ads
ވެލިދޫ މެމްބަރު ޝަފީގް--
"އެބޭފުޅުން" ބޭނުންވަނީ ޕާޓީ ހިސޯރުކޮށް, ނަޝީދު ޕާޓީން ބޭރުކޮށްލަން: މެމްބަރު މޯޑް
އެމްޑީޕީގެ ޗެއާޕާސަން އިންތިޚާބާއި ގުޅިގެން ޕާޓީތެރޭގައި ''ހައިޖާނު'' އުފައްދަމުންދަނީ ޕާޓީ ހިސޯރުކޮށް, ޕާޓީގެ ރައީސް މުޙައްމަދު ނަޝީދު އެކަހެރިކޮށްލަންކަމަށް ވިދާޅުވެ, ރައްޔިތުން މަޖިލީހުގެ ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުﷲ ޝަފީގް (މޯޑް) ބޮޑެތި ތުހުމަތުތަކެއް ކުރައްވައިފިއެވެ.
Advertisement

އެމްޑީޕީގެ ޗެއާޕާސަން އިންތިޚާބުގައި ވާދަކުރައްވަނީ, ސަރުކާރުގެ އެންމެ ނުފޫޒުގަދަ އެއް މިނިސްޓަރު ފައްޔާޒު އިސްމާއީލާއި, އެމްޑީޕީގެ ކުރީގެ ސްޕޯކްސްޕާސަން އަދި  މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ (އިންތި) އެވެ.

ޗެއާޕާސަން އިންތިޚާބުގެ ކެމްޕޭން ފޯރިއާއެކު ކުރިއަށްދާއިރު, ދެ ކެންޑިޑޭޓުންގެ މެދުގައި ދަނީ ބަހުގެ ހަމަލާތައް ބަދަލުކުރެވެމުންނެވެ. ވަޒީފާގެ ބިރުވެރިކަމާއި އެފަދަ އެތައް ނުފޫޒަކުން ''ތަތްތެޅިފައިވާ'' ކެމްޕޭނެއް އެއް ކެންޑިޑޭޓަކު ކުރައްވަމުންދާކަމަށް އަނެއް ކެންޑިޑޭޓު ތުހުމަތު ކުރައްވާއިރު, ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި އެހެން ވިދާޅުވާ ކެންޑިޑޭޓަކީ އެމްޑީޕީގެ ''އޮރިޖިނަލެކެވެ.''

ހޮނިހިރު ދުވަހުގެރޭ ސަންގު ޓީވީން ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން މެންބަރު މޯޑް ވިދާޅުވީ ޕާޓީ ބޮޑުވެގެންދާއިރު އެކި ކަހަލަ ފިކުރުތަކަށް މަސައްކަތް ކުރާ މީހުން އުޅޭނެ ކަމަށާއި, ވާދަވެރިކަން ވެސް އިތުރުވެގެންދާނެ ކަމަށެވެ.

އެ ގޮތުން ޕާޓީތެރެއިން ވަކި ބަޔަކު އެކަހެރި ކުރަން ބޭނުންވާ އަދި ވަކި ބަޔަކުގެ ނުފޫޒު މުޅި ޕާޓީއަށް ފޯރުވަން ބޭނުންވާ ބޭފުޅުންތަކެެއް އެބައުޅުއްވާކަމަށް އޭނާ ވިދާޅުވިއެވެ.

"މި ފަހަރު މި ތަފާތުވާ ސަބަބަކީ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މީގައި އެބައުޅޭ ފާޅުގައި ނޫނަސް ހިޑްން އެޖެންޑާއެއްގެ ތެރެއިން ޕާޓީ ހިސޯރުކުރުމުގެ ވިސްނުން." ޑިމޮކްރަސީ ހަޔާތް ވަރަށް ބޮޑަށް ދިރާސާ ކުރައްވަމުން ގެންދެވި އަދި މިހާރު ވެސް އެކަން ކުރައްވަމުން ގެންދަވާ މެމްބަރު މޯޑް ވިދާޅުވިއެވެ.

