ads
ޖައިލަމް މަރާލިކަމަށް ދައުވާ ލިބޭ ހަތަރު މީހުން
ޖައިލަމުގެ މަރު: ހެކިވެރިން ހެކިދޭން ކުރީ އިންކާރު، އެންމެން ސަލާމަތް ވެއްޖެ!
ހ.ހަންޑްރެޑް ފްލާވާސްގޭ ކައިރިން ޖައިލަމް އަހްމަދު ޝާކިރަށް ހަމަލާދީ މަރާލި މައްސަލާގައި އެކަށީގެންވާ ހެކި ނެތިގެން އެމައްސަލާގައި ދައުވާކުރި އެއްވެސް މީހެއްގެ މައްޗަށް ކުށް ސާބިތުނުވެ، އެންމެން ސަލާމަތް ވެއްޖެ އެވެ.

ދަރުބާރުގޭގެ ކުރިމަތީ ގޯޅި ތެރޭގައި ހުންނަ، ހ. ހަންޑްރެޑް ފްލާވާސްގޭ މަރާލާފައިވަނީ 2015ވަނަ އަހަރުގެ ފެބުރުއަރީ މަހުގެ 21 ވަނަ ދުވަހުގެ ރޭ 10:00 އެހާކަންހާއިރު ތޫނު އެއްޗަކުން ހަމަލާދީއެވެ.

އޭނާގެ ހަށިގަނޑުގެ 12 ތަނަކަށް ވަޅިން ހަމަލާދީފައިވެއެވެ.

ދައުލަތުން ދައުވާ އުފުލާފައިވަނީ: 

  1. ސ. ފޭދޫ، ވީނަސްވިލާ ނަސީބު ސައީދު
  2. ވ. ސިނަމާލެ އިސްމާއިލް އަނީގު
  3. ޏ. ފުވައްމުލައް، ޖަމްނާ އަލީ އިރުފާން
  4. ގއ.ވިލިނގިލީ، ފިޔަޖަހާގެ، މުހައްމަދު ހުމައިދުގެ މައްޗަށެވެ. 

އަނީގުއާއި ހުމައިދުގެ މައްޗަށް ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މަރާލި ކަމުގެ ދައުވާ އުފުލާއިރު، ނަސީބާއި އިރުފާނުގެ މައްޗަށް އުފުލާފައިވަނީ ގަސްތުގައި މީހަކު މެރުމުގައި ބައިވެރިވުމުގެ ދައުވާއެވެ. 

މިމައްސަލައިގައި އެ އެންމެން ޖަލު ބަންދުގައި ބައިތިއްބައިގެން ޝަރީއަތްތައް ކުރާތާ ހަތް އަހަރުފަހުން، އެމައްސަލައިގައި ހުކުމް ކުރުމަށް މިއަދު ބޭއްވި އަޑުއެހުމުގައި، މައްސަލަ ބެއްލެވި ގާޒީ އިސްމާއިލް ޝަފީއު ވަނީ ދައުވާލިބޭ އެއްވެސް މީހެއްގެ މައްޗަށް ކުށް ސާބިތުވާ މިންވަރުގެ ހެކި ދައުލަތަށް ހުށަހެޅިފައިނުވާތީ އެކުށް އެއްވެސް މީހެއްގެ މައްޗަށް ސާބިތުނުވާ ކަމަށް ހުކުމް ކޮށްފައެވެ.

ހެކި ނެތިގެން ހަތްއަހަރުފަހުން އެންމެން މިނިވަން ވާއިރު، އެމައްސަލާގައި ދައުލަތުން ވަނީ ދައުވާ ލިބޭ މީހުންނާއި ދެކޮޅަށް، 16 ހެއްކަކު ހުށަހަޅާފައެވެ. އަދި މާލޭގެ އެކި ސަރަހައްދުގެ ވީޑިއޯ ފުޓޭޖުތަކަކާއި، އިންޓެލިޖެންސް ރިޕޯޓެއް ވެސް ހުށަހެޅިއެވެ. ނަމަވެސް އެއިން އެއްވެސް އެޗަކުން އެކަށީގެންވާ ވަރަށް ހެކި ލިބިފައެއް ނުވެއެވެ.

16 ހެކިންގެ ތެރެއިން 11 ހެއްކަކު ކޯޓަށް ހާޒިރުނުވޭ، ހެކިބަސް ދިން މީހާވެސް ފަހުން ހެކިބަސް ނެގީ!

ހުކުމް އިއްވަވަމުން ގާޒީ ވިދާޅުވީ، ދައުލަތުން ހުށަހެޅި ހެކިވެރިންގެ ތެރެއިން 11 ހެއްކަކު ކޯޓަށް ހާޒިރުކުރަން އެކިފަހަރު މަތިން މަސައްކަތް ކުރިނަމަވެސް، އެއްވެސް މީހަކު ކޯޓަށް ހާޒިރު ކުރެވިފައި ނުވާ ކަމަށެވެ. އެެހެންކަމުން މީގެ ކުރިން އެމީހުން ތަހުގީގަށް ދިން ބަޔާންތަކަށް ކޯޓުން ރިއާޔަތް ކޮށްފައެެއް ނުވެއެވެ.

