ads
ގއ. ކޮނޑޭ ކައުންސިލް އިދާރާ: ފޮޓޯ/ ކޮނޑެ ކައުންސިލް
ޭލޭންޑު ޔޫސް ޕްލޭން ރިވިއު ނުކުރެވޭތީ ކޮނޑޭއިން ގޯތި ދިނުމުގެ ޕުލޭން މެދުކެނޑޮއްޖެ
ލޭންޑު ޔޫސް ޕުލޭން ރިވިއު(އިސްލާހު) ނުވެގެން، ކޮޑޭގެ ގޯތި ދިނުމުގެ ޕުލޭން މެދުކެޑުމަކަށް އައިސްފައިވާ ކަމަށް ކޮނޑޭ ކައުންސިލުން ބުނެފިއެވެ.
Advertisement

ގއ. ކޮނޑޭގައި ލޭންޑް ޔޫސް ޕުލޭން ނިންމާލާފައި ވަނީ 2019 ވަނަ އަހަރުގެ ނަމަވެސް، އެ ރަށު ކައުންސިލުން ބުނެފައިވަނީ އަދިވެސް އެ ޕުލޭން އިސްލާހު ކުރެވިފައި ނުވުމުގެ ސަބަބުން ރަށުން ބޭރު ފަރާތްތަކަށް ދޭން ނިންމި ގޯތި ދިނުމުގައި، ގޮންޖެހުންތަކާއި ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ.

ގާނޫނު ބުނާގޮތުން އަލަށް އިންތިހާބުވި ކައުންސިލް ތަކާއެކު ވަކި މުއްދަތެއްގެ ތެރޭގައި، ލޭންޑްޔޫސް ޕްލޭން ނިންމަން ޖެހޭ ކަމަށާއި، އަދި ނިންމާފައި ތިބި ޕްލޭން ތައްވެސް ރިވިއު ކުަރަން ޖެހޭ ކަމަށާއި ނަމަވެސް ރަށަށް ބޭނުންވާ ގޯތި ދިނުން ފަދަ ކަންކަން ނުނިމި ލަސްވަމުންދަނީ އެ ޕްލޭން ރިވިއު ނުކުރެވި ލަސްތަކެއް ވާތީ ކަމަށް އެ ރަށު ކައުންސިލް ރައީސް އަހުމަދު އަބުދުލް ހަކީމް ވިދާޅުވިއެވެ.

މީގެ ކުރިން އަހުމަދު ވިދާޅުވީ ރަށު ޕްލޭން ހަދައި މިއަރު ޖެނުއަރީ ހިސާބުގައި ގޯތި ދޫކުރެވޭވަރު ވާނެ ކަމަށެވެ. އަދި ކޮނޑޭ އިން ގޯއްޗަށް ޝައުގުވެރިވާ ރަށުން ބޭރު ފަރާތް ތަކަށް 3000 އަކަފޫޓުގެ ގޯތި ދޫކުރުމަށް އެރަށު ކައުންސިލުން ނިންމީ މިދިޔަ އަހަރު އޮކްޓޫބަރު މަހުގެ ފަހުކޮޅު ކަމަަށް އަހުމަދު ވިދާޅު ވިއެވެ.

ކޮންމެ ކައުންސިލަކަށް ވެސް ކުރިމަތިވާ އެންމެ ބޮޑު ގޮންޖެހުމަކީ ބަޖެޓުގެ ތާށިކަން ކަމަށާއި، އަމިއްލައަށް ހިންގުމަށް ފުރުސަތު ލިބުމުން އެމައްސަލަ ހައްލު ވެގެން ދާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އަދި އެ ރަށުން ޓޫރިޒަމަށް ބިންތައް ދޫކުރަން ފަށާނެ ކަމަށާއި، ގެސްޓްހައުސްގެ ވިޔަފާރި ފުޅާކުރުމަށް ވެސް ކައުންސިލްގެ ޕްލޭން ގައި ހިމަނާފައިވާނެ ކަމަށެވެ. އޭރުން ބަޖެޓުގެ ދަތިކަން ހައްލު ކުރެވި ރަށަށް ބޭނުންވާ ކަންކަން ފުރިހަމަ ވެގެން ދާނެ ކަމަށް އޭނާ ވިދާޅު ވިއެވެ.

"އަހަރު ފެށިގެން ތިން މަސް ވެފައިވާއިރު ގޯތި ދޫކުރުމަށް އެޅިފައިވާ ހުރަހަކީ އެލްޖީއޭ އިން ބުނާ ގޮތުން ލޭންޑުޔޫސް ޕްލޭން ރިވިއު ނުވެ ބިން އެގޮތަށް ދޫކުރުމުގެ ހުއްދަ ލިބިފައި ނުވާތީ. މިރަށަކީ 118 ހެކްޓަރުގެ ބިންބޮޑު ރަށެއް. އަޅުގަނޑު މެން ބޭނުންވޭ ގޯތި ދޫކުރުމަށް. ވިޔަފާރި ތަކަށް ބިންް ދޫކުރުމަށް. ޓޫރިޒަމް ފުޅާ ކުރުމަށް ބިން ދޫކުރުމަށް ވެސް އަޅުގަނޑު މެން ބޭނުންވޭ" އަހުމަދު ވިދާޅު ވިއެވެ.

