ރާއްޖޭގެ އެންމެ ކާމިޔާބު ކޯޗުންގެ ތެރޭގައި ހިމެނޭ، ގައުމީ ޓީމުގެ ކުރީގެ އެސިސްޓެންޓް ކޯޗު މޯހަންވަނީ މީގެ ކުރިން ދ. ކުޑަހުވަދޫ ޓީމާއެކު އޭރު އޮތް މިނިވަން ޗެމްޕިއަންޝިޕް ކާމިޔާބުކޮށްފައެވެ. އެއީ އަލަށް މި ފެށުނު ޕްރިމިއަރ ލީގު ކޮލިފިކޭޝަނަކޭ ދާދި އެއް ފޯމެޓަކަށް މުޅި ރާއްޖޭން ޓީމުތައް ބައިވެރިވި މުބާރާތެކެވެ. އެ މުބާރާތް ކާމިޔާބުކޮށްދީގެން މޯހަންވަނީ ކުޑަ ހުވަދޫ ޕްރިމިއަރ ލީގަށް ކޮލިފައިކޮށްދީފައެވެ.
އުނގޫފާރު ޓީމުގެ ހެޑް ކޯޗަކަށް މިހާރު ހަމަ ޖައްސާފައިވާ މޯހަން އެންމެ ފަހުން ހުރީ މާޒިޔާގައެވެ. މާޒިޔާއާއެކު މޯހަންވަނީ ޗެރިޓީ ޝީލްޑް ކާމިޔާބުކޮށްފައެވެ. އެހެންނަމަވެސް ޕްރެޒިޑެންޓްސް ކަޕު ގެއްލުމުން މާޒިޔާއިން މޯހަން ވަކިކުރީއެވެ. މޯހަންވަނީ ކުރިން ނިއުރޭއިންޓާއެކު ދިވެހި ލީގާ ޕްރެޒިޑެންޓްސް ކަޕު ކާމިޔާބުކޮށްފައެވެ.