"ހޯރަފުށީ ދުވަސް" ނަމުގައި ދުވަހެއް ފާހަގަ ކުރަން ނިންމާފައި ވަނީ ރަށަށް ގިނަ ދުވަހު ހިދުމަތް ކޮށްފައި ތިބި ފަރާތްތަކުގެ އަގު ވަޒަން ކުރުމުގެ ބޭނުމައި ކަމަށް އެ ރަށު ކައުންސިލުގެ ރައީސް މުހައްމަދު ވަހީދު ވިދާޅު ވިއެވެ.
ވަހީދު “ސީއެންއެމް”އަށް ވިދާޅުވީ މާސްޓާސް ހާސިލް ކޮށްފަ ތިއްބެވި ބޭފުޅުންނާއި، ޑޮކްޓަރު ކަމުގެ ސަނަދާއި، ކުޅިވަރުގެ ދާއިރާ އަށް ހިދުމަތް ކޮށްފަ ތިބި ފަރާތްތަކުގެ އިތުރުން 30 އަހަރަށް ވުރެ ގިނަދުވަސް ވަންދެން ހިލޭ ސާބަހަށް ދިވެހި ބޭސް ވެރިކަން ކޮށްފަ ތިބި ފަރާތްތަކުގެ އަގުވަޒަން ކޮށް، އެފަދަ ފަރާތްތަކަށް މަތީ ފެންވަރުގެ އެވޯޑު ދިނުމަކީ ވެސް މުހިންމު ކަމެއް ކަމަށް ދެކޭ ކަމަށެވެ.
"ރަށުގަ އެބަ ތިއްބެވި 30 އަރަށް ވުރެ ގިނަދުވަހު ހިދުމަތް ކޮށްފަ ތިއްބެވި ބޭފުޅުން. އަގުވަޒަން ކުރުމަކީ މުހިންމު ކަމެއްގެ ގޮތުގަ ދެކެނީ. މިކަމުގެ އެންމެ ބޮޑު މަގުސަދަކީ ތައުލީމީ ޖީލެއް ބިނާ ކުރުން." ވަހީދު ވިދާޅުވިއެވެ.
މިއަހަރުގެ ފުރަތަމަ މިދުވަސް ފާހަގަ ކުރަން ނިންމާފައި ވަނީ އަންނަ މޭ މަހުގެ 17 ވަނަ ދުވަހުގައެވެ. އޭގެފަހުން ކޮންމެ އަހަރަކުވެސް މިދުވަސް ފާހަގަ ކުރާނެ ކަމަށް ވަހީދު ވިދާޅުވި އެވެ.
ދުވަހުގެ ހަރަކާތް ތަކާއި ބެހޭގޮތުން ކަންސިލްގައި މަޝްވަރާ ކުރަމުން ދާއިރު، އަދި ދުވަހުގެ ފައިނަލް ޝެޑިއުލް ތައްޔާރުނުވާ ކަމަށާއި ނަވެސް ރަށުގެ ގޭގެއަށް ޒިޔާރަތް ކޮށް، އެ ފަރާތްތަކުގެ އިހުސާސްތައް ދެނެގަނެ ޒިޔާރަތުގެ ބުރެއް ކުރިއަށް ދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ތައުލީމީ ބޭފުޅުންވެސް ފޯމު ފުރުއްވާފައި ކައުންސިލަށް ހުށައެޅުމަށާއި، އަދި ރަށަށް ގިނަ ދުވަހު ހިދުމަތް ކުރެއްވި ފަރާތްތައް ވެސް ފޯމު ހުށަހެޅުމުން ބަލަން ޖެހޭ މިންގަނޑު ކަށަވަރު ކޮށް ތައްޔާރު ވަމުންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އާންމު ފަރާތްތަކުން ވެސް އިނާމު ހުށައަޅަން ބޭނުން ވާނަމަ އެފުރުސަތު ހުޅުވާލެވިފައި ވާކަމަށް ވެސް އޭނާ ވިދާޅުވިއެވެ.