
އެހެން ނަމަވެސް މިފަދަ އެތައް އަނިޔާތަކެއް އެތައް އަހަރު ތަކެއް ވަންދެން ތަހަމްމަލު ކުރަމުން އަންނަ އަހަރުމެންގެ އަހުންގެ މަތިން މިއަދު ހަނދާން ހުރިހެނެއް ހިއެއް ނުވެއެވެ.
ފަލަސްތީނުގެ މުސްލިމުންނަށް އެ ނުލަފާ އިޒްރާއީލު ސިފައިންނާއި ރައްޔިތުން ދެމުން އަންނަ ލާ އިންސާނީ ހަމަލާތަކުގެ މަތިން މިއަދު ހަނދާނެއް ނެތެވެ.
އެހެން ނަމަވެސް އަހަރުމެން މިއީ ސައްތައިން ސައްތަ މުސްލިމުން ކަމަށް ބުނާއިރު، ފަލަސްތީނުގައި ތިބި އަހުންނާއި އުހުތުންގެ މަތިން އެންމެ ކުޑަމިނުން ވިސްނާލާނެ ވަގުތެއް ވެސް މިވަނީ ނުލިބިފަ އެވެ. ފަހަރުގައި މިއީ މީޑިއާ ތަކުން ފަލަ ސުރުހީތަކުގައި އެވާހަކަތައް ނުގެނެސްދޭތީ ކަމަށް ވެސް ވެދާނެ އެވެ. ނޫން ނަމަ އަހަރުމެންގެ ހުރި "ޖާހިލު" ކަމުގެ ކަމުން ކަމަށްވެސް ވެދާނެ އެވެ.
މި ވާހަކަ މިއަދު ކިޔުންތެރިންނާއި ހިއްސާ ކުރުމުން އެކަމުގެ ބަދަލުގެ ގޮތުގައި ރުޅި މޫނު ހަދާނެ ބަޔަކު ވެސް ތިބޭނެ އެވެ. އެހެން ނަމަވެސް މިއަދި މިއީ ދައްކަން ޖެހޭ ވާހަކަ އެކެވެ.
އިސްރާއީލުން ފަލަސްތީނުގެ އެ މާތް ބިމަށް އަރާ ދެމުން އަންނަ ހަމަލާތަކާއި، ޝަހީދު ކުރަމުން އަންނަ މުސްލިމު އަހުންނާއި އުހުތުންގެ މަތިން ހަނދާން ކޮށް އެކަމާއި މެދު ދެރަވެ ހިތާމަ ނުކުރަންޖެހޭ އެއްވެސް ސަބަބެއް މުސްލިމަކަށް ވީތީ އޮވެގެން ނުވާނެއެވެ.
ގޭގެ ބެލްކަނީގަޔާއި، ގޭގެ ފާރުގައި ފަލަސްތީނުގެ ދިދަ ކުރަހާ ފަލަސްތީނު މިނިވަން ކުރުމަށް ގޮވާލި ހަނދާން އަދި ފިލާގެން ދާނެހާ ދުވަހެއް ނުވެއެވެ.
ޓީވީ ތަކުން ލައިވް ކަވަރޭޖް ފޮނުވާ ރޮއި ހޭރުނު ދުވަސް ހަނދާނުގައި އަދި އެބަހުއްޓެވެ. އެހެން ކަމުން މިއަދު ރަޝިއާއިން ޔޫކްރެއިން އަށް ދެމުން އަންނަ ހަމަލާތައް ބޮޑުވެގެން އެކަމާއި މެދު ނުރުހުން ފާޅުކޮށް އދ. ގެ އާއްމު މަޖިލީހުގައި އެކަން ކުށްވެރި ކުރިގޮތަށް އިސްރާއީލުގެ އެ ނުބާކަން ވެސް ކުށްވެރި ކުރެވެން ވާނެއެވެ.
މާދަމާ ހެނދުނު ވެސް މި ދުނިޔެ އާއި ވަކިވާން ޖެހިދާނެ ކަމުގެ ބިރު މިހާރު ވެސް ފަލަސްތީނުގެ އެތައް ބައެއްގެ ހިތުގައި ވާނެ އެވެ. މިއަދު ހަވީރު އިސްރާއީލުން މަރާލާ މަގު މައްޗަށް ވައްޓާލާނީ ކާކުގެ މަންމައެއް ކަމެއް ނޭނގެ އެވެ. މަގްރިބް ނަމާދަށް ދާން މިސްކިތައް ދާ މަގުމަތިން އަތުގައި ބިޑި އަޅުވާ ޖަލުގެ ތޭރިތެރެއަށް ލާނީ ކާކުގެ ކޮއްކޮ އެއް ކަމެއް ނޭނގެ އެވެ.
މިއީ ފަލަސްތީނުގެ އުމުރުން އަށް އަހަރުގެ ހައިތަމް ބިން މުހައްމަދު އޭނާގެ މަންމަ މަގުމަތިން ދަނިކޮށް އިސްރާއީލު ސިފައިން ދިން ބަޑީގެ ހަމަލާއެއްގައި މި ފަނާކުރަނެވި ދުނިޔެ އާއި ވަކުވުމުން ބުނި ވާހަކަ އެވެ. މިކަމާއި މެދު ހިތުގައި ރަހުމު ނެތް ނަމަ އަހަރުމެން މިއީ އިންސާނުންގެ ދަރަޖައަށް ވެސް ނުފެތޭ މީހުން ނެވެ.
ޔޫކްރެއިން އަށް ދެމުން އަންނަ ހަމަލާތަކާއި ގުޅިގެން އެގައުމުން ރެފިއުޖީއިންގެ ގޮތުގައި ނިކުންނަ މީހުންނަށް ރާއްޖެއިން ހިމާޔަތް ދޭން ބޭނުން ކަމަށް ބުނެ ސޯޝަލް މީޑިއާގައި ޝުއޫރު ފާޅު ކުރަމުން އަންނަ ފަރާތްތަކަށް އިސްރާއީލުން ދެމުން އަންނަ ހަމަލާތަކާއި ގުޅިގެން ޔަތީމުވާ ކުދިން ބަލައި ދޭނެ ކަމަށް ނުބުނެވެނީ ފަހެ ކީއްވެ ހެއްޔެވެ. އެއީ އެ ކުދިންގެ ބޮލުގެ އިސްތަށީގެ ކުލަ ރަން ކުލައިގައި ނެތުމުން ހެއްޔެވެ. ނުވަތަ އެއީ ތިމާ ހިތް ކިޔާ ޒާތުގެ ޒުވާނަކަށް ނުވީމަ ހެއްޔެވެ.
އެންމެން ކިޔެވީ އެއްފޮތަކުންނޭ ބުންޏަސް މިއަދު މި ފެންނަނީ އެއާ ދިމާ އިދިކޮޅަށް ކަންކަން ކުރަމުން އަންނަ ތަނެވެ.
ޔޫކްރެއިންގެ ނޫކަށި ފުރައިގެ ޒުވާނުންނަށް ދިވެހިންގެ ހިތްތައް ލެނބި އެމީހުންނަށް ހިމާޔަތާއި، ގޭގެ ގޯތިން ބައެއް ދޭނެ ކަމަށް ބުނެ ފާޅު ކުރާ ޝުއޫރުތަކުން އެކަން އެނގި ޔަގީންވެގެން ހިނގައްޖެ އެވެ.
ހިތުގައި މުސްލިމު އަހުންނާއި އުހުތުންނާއި ދޭތެރޭ ބަޔަކު މީހުން އެތައް އަހަރު ތަކެއް ވަންދެން ދެމުން އަންނަ ހަމަލާތައް ފެނުމަށް ލޯ ތައް ކަނުވެފައި ވާނަމަ ތިމާގެ ހާލާއި މެދު އަހަރެން ދެރަވަމެވެ. އަހަރުމެން މިއީ މުސްލިމުން ކަމުގައި ވީއިރު މުސްލިމުން ދިފާއު ނުކޮށް ހަރުބީ ކާފަރުން ދިފާއު ކުރުމަށް އަހަރުމެންނަށް ލިބެނީ ކޮން ހައްގެއް ހެއްޔެވެ.!