ނަމަވެސް ލޭންޑު ޔޫސް ޕްލޭން ރިވިއު ނުކުރެވި ލަސް ވަމުންދާތީ އިތުރު ހުއްދައެއް ދީގެން ވެސް ރަށް ތަރައްގީ ކުރުމަށް އެލްޖީއޭގައި އެދިފައިވާނެ ކަމަށާއި، އެ ފަރާތުންވެސް މި ކަމުގައި ގިނަ މަސައްކަތް ތަކެއް ކުރާ ކަމަށާއި، އަދި އަތޮޅު ކައުންސިލުން ވެސް އެ މަސައްކަތް ކުރަމުންދާ ކަމަށް، އަހުމަދު ވިދާޅު ވިއެވެ.

ކޮނޑޭ އިން ގޯއްޗަށް ޝައުގުވެރިވާ ރަށުންބޭރު ފަރާތްތަކަށް 3000 އަކަފޫޓުގެ ގޯތި ދޫކުރުމަށް އެރަށު ކައުންސިލުން ވަނީ މީގެ ކުރިން ނިންމާފަ އެވެ. އަދި އެ ނިންމުމާއެކު ގޯތި ހޯދަން އެދިފައިވާ މީހުންގެ ތެރެއިން އެންމެ ގިނަ މީހުން ނިސްބަތް ވަނީ މާލެއަށް ކަމަށާއި، ނަމަވެސް އަތޮޅު ތެރެއިން ވެސް އެދެމުންދާ ކަމަށާއި އެއީ ވަރަށް ކާމިޔާބުކޮށް ކުރިއަށްދާ މަސައްކަތެއް ކަމަށް އަހުމަދު ވިދާޅު ވިއެވެ.

އާބާދީގައި 590 މީހުން އޮތްކަމުގައި ވިޔަސް އެރަށުގައި ގާއިމްވެ، ދިރިއުޅެމުން ދަނީ 300 އެއްހާ މީހުންނެވެ. އެހެންކަމުން އަހްމަދު ވިދާޅުވީ މިހާރު އެރަށުގައި ދިރިއުޅޭ މީހުންގެ އާބާދީގެ 50 އިންސައްތަ އަށް ވުރެ ގިނަ މީހުން މިހާތަނަށް އެރަށުން ގޯތި ހޯދަން އެދިފައިވާ ކަމަށާއި، ގޯތިދޫކުރުން އެއީ ކައުންސިލުން އެ ރަށުގެ އާބާދީ ބޮޑުކުރުމަށް ކުރާ މުހިއްމު މަސައްކަތެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ގޯތިދޫކުރުމަށް ކޮނޑޭ ކައުންސިލުން ނިންމާފައި ވަނީ ރަށު ސްކޫލާ ކައިރިން އުތުރު ފަރާތުގައިވާ ހުސްބިމުން ކަމަށާއި، އަދި އަމޭން މޯލްޑިވްސް ފްރައިވެޓް ލިމިޓެޑް އާ ހަދަން ހަވާލުކޮށް ފައިވާ މިސްކިތާ ވެސް ކައިރިން ކަމަށް ވެސް އަހްމަދު ވިދާޅުވި އެވެ.

މިވަގުތު ގޯއްޗަށް ޝައުގުވެރިކަން ހުރި ފަރާތްތަކަށް ކައުންސިލުން އެ ފުރުސަތު ހުޅުވާ ލާފައި ވިޔަސް އަހުމަދު ވިދާޅުވީ "ލޭންޑު ޔޫސް ޕްލޭން" ރިވިއު ނުކުރެވި ލަސް ވުމުގެ ސަބަބުން ގޯތި ދިނުން މެދުކެނޑިފައިވާ ކަމަށެވެ. އަދި މިހާރު މަސައްކަތް ކުރަމުންދަނީ އެލްޖީއޭ އާއި ޕްލޭނިން މިނިސްޓްރީ އާއި، މަޝްވަރާ ކުރެވިގެން ވީހާވެސް އަވަހަކަށް އެ ޕްލޭން ރިވިއު ކުރެވޭނެ ގޮތެއް ފެނޭތޯ ކަމަށެވެ. 

އެގޮތުން އެކަމަށް ގާބިލް ބަޔަކު ހޯދުމަށް އެލްޖީއޭއިން މަސައްކަތް ކުރަމުންދާ ކަމަށް ބުނެފައިވާ ކަމަށާއި، އެކަމަށް ހައްލު ލިބުނުހާ އަވަހަކަށް ގޯތިދޫކުރަން ފަށާނެ ކަމަށް އަހުމަދު ވިދާޅު ވިއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް