ads
ގއ. މާމެންދޫ ބަހާރީގޭ މުހައްމަދު ޝަމީމް އަބްދުލް މުހުސިން..
ސުދައިސްގެ ރާގުން ގުރުއާން ކިޔަވާ ދިވެއްސެއް: އޮންލައިން ކުލާސްތައް ކަންކޮޅުތަކަށް!
ސައުދީ މިސްކިތް ތަކުން ގުރުއާނުގެ އަޑު ގުގުމަމުންދާ ޝެއިޙް އަބުދުއް ރަހުމާން އަލްސުދައިސްގެ އަޑުގެ ރާގުން ގުރުއާން ކިޔަވާ ދިވެއްސެއްގެ ވާހަކަ އަކީ ނިމިދިޔަ ރަމަޟާން މަސް ތެރޭގައި އެންމެ އަޑު ހަރުކޮށް ދެކެވުނު އެއް ވާހަކަ އެވެ. މިއަދު އެ ޒުވާނާ ދަނީ ރާއްޖޭގެ އެކި ކަންކޮޅު ތަކުގައި ތިބި ކުޑަ ކުދިންނަށް އޭނާގެ އަޑުގެ ރާގު ދަސްކޮށްދޭ އޮންލައިން ކުލާސް ތަކެއް ނަގައި ދެމުން ނެވެ.
Advertisement

ކޮވިޑްގެ އާލަމީ ބޮޑު ވަބާގައި ދުނިޔެ ބަންދު ވެފައި ވަނިކޮށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. ޝަހީމް ފެއްޓެވި ގުރުއާން ޗެލެންޖް ގައި ގިނަ ދިވެހިން ބައިވެރިވަމުން ދިޔަ ދަނޑިވަޅުގައި ގުރުއާނުގެ ކުރު ވީޑިއޯއެއް އެފްބީއަށް ދޫކޮށް އާންމުންގެ ބޮޑު ސަމާލުކަމެއް ލިބިގެން ދިޔައީ ގއ. މާމެންދޫ ބަހާރީގޭ މުހައްމަދު ޝަމީމް އަބްދުލް މުހުސިންގެ އަޑުގެ ފަށުވިކަމާއި ރީތި ރާގުގެ ތަފާތު ކަމެއް ފާހަގަ ކުރެވިގެންނެވެ.

އާންމުކޮށް ފަސް ރާގަކަށް ގުރުއާން ކިޔަވާ ޝަމީމް ބުނާގޮތުން އެ ރަމަޟާން މަހު އޭނާ އެ ވީޑިއޯ ފޭސް ބުކަށް ދޫ ކުރެއްވީ އެ ޗެލެންޖްގައި ބައިވެރި ވެގެނެއްނޫނެވެ. ނަމަވެސް ވަގުތާއި ދަނޑިވަޅުގެ ގޮތުން ގިނަމީހުން ވީޑިއޯ ތައް ދޫކުރަމުން އައި ދުވަސްކޮޅާއި ދިމާވީ ކަމަށް އޭނާ ބުންޏެވެ. އެދުވަހު ގުރުއާން ކިޔަވާފައިވާ އެ ވީޑިއޯ ފޭސްބުކަށް ދޫކޮށް ލުމާއެކު އެކި މީހުންގެ އެކިއެކި ކޮމެންޓް ތައް ލިބެމުން ދިޔަކަމަށް އޭނާ ބުންޏެވެ. 

"އެއީ އަސްލެއް ނޫން ކަމަށް ވެސް ބައެއް މީހުން ބުނި. އަޑު ދަށުން ކިޔާ ރިކޯޑް ކޮށް ފައިވާ ކަމަށް ވެސް ބުނި. ނަމަވެސް އަމިއްލަ އަށް ކިޔާފައި ހުރި ވީޑިއޯއެއް ވީމަ އަޅާނުލާ ހުރީ. އެހެން ހުއްޓާ މީޑިއާ ތަކަށް އެކަން ތިލަވެގެން އައީ " ޝަމީމް ބުންޏެވެ.

މަންމަގެ އުނގުން ކައްވަޅަށް ދާންދެން އިލްމު އުނގެނޭށޭ ބުނާ ބީދައިން މަންމަގެ އުނގުން ގުރުއާން ކިޔަވަން ދަސް ކޮށް، އޭނާ ތަޖުވީދު މަގަށް ގުރުއާން ކިޔަވަން ދަސްކުރީ ގއ. ވިލިގިލީގައި ހުންނަ ނޫރުލް ގުރުއާންގެ ގޮތްޕެއް އަލަށް ހުޅުވައިގެން އުޅުނު ދުވަސްވަރުއެވެ. އެތާނގައި ގާތްގަނޑަކަށް ދޮޅުއަހަރު ކިޔެވުމުގައި އޭނާ ހޭދަކުރިއެވެ.. އެއީ 1995 ހިސާބެވެ.

