މިޔަރުގެ މަސްވެރިކަން ކުރަން ބަޔަކު އުޅޭ މަންޒަރު ފެންނަ ވީޑިއޯއެއް އިއްޔެ އާންމުވެފައިވާއިރު, އެ ވީޑިއޯއިން ފެންނަނީ ޑިންގީއެއްގައި ތިން މީހަކުވެގެން މިޔަރު ބާނައި, އޭގެ އުރަހަ ނެގުމަށްފަހު ކަނޑަށް އެއްލައިލާ މަންޒަރެވެ. އެ ވީޑިއޯ ސޯޝަލް މީޑިއާގައި ހިއްސާކުރި ފަރާތުން ބުނި ގޮތުގައި އެއީ ފުވައްމުލަކު ކައިރިން ނަގާފައިވާ ވީޑިއޯއެކެވެ. ނަމަވެސް އެ ރަށު ކައުންސިލުން ބުނީ އެފަދަ މައްސަލައެއް ކައުންސިލުގެ ސަމާލުކަމަށް އައިސްފައިނުވާ ކަމަށާއި, އެއީ އެ ރަށު ކައިރިން ނެގި ވީޑިއޯއެއްކަން ސާފުނުވާ ކަމަށެވެ.
“ސީއެންއެމް”އާއި ވާހަކަދަައްކަމުން ފިޝަރީޒް މިނިސްޓްރީގެ މީޑިއާ އޮފިޝަލް ނަސްރުﷲ ހުސައިން މިއަދު ވިދާޅުވީ އެ މައްސަލަ މިނިސްޓްރީގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.
ސީއެންއެމްއަށް މައުލޫމާތު ދެއްވި ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އެ މައްސަލަ ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާތީ ކަމާގުޅުންހުރި އިދާރާތަކާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.
މިކަމާ ގުޅިގެން އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) ގެ ޑިރެކްޓަރު ޖެނެރަލް އިބްރާހިމް ނައީމް ސީއެންއެމްއަށް ވިދާޅުވީ މަސްވެރިކަމުގެ ގާނޫނުގެ ދަށުން ހިމާޔަތްކޮށްފައި ހުންނަ ދިރުންތަކުގެ މައްސަލަތަކުގައި އީޕީއޭއަކަށް އެޅޭނެ ފިޔަވަޅެއް ނޯންނަ ކަމަށެވެ.
ނައީމް ވިދާޅުވީ އެ ކަންކަން ރަނގަޅަށް މެނޭޖުކޮށް ބެލެހެއްޓުމަށް އެކަހަލަ ކަންކަން ހައްލުކުރަންޖެހޭ ކަމަށެވެ. އަދި ދިރޭތަކެތި ހިމާޔަތް ކުރުމަކީ ގާނޫނަށް ބަދަލު ގެނެސްގެން ނަމަވެސް ކޮންމެ ވެސް އެއްބަޔަކު ކުރާ ކަމަކަށް ހަދަން އެބަޖެހޭ ކަމަށެވެ. ހަމައެހެންމެ ހުރިހާ ބަޔަކު އެކަން ކުރަންވީމައި އޮޅުންބޮޅުންވެ ފިޔަވަޅު އަޅާނީ ކޮންބައެއްކަން ވެސް ނޭނގޭ ހިސާބަށް ގޮސްފައިވާކަމަށް ވެސް ނައީމް ވިދާޅުވިއެވެ.
ރާއްޖޭގެ އެންމެ ބޮޑު ދެ ސިނާއަތްކަމުގައިވާ ފަތުރުވެރިކަމުގެ ސިނާއަތާއި, ކަނޑުމަހުގެ މަސްވެރިކަމުގެ ސިނާއަތަށް ނުހަނު މުހިއްމު ބާވަތެއްކަމުގައިވާ މިޔަރުގެ މަސްވެރިކަންކުރުން މަނާކުރީ 2010 ގައެވެ. އެއީ ރާއްޖެއިން ފެންނަ މިޔަރުގެ އަދަދު މަދުވެފައިވާކަމަށް އެ ދުވަސްވަރު ކުރެވުނު ދިރާސާތަކުން ދެއްކުމާއި ގުޅިގެންނެވެ.
މިޔަރުގެ މަސްވެރިކަންކުރުމާއި, މިޔަރު ޕްރޮސެސްކުރުން އަދި އެކްސްޕޯޓްކުރުމަކީ މަސްވެރިކަމުގެ ގާނޫނުގެ ދަށުން އެކުލަވާލާފައިވާ ދިވެހިރާއްޖޭގެ މަސްވެރިކަމުގެ އާންމު ގަވާއިދުގެ ދަށުން ކުރުން މަނާ ކަންކަމެވެ.