ޖަމީލް ދީދީ ގަތައިލެއްވި ޅެންބައިތެއްގައި ވެއެވެ.

15 އަހަރުގެ އިސްތިއުމާރަކަށްފަހު ޕޯޗުގީޒުންގެ ވަކިތަކުން ރާއްޖެ ސަލާމަތްކޮށްދެއްވީ އައްސުލްޠާނުލް ޣާޒީ މުޙައްމަދު ތަކުރުފާނުލް އަޢުޡަމް ނުވަތަ ބޮޑު ތަކުރުފާނެވެ.

ޝަހީދުންގެ ދުވަސް:

އަނެއްކާ ވެސް މަރުހޫމް ޖަމީލް ދީދީގެ ޅެން ބައިތުތަކެކެވެ.

''ޝަހީދުންގެ ޢީދޭ ކުރާށޭ ހަނދާން,

ބަހީދެން އެ ހިތްވަރު އަލުން އައުކުރާން, 

ބަހީދެން މި ޤައުމަށްޓަކައި ޖާނުދޭން,

ބަހީދެން އެކީގައި މުޅީން ހޭދަވާން''

ޝަހީދުންގެ ދުވަސް ފާހަގަކުރަނީ ގައުމަށްޓަކައި ޝަހީދުވެވަޑައިގެންނެވި ބަތަލުންގެ ޚިދުމަތްތަކުގެ ޒިކުރާތައް އާލާކުރުމަށެވެ. މި ދުވަސް ނިސްބަތްވެގެންވަނީ އަލި ރަސްގެފާނު ޝަހީދުވެވަޑައިގެންނެވި ދުވަހަށެވެ.

އެންމެ ފުރަތަމަ މި ދުވަސް ފާހަގަކުރެވުނީ ހިޖުރައިން 1400 ވަނަ އަހަރުގެ މި ދުވަހުގައެވެ. އޭގެ ފަހުން 43 އަހަރުވީއެވެ.

''މި ދުވަސް ފާހަގަކުރާއިރު އަޅުގަނޑުމެން ގަސްދުކުރާންވީ އެންމެ ބޮޑު ކަމަކީ އެފަދަ (އަލި ރަސްގެފާނު ފަދަ) ތެދުވެެރި މުޖާހިދަކަށްވުމެވެ. ފިނޑިވެގެން ދުނގެތިވަލަށް ފިލާން ދުވި މީހުންގެ މީހަކަށް ނުވުމެވެ.'' ފުރަތަމަ ޝަހީދުންގެ ދުވަހާއި ގުޅިގެން އުސްތާޒު ޖަމީލްދީދީ (1980) ވިދާޅުވެފައިވެއެވެ.

''ޤައުމީ ދުވަސް, ހުރަވީ ދުވަސް, ޝަހީދުންގެ ދުވަސް, މިނިވަން ދުވަސް ފަދަ ދުވަސްތައް ފާހަގަކުރުމުގެ ބޭނުމުގެ މައްޗަށް ދިގު ވާހަކަތަކެއް ދައްކާކަށް ނުޖެހޭނެއެވެ. އާދެ! އެއީ އެ ދުވަސްތައް ނިސްބަތްވެފައިވާ ކަންތައްތަކާއި ނިސްބަތްވެފައިވާ އަބްޠާލުންގެ ޛިކްރާ ދިރުވުމެވެ. އެެއިން ތިމާމެންގެ ހިތުގައި އުފައްދަންވީ ޝުޢޫރުތައް އުފެއްދުމެވެ. އޭގެ ސަބަބުން ދީނާއި ޤައުމުގެ ލޯބި އުފެދުމެވެ. އެ ދެ ފަރާތަށް އަދާކުރަންވީ ޚިދުމަތްތައް އަދާކުރުންމަތީގައި ދެމިިތިބުމުގެ ބާރު ލިބިގަތުމެވެ.'' ފުރަތަމަ ޝަހީދުންގެ ދުވަހާއި ގުޅިގެން މަރުހޫމް އިބްރާހިމް ޝިހާބު (1980) ވިދާޅުވެފައިވެއެވެ.

ހަވާލާ ލިސްޓް:

ނަސީމާ މުޙައްމަދު. (2010). ދިވެހިރާއްޖޭގެ ރަހުންނާއި ރަނީން. މާލެ: ދިވެހިބަހާއިތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު.

މުޙައްމަދު އަމީން. (2002). ތަންޤީޙު ކުރެވުނު ދިވެހިރާއްޖޭގެ ތާރީޚުގެ ތަންތަންކޮޅު. ސްރިލަންކާ: ނޮވެލްޓީ އޯވަރސީޒް (ޕވޓ) ލޓޑ.

މުޙައްމަދު ޖަމީލް. (1980). ތާރީޚުގެ ދުވަހެކެވެ. މާލެ: ފަތްތޫރަ/ރައީސުލްޖުމްހޫރިއްޔާގެ އޮފީސް.

އިބްރާހިމް ޝިހާބު. (1980). ދިވެހިރާއްޖޭގައި ޝަހީދުން. މާލެ: ފަތްތޫރަ/ރައީސުލްޖުމްހޫރިއްޔާގެ އޮފީސް.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް