ޕްރިޒަން އޮފިސަރުންނަށް ހިންގި “ޕްރިންސިޕަލްސް އެންޑް ކޮންސެޕްޓްސް އޮފް ކައުންޓަރިންގ ވަޔަލަންޓް އެކްސްޓްރީމިސްމް އެންޑް ހައި ސެކިއުރިޓީ ޕްރިޒަން އޮޕަރޭޝަންސް” ޕްރޮގްރާމް ނިމުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސީޕީ އަހްމަދު ވިދާޅުވީ، ދީނުގެ ނަމުގައި ހަރުކަށި ފިކުރު ފެތުރުމަކީ މުޅި ދުނިޔަށް ކުރިމަތިވެފައިވާ ކަމެއް ކަމަށެވެ.
ޓްރޭނިން ޕްރޮގްރާމްގެ ބައިވެރިންނަށް މުހާތަބްކުރައްވާ ސީޕީ ވިދާޅުވީ، ހަރުކަށި ފިކުރު ފެތުރުން ހުއްޓުވުމަށްޓަކައި ފަރުދީ ޒިންމާ އަދާކޮށް، މަސައްކަތު މާހައުލުގައި ވެސް އެ ޓްރޭނިން އިން ލިބުނު އިލްމުގެ އަލީގައި، މަސައްކަތްކުރާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.
އަދި އެމެރިކާގެ ޖަސްޓިސް ޑިޕަޓްމަންޓަށް ޝުކުރު އަދާ ކުރައްވަމުން ސީޕީ ވިދާޅުވީ މުސްތަޤްބަލުގައިވެސް މިފަދަ މުހިއްމު ޓްރޭނިން ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމުގައި އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމަށް އުންމީދު ކުރައްވާކަމަށެވެ.
މި ޓްރޭނިން ޕްރޮގްރާމްގެ ބައިވެރިންނަށް ކިޔަވައިދެއްވި އެމެރިކާގެ ޑިޕަޓްމަންޓް އޮފް ޖަސްޓިސްގެ އިންޓަނޭޝަނަލް ކްރިމިނަލް އިންވެސްޓިގޭޓިވް ޓްރޭނިން އެސިސްޓަންސް ޕްރޮގްރާމް (އައިސިޓަޕް) ގެ ކޮންސަލްޓަންޓްކަމަށްވާ މރ. މައިކް ޕަނެކް ވަނީ، ދަސްވި އެއްޗެއްގެ ބޭނުން ފުރިހަމަ ގޮތުގައި ހިފުމަށް އިލްތިމާސްކޮށްފައެވެ. އޭނާ ވިދާޅުވީ އެކަމުގެ ސަބަބުން ހަރުކަށި ފިކުރުގެ ފަރާތްތައް ރިހެބިލިޓޭޓްކޮށް ބަދަލުކުރުވުމަކީ ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށެވެ.
މި ރަސްމިއްޔާތުގައި ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ ސީޕީ އަހްމަދެވެ. ކަރެކްޝަނުން ބުނީ އެ ޕްރޮގްރާމް ހިންގުމުގެ މައިގަނޑު ބޭނުމަކީ ޖަލުތަކުގައި ހަރުކަށި ފިކުރު ފެތުރުން ހުއްޓުވުމާ ބެހޭގޮތުން ޕްރިޒަން އޮފިސަރުން ހޭލުންތެރިކުރުވުން ކަމަށެވެ. މިގޮތުން މިފަދަ ޤައިދީން ރިހެބިލިޓޭޓްކުރުމުގެ ގޮތުން މާފުށީ ޖަލުގައި ސްޕެޝަލް މެނޭޖްމަންޓް ޔުނިޓް (އެސްއެމްޔޫ) ވަނީ ޤާއިމްކޮށްފައެވެ. މި ޓްރޭނިން ޕްރޮގްރާމްގައި މާފުށީ ޖަލުގެ 28 އޮފިސަރުން ވަނީ ބައިވެރިވެފައެވެ.