މިއަދު ޝަމީމް އަކީ ތަޖުވީދު މަގުން އޭނާގެ އެ "ރީތިރާގު" ރާއްޖެގެ އެކި ކަންކޮޅު ތަކުގައި ތިބި ކުދިންނަށް އޮންލައިން ކޮށް ކިޔައިދީ، ކިޔަވައިދެމުން އަންނަ ޓީޗަރެކެވެ. އޭނާ ދަނީ ލިބޭ ހުސްވަގުތު ތަކުގައި ރާއްޖޭގެ އެކި ހިސާބު ތަކަށް އޮންލައިންކޮށް ގުރުއާން ކުލާސްތައް ވެސް ނަގައި ދެމުންނެވެ.

ޝަމީމްގެ މަންމަ އަކީ އޭނާ އެންމެ ކުޑަ އިރުން ފެށިގެން ވެސް ގޭގައި ގުރުއާން ކިޔަވައިދޭ މީހެކެވެ. އެހެންކަމުން މަންމަގެ އެދުރުކަމުގެ ދަށުން އުނގެނި، މިއަދު ގުރުއާނުން އެންމެ މަތީ ހަރުފަތަށް އޭނާއަށް އަދި ނުދެވުނަސް އޭނާ ވަނީ އިމާމް ލެވެލް ތިނެއް ނިންމައި، ގިރާތު ލެވެލް ދޭއް ކިޔަވަމުން ނެވެ.

އެންމެ ފުރަތަމަ ސުދައިސްގެ ރާގަށް ކިޔަވަން ފެށުނު ގޮތް ކިޔައި ދެމުން ޝަމީމް ބުނީ ނަމާދުގައި ދިގު ރާގަށް ކިޔަވަން ފެށި ގޮތަށް އެއީ ހަމަ ކިޔެވުނު ރާގެއް ކަމަށެވެ. އަދި އޭގެ ފަހުން ސައުދީ އަށް، އުމުރާ އަށް ގޮސް އުޅުނު އިރު ސުދައިސްގެ ގުރުއާން ކިޔެވުމުގެ އަޑު އިވުނު ކަމަށާއި، އޭގެ ފަހުން ނަމާދުގައި އެގޮތަށް ކިޔަވާ ކަމަށެވެ.

ޝަމީމް ބުނީ މިހާރުވެސް ފަސް ރާގަކަށް ގުރުއާން ކިޔަވާ ކަމަށާއި ދިގު ރާގަކަށް ކިޔަވަނީ އެންމެ ރާގަކަށް ކަމަށެވެ.

14 އަހަރު މިފްކޯގެ އެޗް އާރު ދާއިރާގައި މަސައްކަތް ކުރި ޝަމީމް މިއަދު ހުރީ އަމިއްލަ ރަށް ކަމަށްވާ ގއ. މާމެންދޫއަށް ބަދަލުވެ ރަށު މިސްކިތުގެ އިމާމަކަށެވެ. ގުރުއާން އުނގެނުމާއި ކިޔެވުމަށް ހުރި ލޯތްބާއިއެކު އޭނާ އުމުން އެންމެ 38 އަހަރުގައި އެދަނީ ކުދިންނަށް ގުރުއާން ކިޔަވައިދީ ގުރުއާނުގެ އިލްމު އުގެނެމުންނެވެ. 

ޝަމީމަށް ލިބިފައިވާ އިލްމާއި ހުނަރުގެ ބޭނުން އެންމެ ހެޔޮ ގޮތުގައި އޭނާ އެދަނީ ހިފަމުންނެވެ. އަގު ހުރި ގޮތުގައި ބަޔަކަށް އެ އިލްމު ފޯރު ކޮށްދެމުންނެވެ. 

އިލްމު އުނގެނި އިލްމާ އެއްގޮތަށް އަމަލުކުރާ މީހުންނަކީ މާތް ﷲ އަށް އެންމެ ބޮޑަށް ބިރުވެތިވެ، ތަގުވާވެރިވާ މީހުންނެވެ. އިލްމު އުނގެނިގެން ހުންނަ މީހާއަށް އިލްމުވެރިންގެ ދަރަޖަ ލިބުމާއެކު އޭނާގެ ހިތަށް އުފާވެރިކަން ގެނުވައެވެ. ޝަމީމުގެ މަސައްކަތް އެތައް ބަޔަކަށް މުހިއްމެވެ. ފެށެން ކައިރި ވެފައިވާ ރަމަޟާން މަހަކީ ޝަމީމްމެންފަދަ މީހުންގެ އަޑު އަހާލަން ބޭނުންވެފައިވާ މީހުން އިންތިޒާރު ކުރާނެ މަހެކެވެ. 

92%
ކަމުގޮސްފި
5%
އަޑުއެހިތާ މިހުރީ
3%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް