ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ސަރުކާރުގެ ފަރާތުން ސީއެސްސީގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ހުށަހަޅުއްވައިދެއްވީ އައްޑޫ ސިޓީ މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް (މަވޯޓާ) އެވެ.
މި ގާނޫނަށް އިސްލާހު ގެންނަން ޖެހުނީ މީގެކުރިން މަޖިލީހުން މި ގާނޫނަށް ގެނައި ހަވަނަ އިސްލާހުގައި ގާނޫނުގެ 17 ވަނަ މާއްދާ އެއްކޮށް އިސްލާހު ކުރުމުގެތެރޭގައި, ސީއެސްސީގެ ރައީސްގެ މަސްއޫލިއްޔަތު ބަޔާން ކުރުމާއެކު, ކޮމިޝަނުގެ ރައީސް މަސްއޫލިއްޔަތު އަދާކުރުމަށް ނުކުޅެދިއްޖެ ހާލަތެއްގައި ނުވަތަ އުޒުރުވެރިވެއްޖެ ހާލަތެއްގައި ނުވަތަ މަގާމު ހުސްވެއްޖެ ހާލަތެއްގައި, އެ މަގާމު ވަގުތީ ގޮތުން އަދާކުރާނީ ކޮމިޝަނުގެ ނައިބު ރައީސްކަމަށް ބަޔާންކޮށްފައިވަނިކޮށް އެކަން އެއްކޮށް އުނިވެގެން ގޮސްފައިވާތީކަމަށް ޝަރީފް ވިދާޅުވިއެވެ.
އެ ގޮތުން ސީއެސްސީގެ ރައީސްގެ މަސްއޫލިއްޔަތުތަކަށް ގެންނަ ބަދަލުތަކުގެ ގޮތުގައި ކޮމިޝަންގެ މަސްއޫލިއްޔަތު އަދާކުރުމަށް ބޭނުންވާ ލަފަޔާއި, އިރުޝާދު ދިނުމާއި, ކޮމިޝަނުގެ ބައްދަލުވުންތަކުގެ އެޖެންޑާ ކަނޑައަޅައި ބާއްވާނެ ތާރީހު ކަނޑައެޅުންފަދަ ކަންކަން ނިންމުމާއި, ބައްދަލުވުންތަކުގެ ރިޔާސަތު ބެލެހެއްޓުމާއި, ކޮމިޝަންގެ ނިންމުންތައް ތަންފީޒުކުރުން ހިމެނެއެވެ. އަދި އިދާރީ އެކިއެކި މަސައްކަތްތައް ހިންގައި ބެލެހެއްޓުމާގުޅޭ އުސޫލު ކަނޑައެޅުމާއި, އެ އުސޫލާއި އެއްގޮތަށް ކަންކަންދޭތޯ ބެލުން ހިމެނެއެވެ.
ހަމައެހެންމެ ކޮމިޝަނުގެ ރައީސް މަސްއޫލިއްޔަތު އަދާކުރުމަށް ނުކުޅެދިއްޖެ ހާލަތެއްގައި ނުވަތަ އުޒުރުވެރިވެއްޖެ ހާލަތެއްގައި ނުވަތަ މަގާމު ހުސްވެއްޖެ ހާލަތެއްގައި, އެ މަގާމު ވަގުތީ ގޮތުން އަދާކުރާނީ ކޮމިޝަނުގެ ނައިބު ރައީސްކަމަށް ވެސް އިސްލާހުގައިވެއެވެ.
ބިލު ހުށަހެޅުއްވުމަށްފަހު ޝަރީފް ވިދާޅުވީ ސީއެސްސީއަކީ މިނިވަންކަމާއެކު އެއްވެސް ރައްޔިތަކު ތަފާތުކުރުމެއްނެތި ސަރުކާރުން ފޯރުކޮށްދޭންޖެހޭ އެންމެހާ އަސާސީ ހިދުމަތްތައް ފޯރުކޮށްދޭންޖެހޭ އިދާރާއެއްގެ ގޮތުގައި އޮންނަންޖެހޭ ތަނެއް ކަމަށެވެ. އަދި މިކަން ކަށަވަރު ކުރުމުގެ އެންމެ ބޮޑު މަސްއޫލިއްޔަތެއް މި އޮންނަނީ ކޮމިޝަނުގެ ރައީސްގެ ކޮނޑުގައި އެޅިފައި ކަމަށާއި, މިހެން ދެންނެވިޔަސް އަބަދުވެސް ޝަކުވާތައް އިވެމުންދާ ކަމަށެވެ.
ޝަރީފް ވިދާޅުވީ ސީއެސްސީން މުވައްޒަފުންގެ ފެންވަރު މަތިކުރުމާއި އާންމު އުސޫލުތަކާއި ސުލޫކީ މިންގަނޑުތައް ހިފެހެއްޓުމަކީ ވެސް މުހިންމުކަމެއް ކަމަށެވެ. އެ ގޮތުން ކޮމިޝަނުގެ ރައީސަކީ އެ މުއައްސަސާގެ އެންމެހާ މުވައްޒަފުންނަށް ނަމޫނާއަކަށްވާންޖެހޭ ބޭފުޅެއްކަމަށް ވެސް ޝަރީފް ވިދާޅުވިއެވެ.