ގާޒީ ވިދާޅުވީ ދައުވާ ލިބޭ ހަތަރު މީހުންނާއި ދެކޮޅަށް ހެކިބަސް ދިނީ އެންމެ ހެކިވެރިއަކު ކަމަށެވެ. ނަމަވެސް އޭނާވެސް ފަހުން ވަނީ ހެކިބަސް ދެވުނީ މަސްތުގެ ހާލަތުގައި ހުރެ ފުލުހުން އެދުމުން ކަމަށް ބުނެ، ހެކިބަސް އަބުރާ ނެގުމަށް ކޯޓަށް ސިޓީ ފޮނުވާފައި ކަމަށް ގާޒީ ވިދާޅުވިއެވެ. 

އެކަން ކަށަވަރުކުރަން އޭނާ ފަހުން ކޯޓަށް ހާޒިރުކުރަން މަސައްކަތް ކުރިނަމަވެސް ފަހުން އޭނާ ކޯޓަށް ހާޒިރުވެފައެއް ނުވެއެވެ. 

މާލޭގެ އެކި ސަރަހައްދުތަކުން ނެގި ވީޑިއޯތަކުން ފެންނަ މީހުންގެ މޫނު ސާފުނުވޭ! 

ދައުލަތުން ދެން ހެކީގެ ގޮތުގައި ހުށަހެޅި ވީޑިއޯ ފުޓޭޖްތަކާއި ގުޅޭގޮތުން މިއަދުގެ ހުކުމުގައި ބުނެފައިވަނީ އެ ފުޓޭޖުތަކުގެ ޗެއިން އޮފް ކަސްޓަޑީއެއް ނެތް ކަމަށެވެ. އަދި ޗެއިން އޮފް ކަސްޓަޑީއެއް އޮތް ނަމަވެސް، އެ ވީޑިއޯތަކުން ފެންނަ މީހުންގެ މޫނު އެނގޭވަރު ނުވާ ކަމާއި، ދައުވާލިބޭ މީހުންނާ ދިމާވަނީ ހަމައެކަނި ހަށިގަނޑުގެ ސިފަތައް ކަމަށް ތަހުލީލު ރިޕޯޓުގައި ބުނާ ކަމަށެވެ. 

އެހެންކަމުން ވީޑިއޯތަކުން ފެންނަނީ ދައުވާލިބޭ މީހުން ކަމަށް ކަނޑައެޅޭނެ ގޮތެެއް ނެތް ކަމަށް ގާޒީ ވިދާޅުވިއެވެ. 

އިންޓެލިޖެންސް ރިޕޯޓެއް ހުށަހެޅިޔަސް، އެ ހެދި މީހާ ހެކިވެރިއެއްގެ ގޮތުގައި ހުށަނާޅާ!

ގާޒީ ވިދާޅުވީ އެ ރިޕޯޓް ހެދި މީހާ ހެއްކެއްގެ ގޮތުގައި ހުށަހަޅާފައި ނެތުމުން އެ ރިޕޯޓަށް ބުރަދަން ނުދެވޭނެ ކަމަށާއި، އޭނާ ހެކީގެ ގޮތުގައި ހުށަހެޅިނަމަ، އެ ރިޕޯޓުގައި ހުރި ކަންކަމަށް ބުރަދަން ދެވުނީސް ކަމަށެވެ.

7 އަހަރުފަހުން ކުށް ސާބިތުނުވެ، އެންމެން ސަލާމަތްވިއިރު، މައްސަލަ ފުރަތަމަ ބެލި ގާޒީ ވަނީ އިސްތިއުފާދީފައި!

މިދިޔަ އަހަރުގެ އޮކްޓޫބަރުގެ ތެރޭގައި ބޭއްވި އަޑުއެހުމެއް ފައްޓަވަމުން މިހާރު އެ މައްސަލަ ބައްލަވާ ގާޒީ ޞޮފްވަތު ހަބީބު ވިދާޅުވީ، އެ މައްސަލަ ކުރިން ބެއްލެވި ޤާޒީ އިސްތިއުފާދެއްވާފައިވާ ކަމަށެވެ. އެހެންކަމުން އެ ޤާޒީ ބެއްލެވި މައްސަލަތައް މިހާރުވަނީ ކޯޓުގެ ފަނޑިޔާރުންގެ މެދުގައި ބަހާފައި ކަމަށް ވިދާޅުވިއެވެ.

އަދި އެދުވަހު ހެކި ބަސް ނެގުމަށް ބޭއްވި އެ އަޑުއެހުމެއްގައި އޭރު ކްރައިމް ސީން ރިޕޯޓު ތައްޔާރުކުރި އޮފިސަރުވެސް ބުނެފައިވަނީ އެ ކަމަކީ 2015 ވަނަ އަހަރު ހިނގި ކަމެއް ކަމުގައިވާތީ އާއި މައްސަލައަށް ގިނަ ދުވަސްތަކެއް ވެފައިވާތީ ހުރިހާ ތަފުސީލުތައް ހަދާން ނެތް ކަމަށެވެ.

25%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
25%
ވަރަށް ސަލާމް
ކޮމެންޓްސް