ޕާޓީތެރޭގައި އޮތް ދެބަސްވުންތަކާއި ގުޅިގެން މެންބަރު މޯޑް އިތުރަށް ވިދާޅުވީ ވެރިކަން ބަދަލުކުރުމާއެކީގައި ''އެބޭފުޅުން'' ކުރަން ބޭނުންވާ ކަންތައްކެއް ނުކުރެވެނީކަމަށް ނުވަތަ ޕާޓީގެ އުސޫލުތަކާއި ހިލާފަށް އެ ބޭފުޅުން މަސައްކަތް ކުރައްވަން ބޭނުންފުޅުވަނީ ކަމަށް ވެސް ވެދާނެ ކަމަށެވެ. ނޫން ނަމަ ''އެބޭފުޅުން'' ބޭނުންވަނީ ޕާޓީން ވަކި ބައެއް އެކަހެރިކުރަން ކަމަށާއި, ރައީސް ނަޝީދު ޕާޓީން އެކަހެރި ކުރައްވަން ކަމަށެވެ.


"ހަމަ ރަނގަޅަށް ރީތިކޮށް ދަންނަވާކަމަށްވާނަމަ ރައީސް މުޙައްމަދު ނަޝީދު ޕާޓީން އެކަހެރި ކުރައްވަން ބައެއް ބޭފުޅުން ބޭނުންވަނީ. އެކަމަށްޓަކައި ކުރެވޭ މަސައްކަތެއް ޕާޓީތެރޭގަ އެބަދޭ ދުރާލާ ރޭވިގެން،" ކުރީގެ ނޫސްވެރިޔާ މޯޑް އިތުރަށް ވިދާޅުވިއެވެ.

މެންބަރު މޯޑް ވިދާޅުވީ ރައްޔިތުން މަޖިލީހުގެ އިންތިހާބުގައްޔާއި, އެމްޑީޕީގެ ގައުމީ މަޖިލިސް އިންތިހާބުގައްޔާއި އެފަދަ ކަންކަން ފެނުނު ކަމަށާއި, މިހާރު ވެސް މިދަނީ އެ މަންޒަރުތައް ފެންނަމުން ކަމަށެވެ. އަދި ހަމައެހެންމެ މަޑުމަޑު ބާރުތައް އެބަ ނަންގަވާ ކަމަށާއި, ރާއްޖޭގައި އޮތް އެންމެ ބޮޑު ޕާޓީއެއްގެ ކޮންޓްރޯލް ނެގުމުން ''އެބަޔަކަށް'' ވަރަށް ބޮޑެތި ކަންތައްތަކެއް ކުރެވޭނެކަމަށް ވެސް މޯޑް ވިދާޅުވިއެވެ.

މޯޑް ގަބޫލުކުރައްވާ ގޮތުގައި ޗެއާޕާސަނެއްގެ ހައިސިއްޔަތުން ކުރައްވަންޖެހޭ ކަންތައްތައް އެންމެ ފުރިހަމައަށް ކުރައްވާނެ ބޭފުޅަކީ އިންތިއެވެ. އަދި ޕާޓީގެ މަގުސަދުތަކާއި, އަސާސީ ގަވާއިދުގައި ހުރި ހުރިހާ ކަންތައްތަކެއް މެންބަރުންނަށް ހަމަހަމަކަމާއެކުގައި ގާއިމުކޮށްދެވޭނީ އިންތިއަށްކަމަށް ވެސް މޯޑް ވިދާޅުވިއެވެ.

"އަޅުގަނޑު ވަރަށް ކުރިއްސުރެ މިހުރީ އިމްތިޔާޒު ފަހުމީ އާއެކީ. އަޅުގަނޑު ދެކޭ ގޮތުގަ އިމްތިޔާޒު ފަހުމީއަކީ ތިލަފަތުގެ ރަމްޒެއް. ތިލަފަތަކީ އަދުލު އިންސާފު. ތިލަފަތް ރަމްޒު މި ކޮށްދެނީ ހަމަހަމަކަން،" މޯޑް ވިދާޅުވިއެވެ.

''އެބޭފުޅުން'' ބޭނުންފުޅުވަނީ ޕާޓީ ހިސޯރުކޮށް, ޕާޓީގެ ރައީސް މުޙައްމަދު ނަޝީދު އެކަހެރިކޮށްލަންކަމަށް މޯޑް ވިދާޅުވިއިރު, ރައީސް ނަޝީދާއި, ފައްޔާޒާ ދެ ބޭފުޅުންގެ މެދުގައި ބަހުގެ ހަމަލާތަކެއް ވެސް މީގެ ކުރިން ވަނީ ބަދަލުކޮށްފަ އެވެ. އެ ގޮތުން ރައީސް ނަޝީދު ވަނީ ޕާޓީތެރޭގައި ''ބްރޯ'' ހެދިގެން ނޫޅުއްވުމަށް ވެސް ފައްޔާޒު ގާތު ވިދާޅުވެފައެވެ.

80%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
20%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް