ހުޅުމާލޭގައި ދެވަނަ ފިޔަވަހީގައި ދެ ޕްރީ ސްކޫލެއް ގާއިމުކުރަން އެސްޖޭ ކުންފުންޏާ ހަވާލުކުރިކަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން ހާމަކުރީ މި މަހުގެ ދެ ވަނަ ދުވަހުގައެވެ.
އެ ދެ ޕްރޮޖެކްޓުގެ މަސައްކަތް އެސްޖޭ ކުންފުންޏާ ހަވާލުކުރީ ހަ މަސް ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.
އެސްޖޭ ކުންފުނިން މިއަދު ބުނީ ހުސްވި ހަފްތާ ބުރާސްފަތި ދުވަހު ބިން ހަވާލު ކުރުމާއެކު ޕްރީ ސްކޫލްގެ އަމަލީ މަސައްކަތް ފަށާފައިވާކަމަށެވެ. އެހެންކަމުން އެ ބިމުގައި ޕާކް ކޮށްފައިވާ ވެހިކަލްތަށް ނެގުމަށް އެދޭ ކަމަށާއި, ފުލެޓްތަކުގައި މަސައްކަތް ކުރާ ފަރާތްތަކުން އެ ބިމަށް ކުނި ނޭޅުމަށް ވެސް އެސްޖޭ ކުންފުނިން ވަނީ އެދިފައެވެ.
ދެ ވަނަ ފިޔަވަހީގައި ޕްރީ ސްކޫލު އިމާރަތް ކުރާނީ ކްލާސް ރޫމުތަކާއި, އޮފީސް އިމާރާތާއި, މުވައްޒަފުން ތިބޭ ގޮތަށް ހާއްސަކޮށްފައިވާ ބަޔަކާއި, ކުދިން ކުޅިވަރު ކުޅުމަށް ބޭނުންވާނެ ޕްލޭ ގްރައުންޑެއް ވެސް ހިމެނޭ ގޮތަށެވެ.