ads
އައްޑޫ ލިންކް ރޯޑް
ލިންކު ރޯޑުގައި ހުރި ރުއްތައް ކަނޑާލީ އާ ރުއްތައް އިންދަން: މޭޔަރު
އައްޑޫ ސިޓީގެ ލިންކް ރޯޑުގައި ހުރި ރުއްތައް ކަނޑާލީ އެ ރުއްތައް މުސްކުޅިވެ، ރުއްތަކުގެ ސަބަބުން މަގުމައްޗަށް ކުނި އެޅެމުން ދިއުމުން ކަމަށް، އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު ވިދާޅު ވެއްޖެ އެވެ.
Advertisement

އައްޑޫ ސިޓީގެ ލިންކް ރޯޑުގެ މެދުގައި ހުރި ރުއްތައް ކަނޑާލުމުން ގިނަ ބަޔަކު އަންނަނީ އެކަމަށް ފާޑުކިޔަމުންނެވެ. އަދި އެސަރަހައްދަކީ ރީތި ހިއްގައިމު އަދި އައްޑޫ ސިޓީގެ މުހިއްމު ހިސާބެއް ކަމުން ރުއްތައް ކެނޑުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އެފަރާތްތަކުން އަންނަނީ ބުނަމުންނެވެ. 

މިކަމާއި ގުޅިގެން އެ ސިޓީގެ މޭޔަރު އަލީ ނިޒާރު ވިދާޅުވީ، އެ ރުއްތައް ކަނޑާލީ، ރުއްތަކުގެ ސަބަބުން އެ މަގުން ދުއްވާ ފަރާތްތަކަށް ގެއްލުން ވަމުން އަންނަ ކަމުގެ ޝަކުވާ ކައުންސިލަށް ލިބުމުން ކަމަށާއި، އެ ރުއްތަކަކީ، ގިނަ ދުވަސްވެ މުސްކުޅިވެފައިވާ ރުއްތަކެއް ކަމަށެވެ. އަދި ކަނޑާލި ރުއްތަކުގެ ބަދަލުގައި އާ ރުއްތައް އެ ތަނުގައި އިންދުމަށް ހަމަޖެހިފައި ވާކަމަށްވެސް ނިޒާރު ވަނީ ވިދާޅުވެފައެވެ. 

"ރުއްތަކުގެ ސަބަބުން އެތައް ބަޔަކަށް ގެއްލުން ވަމުން އަންނަ ކަމުގެ ޝަކުވާ ކައުންސިލަށް ވަނީ ލިބިފަައި. ރުއްތަކުން ކާށި ވެއްޓުމާއި، ފަން ގަނޑުތައް ވެއްޓުމުގެ ސަބަބުން އުޅަނދު ފަހަރަށް ވެސް ގެއްލުން ވެގެން ރިޕޯޓް ކޮށްފައިވޭ. ރުއްތައް ދިގުވެގެން ގޮސް ސާފު ނުކުރެވޭ ވަރު ވުމުން ކައުންސިލުން ނިންމީ އެ ރުއްތައް ކެނޑުމަށްފަހު އާ ރުއްތައް އެ ތަނުގައި އިންދަން." ނިޒާރު ވިދާޅުވި އެވެ.

މިކަމާއި ގުޅިގެން އީޕީއޭއާއި ސުވާލު ކުރުމުން އީޕީއޭއިން ބުނީ، ރުއްތައް ކެނޑުމަކީ މައްސަލައެއް ނޫން ކަމަށާއި، ރުއްތަކުގެ ސަބަބުން މީހުންނަށް ގެއްލުން ވަމުން އަންނަ ކަމުގެ ޝަކުވާ އެ އޭޖެންސީއަށް ވެސް ލިބިފައި ވާކަމަށެވެ. އަދި މީގެ ކުރިން އެހެން ރައްތަކުގެ ތަރައްގީގެ މަޝްރޫއުތައް ހިންގުމަށްވެސް ރުއްތައް ކަނޑަން ޖެހިފައި ހުރި ކަމަށްވެސް އީޕީއޭއިން ވަނީ ބުނެފައެވެ. 

"މިހާރު ލާމަރުކަޒީ ނިޒާމުގެ ތެރެއިން ކައުންސިލަށް ލިބިފައިވާ ބާރުގެ ދަށުން އެ ރުއްތައް ކަނޑާފައި އެވަނީ. އެއީ މައްސަލައެއް ނޫން. ރައްޔިތުންނަށް ގެއްލުން ވާނަމަ އެކަން ކުރަންޖެހޭނެ. އަސްލު މަގު މެދުގައި ރުއްތައް އިންދުމަށް ވުރެ ރަނގަޅުވާނެ ހިޔާ ލިބޭ އެހެން ކަހަލަ ގަސްތަކެއް އިންދަން. ރުއްތައް ދިގުވީމާ ސާފު ކުރަންވެސް އުނދަގޫވާނެ." އީޕީއޭއިން ބުންޏެވެ.

އައްޑޫ ސިޓީގެ ލިންކު ރޯޑުގައި ހުރި ރުއްތައް ކެނޑުމުގެ ކުރިން ކައުންސިލުން ވަނީ އީޕީއޭއިން ނަގަންޖެހޭ ހުއްދަ ނަގާފައިއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް