ads
ސީރިއާ ހަނގުރާމައަށް ދިޔަ ދިވެހިންތަކެއް-- ފޮޓޯ: މޯލްޑިވްސް އިންޑިޕެންޑެންޓް
ހަނގުރާމަވެރިން ދަރިންނާއެކު ބަންދުގެ މަރުކަޒެއްގައި ބޭތިއްބޭ ގޮތަށް ހަދައިފި
ރާއްޖެއިން ބޭރަށް ގޮސްފައި އަންނަ ދިވެހި ހަނގުރާމަވެރިން އެ މީހުންގެ ދަރިންނާއެކު އިދާރީ ބަންދުގެ މަރުކަޒެއްގައި ބަންދުގައި ބޭތިއްބޭ ގޮތަށް ގަވާއިދު އިސްލާހުކޮށްފިއެވެ.

އިސްލާހު ގެނެސްފައިވަނީ ރާއްޖެއިން ބޭރުން އަނބުރާ އަންނަ ހަނގުރާމަވެރިންގެ މައްޗަށް ހިންގޭ ހާއްސަ އިޖުރާއަތުތަކާބެހޭ ގަވާއިދުގެ ދަށުންނެވެ. މި ގަވާއިދަށް ގެނައި އިސްލާހުތަކާއެކު އިއްޔެ ވަނީ ގެޒެޓްކޮށްފައެވެ. ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުން މި އިސްލާހުތަކަށް އަމަލުކުރާނީ އިއްޔެއިން ފެށިގެންނެވެ.

ގަވާއިދުގެ ދެވަނަ ބާބުގެ ސުރުހީ ''އިދާރީ ބަންދުގެ މަރުކަޒުތަކުގައި ބަންދުކުރާ ފަރާތްތަކާމެދު އަމަލުކުރާނެ ގޮތް'' މި ގޮތަށް ބަދަލުކޮށްފައިވާއިރު, ތިންވަނަ މާއްދާގެ (ހ) ގައި ވަނީ ރާއްޖެއިން ބޭރުގައި ހިނގާ ހަނގުރާމައެއްގައި ބައިވެރިވެފައިވާ ހަނގުރާމަވެރިއަކު ނުވަތަ ރާއްޖެއިން ބޭރުގެ ހަނގުރާމަވެރި ސަރަހައްދަކަށް ގޮސްފައިވާ ހަނގުރާމަވެރިއަކު ނުވަތަ އެފަދަ ހަނގުރާމަވެރިއަކާއި އެ މީހެއްގެ އާއިލާގެ މެންބަރަކު ރާއްޖެއަށް އަންނަން އުޅޭކަމުގެ މައުލޫމާތު ނުވަތަ އެފަދަ ފަރާތެއް ރާއްޖެއަށް އަތުވެއްޖެކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިއްޖެނަމަ, އިދާރީ ބަންދުގެ މަރުކަޒެއްގައި ބަންދުކުރުމުގެ އަމުރަކަށް އެދި ބައެއް މައުލޫމާތުތައް ހިމެނޭގޮތަށް ފުލުހުންގެ ފަރާތުން މިނިސްޓަރަށް ހުށަހަޅަންވާނެ ކަމަށެވެ.

އޭގެތެރޭގައި އަންނަ ހަނގުރާމަވެރިޔާގެ މައުލޫމާތާއި, ހަނގުރާމަވެރިޔާއާއެކު އޭނާގެ 18 އަހަރުން ދަށުގެ ދަރިން އަންނަނަމަ ނުވަތަ އައިސްފައިވާނަމަ އެ ކުދިންގެ މައުލޫމާތު ހިމެނެއެވެ. 

އެ ގޮތުން ފުލުހުންގެ ހުށަހެޅުމެއް މިނިސްޓަރަށް ލިބޭތާ 24 ސައުވީސް ގަޑިއިރުގެ ތެރޭގައި މިނިސްޓަރު ގޮތެއް ނިންމަންވާނެކަމަށް ބަޔާންކޮށްފައިވެއެވެ. އަދި އެފަދަ ހުށަހެޅުމެއް މިނިސްޓަރަށް ލިބުމާއެކު, އެ ހުށަހެޅުމުގައި ބަޔާންކޮށްފައިވާ ކަންކަމަށް ރިއާޔަތްކުރުމަށްފަހު, އެ ހުށަހެޅުން ނިސްބަތްވާ ފަރާތަކީ ހަނގުރާމަވެރި ސަރަހައްދަކުން އައިސްފައިވާ ނުވަތަ އަންނަ ފަރާތެއް ކަމަށް ބެލުމަށް އެކަށީގެންވާ ސަބަބުތަކެއް ހުރިނަމަ އިދާރީ ބަންދުގެ މަރުކަޒެއްގައި ބަންދުކުރުމަށް ކަނޑައަޅައި މިނިސްޓަރު އަމުރެއް ނެރެންޖެހޭނެއެވެ.

މިނިސްޓަރު ނެރޭ އަމުރު އެކުލަވައިލަންޖެހޭ ގޮތް:

  • ބަންދުކުރެވޭ މީހާގެ ފުރިހަމަ މައުލޫމާތު
  • އޭނާއާއެކު އެ ތަނުގައި ބަންދުކުރެވޭ އޭނާގެ ދަރިންގެ މައުލޫމާތު
  • އެ ފަރާތްތައް ބަންދުގައި ބައިތިއްބާނެ ބަންދުގެ މަރުކަޒުގެ މައުލޫމާތު
  • އަމުރު ތަންފީޒުކުރަން ފަށަންޖެހޭ ތާރީހު

ގަވާއިދުގައިވާ ގޮތުން މިނިސްޓަރުގެ އަމުރަކީ ކޯޓުން ގޮތެއް ކަނޑައަޅަންދެން ނެރެންދެން ދެމިއޮންނާނެ އަމުރެކެވެ. އަދި މިނިސްޓަރުގެ އެ އަމުރަކީ ފުރިހަމަ ގާނޫނީ ބާރު ލިބިގެންވާ އަދި އެ އަމުރު ރައްދުވާ އެންމެހައި ފަރާތްތަކުން, އެ އަމުރުގައި ހިމެނޭ އެންމެހައި ކަންކަމުގެ މައްޗަށް އަމަލުކުރުން ލާޒިމުކުރާ އަމުރެކެވެ. 

މިނިސްޓަރު ނެރޭ އަމުރެއްގެ ދަށުން އިދާރީ ބަންދުގެ މަރުކަޒެއްގައި ބަންދުކޮށްފައިވާ ހަނގުރާމަވެރިއެއްގެ ބަންދާމެދު ގޮތެއް ކަނޑައެޅުމަށް ޓަކައި އޭނާ ބަންދުކުރާތާ 24 ގަޑިއިރުގެތެރޭގައި ފަނޑިޔާރެއްގެ ކުރިމައްޗަށް އޭނާ ހާޒިރުކުރަންވާނެކަމަށް ވެސް ގަވާއިދުގައިވެއެވެ.

އެ ގޮތުން އެފަދަ އަމުރުތައް ހުށަހަޅަންޖެހޭނީ ކްރިމިނަލް ކޯޓަށެވެ. ގަވާއިދުގައިވާ ގޮތުން ކޯޓަށް ހުށަހެޅޭ މައްސަލައެއް ނިސްބަވްތާ ފަރާތަކީ ހަނގުރާމަވެރި ސަރަހައްދަކަށް ގޮސްފައިވާ ނުވަތަ އެއިން ސަރަހައްދެއްގައި ހުރެފައި އަނބުރާ ރާއްޖެ އައިސްފައިވާ ފަރާތެއް ކަމުގައިވާތީ އެ މީހަކީ ގާނޫނުގެ ދަށުން ކަނޑައެޅޭ ރީހެބިލިޓޭޝަން ޕްރޮގްރާމެއް ފުރިހަމަކުރުމަކާ ނުލައި ދޫކޮށްލައިފިނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިކޮށްފާނެ މީހެއް ކަމުގައި ބަލައި ގިނަވެގެން 30 ދުވަހުގެ މުއްދަތަށް އެ މީހަކު ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރުކުރަންޖެހޭނެއެވެ. އަދި މައްސަލަ ނިސްބަތްވާ ފަރާތުގެ އުމުރުން 15 އަހަރުން ދަށުގެ ދަރިން އެ ފަރާތާއެކު ބަންދުގައި ތިބިނަމަ އެ އިދާރީ ބަންދުގެ މަރުކަޒުގައި އޭނާއާއެކު އޭނާގެ ދަރިން ބަންދުގައި ބައިތިއްބާ ގޮތަށް ކަނޑައަޅައިދިނުމަށް ކޯޓުގައި އެދެންޖެހޭނެއެވެ.

މި ގަވާއިދަށް އަމަލުކުރަން ފަށާފައިވާއިރު, ސީރިޔާގައި ކުރި ދާހިލީ ހަނގުރާމައިގައި ބައިވެރިވުމަށް މީގެ ނުވަ އަހަރުކުރިން ދަރިން ގޮވައިގެން ރާއްޖެއިން ފިލައިގެން އެ ގައުމަށް ދިޔުމަށްފަހު އެނބުރި ރާއްޖެ އައިސްފައިވާ އަންހެން މީހާއާއި, އޭނާގެ ދަރިން ބަންދުގައި ބައިތިއްބަން ކޯޓުން އަމުރުކުރީ އިއްޔެގައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް