ސައޫދީގެ އިންޓިރީއާ މިނިސްޓްރީގެ ސްޓޭޓްމެންޓާއި ހަވާލާދީ ސައުދީ ޕްރެސް އެޖެންސީ(އެސްޕީއޭ)އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، އިއްޔެ ހުކުމް ތަންފީޒުކުރި 81 މީހުންނަކީ، ކުށެއް ނެތް ކުޑަކުދިންނާއި އަންހެނުން އަދި ފިރިހެނުން މަރާފައިވާތީ މަރަށް މަރުގެ ހުކުމް އިއްވާފައިވާ ބޮޑެތި ކުށްވެރިންނެވެ.
އަދި އައިސިސް އާއި އަލްގައިދާ ފަދަ ޖަމާއަތްތަކަށް ވާގިވެރިވުމާއި އެ ފަރާތްކާއި ގުޅިގެން ބޮޑެތި ޖަރީމާތައް ހިންގަން މަސައްކަތް ކޮށްފައިވާ މީހުން ހިމެނެއެވެ.
އެސްޕީއޭއިން ރިޕޯޓުކުރާ ގޮތުގައި އިއްޔެ އެގައުމުގައި މަރަށް މަރު ހިފި 81 މީހުންގެ ތެރޭގައި ސައުދީއަށް ނިސްބަތްވާ 37 މީހުން ހިމެނެއެވެ. މިމީހުންވަނީ، ފުލުހުންގެ އިދާރާއަށް ގެއްލުންދީ، ސެކިއުރިޓީ އޮފިސަރުންވެސް މަރާފައި ކަމަށް އިންޓިރިއަ މިނިސްޓްރީގެ ސްޓޭޓުމެންޓުގައި ބުނެފައިވެއެވެ.
ހުކުމް އިއްވި މީހުންގެ ތެރޭގައި ދެން ހިމެނެނީ ޔަމަނަށް ނިސްބަތްވާ، އަދި ސޫރިއާއަށް ނިސްބަތްވާ ކުށްވެރިންނެވެ.
ސައުދީގައި މަރުގެ މިފަދަ ހުކުމްތައް ތަންފީޒު ކުރަނީ ބޯ ކަނޑާލައިގެންނެވެ. މިއީ 2016ވަނަ އަހަރުގެ ޖެނެއަރީގެ މާސް އެކްޒެކިއުޝަނަށްފަހު އެންމެ ދުވާލެއްގެ މައްޗަށް އެންމެ ގިނަ މީހުންނަށް މަރުގެ ހުކުމް ތަންފީޒު ކުރި އެއް ދުވަހެވެ.
އެގޮތުން 2016ވަނަ އަހަރުގެ އެއް ދުވަހެއްގައި 47 މީހުންގެ މައްޗަށް މަރުގެ ހުކުމް ތަންފީޒުކުރިއެވެ. ދެން އެންމެ ގިނައިން ހުކުމް ތަންފީޒުކޮށްފައިވަނީ 2019ވަނަ އަހަރުއެވެ. އެފަހަރު އެންމެ ދުވަހަކުން 37 މީހުންގެ މައްޗަށް މަރުގެ ހުކުމް ތަންފީޒު ކޮށްފައިވެއެވެ.
މިފަދަ ބޮޑެތި އެކްޒިކިއުޝަންތަކާއި ގުޅިގެން އިންސާނީ ކަރާމަތް ނަގާލާކަމަށް ބުނެ ގިނަ ގައުމުތަކެއްގެ ފާޑުކިއުން ސައޫދީއަށް ލިބެމުން އައި ނަމަވެސް، ސައުދީން ވަނީ އެމީހުންގެ ދީނާއި، ސިޔާދަތު ހިފެހެއްޓުމަށާއި، ގައުމުގެ މިނިވަންކަން ދިފާއުކުރުމަށް އަދި ރައްކާތެރިކަން ކަށަވަރުކުރުމަށް ގާނޫނު ތަންފީޒު ކުރަމުންދާނެ ކަމަށް ބުނެފައެވެ.