ހައްދުންމަތީ މާބައިދުއަކީ އެ އަތޮޅުގައި މިހާރު މީހުން ދިރިއުޅޭ 11 ރަށުގެ ތެރެއިން އެ އަތޮޅުގެ އުތުރު ބިތުގައި އޮންނަ ރަށެކެވެ. މާބައިދޫގެ ބޮޑުމިނުގައި 43.5 ހެކްޓަރު ހުރިއިރު, މާބައިދޫގެ އާބާދީއަކީ 1235 މީހުންނެވެ. ނަމަވެސް ރަށުގައި އުޅޭ ބައެއް ބިދޭސީން ހިމެނޭހެން މި ވަގުތު ރަށުގައި ދިރިއުޅެނީ ގާތްގަނޑަކަށް 800 އެއްހައި މީހުންނެވެ.
މައިގަނޑު މަސައްކަތެއްގެ ގޮތުގައި މަސްވެރިކަން ކުރަމުން އަންނަ މާބައިދުއަކީ ފަތުރުވެރިކަމުން ނަފާ ހޯދިދާނެ ރަށެކެވެ. ގުދުރަތީ މުއްސަނދިކަމެއް ލިބިފައިވާ އެ ރަށް ކުރިއަރުވަން ވޭތުވެދިޔަ ތަނުގައި މާ ބޮޑެތި މަސައްކަތްތަކެއް ކުރެވިފައިނުވާކަން ފާހަގަކޮށްލެވެއެވެ.
މާބައިދޫގެ ގުދުރަތީ މުއްސަނދިކަމަށް ބަލާއިރު އެންމެ މުހިންމު އެއް ތަނަކީ އެ ރަށުގައި އޮންނަ ކޯރެވެ. ކަނޑާގުޅިފައިވާ އެ ކޯރަކީ މަހުގެ ދިރުންތަކާއި, "މަޑި ކަކުނި" ފެންނަ ގުދުރަތީ ގޮތުން މުއްސަނދި ތަނެކެވެ.
ތިމާވެށިގެ ގޮތުން ހާއްސަ ސިފަތަކެއް ލިބިގެންވާކަމަށް "ހޯޕް ސްޕޮޓް" އެއްގެ ގޮތުގައި ގްލޯބަލް ކޯލިޝަނެއް ކަމަށްވާ މިޝަން ބްލޫ އިން 2021 ވަނަ އަހަރު ފާހަގަކޮށްފައިވާ ހައްދުންމަތީ މާބައިދޫގެ ''އަހަގުން ކޯރަ'' އަކީ ހިމާޔަތްކުރެވިފައިވާ ސަރަހައްދެއްކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ނިންމެވީ 21 ޑިސެމްބަރު 2021 ގައެވެ.
މީގެ އިތުރުން ރާޅާ އަޅާ މަޝްހޫރު ޕޮއިންޓް "މެޝިން" އޮންނަނީ ވެސް މާބައިދޫގެ އުތުރުންނެވެ. އޭގެ އިތުރުން ރަށުގެ ދެފަރާތުން އުތުރުންނާއި ދެކުނުން އަތޮޅަށް ވަންނަން އޮންނަ ދެ ޗެނަލްގެ ކަނޑުއޮޅީގެ ރީތިކަން ވެސް ފާހަގަކޮށްލެވެއެވެ.
އެހެންކަމުން ފަތުރުވެރިކަން ރަށުގައި ދިރުވައި އާލާކުރުމަކީ އެ ރަށު ކައުންސިލުގެ މައިގަނޑު އަމާޒެވެ. އެ ގޮތުން ކައުންސިލާއި ހަވާލުވެގެން އައިފަހުން ވަރަށް ގިނަ މަސައްކަތްތަކެއް ކުރެވިއްޖެކަމަށް މި މަހުގެ ފަސްވަނަ ދުވަހު ދިވެހިރާއްޖޭގެ އަޑުން ގެނެސްދިން ޕްރޮގްރާމެއްގައި މާބައިދޫ ކައުންސިލުގެ ރައީސް އިބްރާހިމް ވިޝާމް ވިދާޅުވިއެވެ.
ވިޝާމް ވިދާޅުވީ ކައުންސިލާއި ހަވާލުވުމަށްފަހު ފަތުރުވެރިކަން ކުރިއެރުވުމަށްޓަކައި ކަންތައްތައް ކުރާނެ ގޮތުގެ ޕުލޭނެއް އެކުލަވައިލާފައިވާ ކަމަށެވެ.
ވިޝާމް ވިދާޅުވީި މިކަން ކުރުމަށް އިކޮނޮމިކް މިނިސްޓްރީގައި ކައުންސިލުން އެހީތެރިކަމަށް އެދުމުން, އިކޮނޮމިކް މިނިސްޓްރީއާއި, އެޗްޑީސީގެ ބޭފުޅުން ހިމެނޭ ޓީމެއް އެ ރަށަށް ވަޑައިގަތް ކަމަށެވެ. އަދި ހުރިހާ މަޝްވަރާތަކަކަށްފަހު ޕްލޭން އެކުލަވާލިއިރު ނިންމީ އެތަނުގައި ގާއިމުކުރާނީ ތިމާވެށްޓާއި ރަށްޓެހި ފަތުރުވެރިކަމެއް ކަމަށް ކަމަށެވެ. އެ ގޮތުން ބަލާއިރުގައި ރަނގަޅު ކުރެހުމެއް ކުރެހިފައިވާކަމަށް ވިޝާމް ވިދާޅުވިއެވެ.
ވިޝާމް ވިދާޅުވީ އެ ތަންތަން ކުއްޔަށް ދިނުމުގެ ގަވާއިދެއް ކައުންސިލުން ފާސްކޮށް ބިން ކުއްޔަށް ދޫކުރުމަށް ހުޅުވައިލަން ނިންމާފައިވާ ކަމަށެވެ. އެ ގޮތުން އެ ބިންތަަކަށް އިންވެސްޓްކުރަން ކުރިއަށް މިއޮތް ދޮޅުމަހެއްގެތެރޭ އެންމެ ލަސްވެގެން އިއުލާނުކުރެވޭތޯ މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް ވެސް ވިޝާމް ވިދާޅުވިއެވެ. އަދި މިހާރު ވެސް ކޮންމެވެސް ވަރަކަށް ސޯޝަލްމީޑިއާގައި އެ ވާހަކަ ދައްކާތީ ފުދޭވަރަކަށް ގިނަ ބޭފުޅުން ޝައުގުވެރިކަން ފާޅުކުރައްވަމުންދާކަމަށް ވެސް ވިޝާމް ވަނީ ވިދާޅުވެފައެވެ.