ads
ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ނަޝީދު ވާހަކަދައްކަވަނީ. ފައިލްފޮޓޯ.
ޔޫޓީއެފްއާ ގުޅޭގޮތުން ޔާމިން ދައްކަ ވަނީ ދޮގު ވާހަކަކަން ކަށަވަރު: ރައީސް ނަޝީދު
އުތުރު ތިލަފަޅު ތަރައްގީކުރުމާ ގުޅޭ އެއްބަސްވުމާ ގުޅޭގޮތުން ކުރީގެ ރައީސް ޔާމިން އަބްދުލްގައްޔޫމް ދައްކަވަނީ ހަގީގަތާއި ހިލާފު ވާހަކަތަކެއް ކަށަވަރުކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
Advertisement

ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ނަޝީދު ވިދާޅުވީ ރާއްޖެއާއި އިންޑިއާއާއި ދެމެދުވެފައިވާ އުތުރު ތިލަފަޅު އެއްބަސްވުމާ ގުޅޭ ގޮތުން ކުރީގެ ރައީސް ޔާމިން އެއްބަސްވުމުގެ މަގްސަދާއި އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ބައެއް ކަންކަމާ ގުޅޭ ގޮތުން އާންމުންގެތެރޭގައި ހަގީގަތާއި ހިލާފަށް ވާހަކަދައްކަވަމުން ގެންދަވާކަން ކަށަވަރު ކަމަށެވެ.

އެ ގޮތުން އެއްބަސްވުން ދެމިއޮތްހާ ހިނދެއްގައި އެ ތަނުގެ މިލްކުވެރި ފަރާތަކީ އިންޑިއާ ސަރުކާރުކަމާއި, އެ ތަނުގައި ކަނޑުގެ އަސްކަރީ މަރުކަޒަކާއި, ވައިގެ  އަސްކަރީ މަރުކަޒެއް ތަރައްގީކުރުމަށް ނިންމާފައިވާކަމަށް ރައީސް ޔާމިން ވިދާޅުވާކަމަށް ނަޝީދު ފާހަގަކުރެއްވިއެވެ.

މީގެއިތުރުން އުތުރު ތިލަފަޅުގައި އިންޑިއާގެ މަނަވަރުތައް ބަނދަރުކުރުމަށް ދިވެހި ސަރުކާރުން އެއްވެސް ހުއްދައެއް ހޯދަން ނުޖެހޭ ކަމަށާއި, އަދި އުތުރު ތިލަފަޅު ތަރައްގީކުރުމުގައި މަސައްކަތްކުރާ އިންޑިއާ ސިފައިން ބޭނުންވާ  ކޮންމެ ހަތިޔާރެއް އެތެރެކުރުމުގެ ހުއްދަދީފައިވާކަމަށް ޔާމިނު ވިދާޅުވިކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.

އެހެންނަމަވެސް އެ އެއްބަސްވުމާ ގުޅޭ ގޮތުން މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ  ކޮމިޓީން ކޮށްފައިވާ ދިރާސާއަށް ބަލާއިރު, އެ އެއްބަސްވުމުގެ ދަށުން އެ ތަނުގައި ގާއިމުކުރެވޭ ފެސިލިޓީތަކާއި, އިންފްރާސްޓަކްޗަރާއި, އިންޓަލެކްޗުއަލް ޕްރޮޕަޓީ ރައިޓްސްއާއި, އެ ތަނުގައި އިންސްޓޯލްކުރެވޭ އިކްއިޕްމަންޓްތަކަކީ ހަމައެކަނި ދިވެހި ދައުލަތުގެ މިލްކެއްކަމުގައި އެއްބަސްވުމުގައި ބަޔާންކޮށްފައި އޮންނަކަމަށް ނަޝީދު ވިދާޅުވިއެވެ. އަދި ރާއްޖެއާއި އިންޑިއާއާއި ދެމެދުވެފައިވާ ޑިފެންސް އޮޕަރޭޝަން އެކްޝަން ޕްލޭންގެ އަށްވަނަ ނަންބަރަށް ބަލާއިރު އުުތުރު ތިލަފަޅުގައި ތަރައްގީކުރެވޭ އިންފްރާސްޓްރަކްޗަރ ބޭނުންކުރެވޭނީ އެކިއެކި ތަމްރީން ޕްރޮގްރާމް ހިންގުމަށާއި, ދިމާވާ  ކާރިސާތަކާއި ގުޅިގެންނާއި, އަދި އެކްސްކުލޫސިވް އިކޮނޮމިކް ޒޯން ސަރަހައްދު ސަވައިލެންސަށް ބޭނުންވާ މަސައްކަތް ކުރުމަށާއި, އެ މަސައްކަތަށް ބޭނުންވާ އުޅަނދުފަހަރު މަރާމާތުކުުރުމުގެ މަސައްކަތަށްކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.

ހަމައެއާއެކު ބޭރުގެ އުޅަނދުތަކުން ރާއްޖޭގެ ސަރަހައްދަށް ވަދެވޭނީ ކަމާބެހޭ ގާނޫނާއި ގަވާއިދުގައިވާ ގޮތުގެ  މަތިން ރާއްޖޭގެ  އިދާރާތަކުގެ ހުއްދަ ލިބިގެންކަމާއި, އުތުރު ތިލަފަޅު ތަރައްގީކުރުމާ ގުޅޭ އެއްބަސްވުމުގެ ދަށުން އެފަދަ ހުއްދަ ހޯދުމަކާއި ނުލައި އިންޑިއާގެ މަނަވަރަކަށް ރާއްޖޭގެ ސަރަހައްދަށް ވަދެވޭނެކަމަށް ބަޔާންކޮށްފައެއްނުވާކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.

މީގެ އިތުރުން އުތުރު ތިލަފަޅު ތަރައްގީކުރުމާ ގުޅޭ އެއްބަސްވުމުގެ ދަށުން އިންޑިއާ ސިފައިން ބޭނުންވާ ކޮންމެ ހަތިޔާރެއް އެތެރެކުރުމުގެ ހުއްދަ ދީފައިވާކަމަށް ވިދާޅުވި ވާހަކަފުޅަކީ ކަނޑައެޅިގެން ހަގީގަތާއި ހިލާފު ވާހަކަފުޅެއްކަމަށް ވެސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް