
އަންހެނުންގެ ކުރިމަގަށް ހުރަސް އަޅާ ކަސިޔާރު ފިކުރު ތަކެއް:
ޒުވާން އަންހެނުންގެ ކުރިމަގަށް ހުރަސްއަޅާ ފިކުރުތައް ދިވެހިންގެ ތެރޭގައި ތިބިއިރު، މިހުރަސް ގިރާ ކުރެވޭނީ އެންމެންގެ ވިސްނުން ބަދަލު ކޮށްގެން ކަމަށް ރައީސް ސޯލިހު މީގެ ކުރިން ވިދާޅުވި އެވެ.
" އެފަދަ ޒުވާނުންގެ ކުރިމަގަށް ހުރަސް އަޅާ، ކަސިޔާރު ފިކުރުތަކެއް އަޅުގަނޑުމެންގެ ތެރޭގައި އެބަތިބި. އިޖްތިމާއީ އަދި ގައުމީ ހިދުމަތަށް އަންހެނުންނަށް އޮތް ފުރުސަތު ހަނި ކުރުމަށް ބޭނުންވާ މަދު ބަޔަކު ނަމަވެސް އެބައުޅޭ،" ރައީސް ވިދާޅުވި އެވެ.
ކޮންމެ ކަމަކީ ގާނޫނުން ހައްލު ކުރެވޭނެ ކަންކަމެއް ނޫން ކަމަށާއި، މިފަދަ ކަންކަން ހައްލު ކުރެވޭނީ އަޅުގަނޑު މެން އެންމެންގެ ވިސްނުން ބަދަލު ކޮށް ގެން ކަމަށް ރައީސް އެ ދުވަހު ވިދާޅުވި އެވެ.
ކަން މިހެން އޮތް ނަމަވެސް ލާމަރުކަޒީ ގާނޫނަށް ސަރުކާރުން ވަނީ ބޮޑު ބަދަލެއް ގެނެސްފަ އެވެ. އަންހެނުންނަށް ކައުންސިލް ގެ ތެރެއިން ގޮނޑި ހާއްސަ ކޮށްފަ އެވެ. އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތައް އިންތިހާބެއްގެ ތެރެއިން ބޭއްވިގެން ދާނެ ގާނޫނެއް ވެސް ހަދާފަ އެވެ. އެކަންކަން ކޮށްފައިވަނީ ސިޔާސަތު ކަނޑައެޅުމުގެ ކަންކަމުގައި އަންހެނުންގެ ބައިވެރިވުން އަމަލީ ގޮތުން އިތުރު ކުރުވުމުގެ ބޭނުމުގައި ވެސް މެ އެވެ.
ކީއްވެ އަންހެނުން ބާކީ ކޮށްލީމަ ފިޔަވަޅު ނޭޅެންވީ:
ތެދެއްމެ އެވެ. އަންހެނަކަށް ވީތީ އަންހެނުންގެ ދަރަޖަ ކުޑަކޮށްލާ އެތައް ބަޔަކު ގައުމުގައި އެބަތިއްބެވެ. ގަސްތުގައި ކުރިމަގު މަރާލަން ދެކޮޅު ހަދާ އެތައް ބައެއް ވެސް އުޅެ އެވެ. އޭގެ ސަބަބުން ކުދި ރަށް ރަށުގައި ތިބި ގިނަ އަންހެނުން ވަނީ ބިކަވެފަ އެވެ. އެކަހެރި ވެފަ އެވެ. އެ މީހުންގެ ތެރެއިން ބައެއް އަންހެނުން ދެކެނީ ތިމަންނާ މެންނަކީ މުޖުތަމައު އިން އެކެހެރި ވެފައިވާ ބައެއްގެ ގޮތުގަ އެވެ.
އެފަދަ ފަރާތްތަށް ދެކޭ ގޮތުގައި އަންހެނުންގެ ދަރަޖަ އަކީ، ގޭގައި ތިބެ ކުދިން ބެލުމާއި، ބަދިގެ ފޮޅާ ސާފު ކުރުމާއި، މަސް ކައްކަން ތިބުމެވެ. އެއްވެސް އިސް މަގާމަކަށް އަންހެން ކަނބަލަކު ބަސް ބުނާ ހިސާބަށް ގެންނާކަށް މިފަދަ ފަރާތްތައް ބޭނުން ނުވާ ކަހަލަ އެވެ.
ވާނެއޭ، ކުރެވޭނެ އޭ، ބުނެ އަޑު އުފުލާ އަންހެނުން ގައުމުގާ ތިބި އިރު، އިސް މަތަކުގައި ތިބެ އަންހެނަކަށް ވިތީ ނުކުރެވޭނެ ކަމަށް ބުނެ އަމިއްލަ ނަފްސު ނިކަމެތި ކޮށް ބޭރު ކޮށްލި އެތައް އަންހެނުންނެއް މިއަދު ގައުމުގައި އެބަތިއްބެވެ. އެފަދަ ހިތި ތަޖުރިބާ ތަކުގެ ސަބަބުން އަންހެނުންގެ ތެރެއިން ގިނަ އަންހެނުން މިއަދު އެއީ ތެދެއް ކަމަށް ގަބޫލުކޮށް އެކިހެރިވެފައިވާ މަންޒަރު ވެސް މި މުޖުތަމައުގެ ތެރެއިން އެބަ ފެނެ އެވެ.
ކަށިން ހިތަވަރު ނެެރެ ތިމާ އަށް ވާނެ ކަމަށް ފާޅުގައި އަޑު އުފުލާ މުޖުތަމައު އަށް ނުކުންނަން ބޭނުންވާ އަންހެނުންނަށް އެ ފުރުސަތު ދިނުމަކީ އެފުރުސަތުން އެކަހެރި ކުރުވާ ފަރާތަކަށް ގާނޫނުގެ ތެރެއިން ފިޔަވަޅު އަޅަން ޖެހޭ ކަމެއް ކަމަށް އެފަދަ އަންހެނުން ދެކެ އެވެ.
އަންހެނުންގެ ހައްގުގައި ސަރުކާރުން، ބަދަލުތަކެއް:
- ރަށްރަށާއި ސިޓީތަކުގެ ކައުންސިލްތަކުގެ 33 ޕަސެންޓް އަންހެނުންނަށް ހާއްސަ ކުރި
- ރާއްޖޭގެ ޝަރުއީ ކޯޓުތަކުގެ ފަނޑިޔާރުންގެ ގޮތުގައި އަންހެނުން އައްޔަން ކުރި
އަންހެނުން ބާރުވެރި ކުރުވުމަށް ސަރުކާރުން ކުރާ މަސައްކަތުގައި އަންހެނުންނަށް ފަހި ފުރުސަތު ތަކެއް ހުޅުވިއްޖެ އެވެ. ލާމަރުކަޒީ ގާނޫނާއި އެކު ރަށްރަށާއި ސިޓީތަކާއި، ކައުންސިލްތަކުގެ 33 ޕަސެންޓް އަންހެނުންނަށް ހާއްސަކުރުމުގެ ނަތީޖާ ދަނީ ބާރު ސްޕީޑްގައި ފެންނަމުންނެވެ. ކައުންސިލް ތަކުގައި އަންހެން ކައުންސިލަރުން ހަރަކާތްތެރިވުން ވަނީ އިތުރުވެފަ އެވެ.
ރާއްޖޭގެ ޝަރުއީ ކޯޓުތަކުގެ ފަނޑިޔާރުންގެ ގޮތުގައި އަންހެނުން އައްޔަންކުރެފައި ވާއިރު، ސްޕްރީމް ކޯޓަށް އަންހެން ފަނޑިޔާރުން ވަނީ އައްޔަން ކޮށް ފައެވެ.
އަންހެންނުން މަސައްކަތުގެ މައިދާނަށް ނުކުތުމުގައި އިސްލާމް ދީނުގައި ވަކި މިންގަނޑެއް ކަނޑައަޅާފައި ވާއިރު، އެއާ ހިލާފު ނުވާ ގޮތަށް އަމަލު ކުރުމަކީ، މުޖުތަމައު އަށް ނުކުންނަ އަންހެނެއްގެ އަމިއްލަ ޒިންމާ އެކެވެ.
އޭވިއޭޝަނާއި އިންޖިނިއަރިން ފަދަ ފިރިހެނުން އަދާކުރާ ވަޒީފާ ތަކުގައި، މަސައްކަތް ކުރާ އަންހެނުންގެ އަދަދު އަންނަނީ ރާއްޖޭގައި ވެސް ފެންނަމުން އިތުރުވަމުން ނެވެ. ލޯންޗާއި ބޯޓުގެ ކައްޕީންގެ ގޮތުގަ އާއި މަރާމާތުކުރުމާއި، އިންޖިނިއަރިން ފަދަ ދާއިރާތަކާއި ސިޔާސީ އެކިލެވެލް ތަކުގައި ވެސް އަންހެނުން އިތުރު ކުރެވޭނީ އެ ވިސްނުން ބަދަލުކޮށް ގެންނެވެ.
ޒަމާނުއްސުރެ މުޖުތަމައުގައި އޮތް މި ވިސްނުން ބަދަލު ކުރެވޭނީ އެންމެން އެކައްޗެއް ކިޔައި މިހާރަށް ވުރެ ބޮޑަށް ގާނޫނަށް ބަދަލުތައް ގެނެސްގެން ނެވެ. މާލެއެކޭ އެއްގޮތަށް އަތޮޅު ތަކުގެ ކުދި ކުދި ރަށްރަށުގެ ތިއްބެވި ފަރާތްތަކާ ވެސް މަޝްވަރާ ކުރެވިގެން ނެވެ.
އަންހެނުން ބާރުވެރި ކުރުވާ ވާހަކަ އާއި ހަމަހަމަ ފުރުސަތު ދޭނެ ވާހަކަ އަކީ އަބަދު ވެސް ދައްކާ ވާހަކަ އެކެވެ. ކުޑަ ކުއްޖަކު ނިންދަވަން ނާނާ ކިޔާ އުސޫލުން އެ ވާހަކަ ދައްކާތައް އެތައް ދުވަހެއް ވެއްޖެ އެވެ. ސުވާލަކީ އެ ވާހަކަ ދައްކަނީ ކޮންމެ ވެސް އެހެން މަގުސަދެއް ހާސިލް ކުރުމަށް ބާއްވަ އެވެ. ނުވަތަ އަމަލީގޮތުން އަންހެނުންނަށް ހައްގު މިންވަރަށް ދިނުމަށް އަސްލު ވެސް ސަރުކާރުތަކުން ދެކޮޅު ހަދަނީ ބާއްވަ އެވެ. އެހެން ނޫން ނަމަ އެ ވެރިންނަށް ދޭން ބުނާ މިންވަރަކަށް އެ ބުނާ ބާރަކާއި ހަމަހަމަކަން ނުދެނީ ކީއްވެ ބާއްވަ އެވެ.