ގިނަ އަދަދެއްގެ ޖަމިއްޔާތައް ހިމެނޭ ރައްޔިތުންގެ އިއްތިހާދުން މި މައްސަލަ ފުލުހުންނަށް މިއަދު ހުށަހެޅި ސިޓީގައި ބުނެފައިވަނީ ރާއްޖޭގެ ސްކޫލުތަކުގައި ކިޔަވައިދޭ އިނގިރޭސި ފޮތެއް ކަމުގައިވާ "Exploring English Grade 5" (އެކްސްޕްލޯރިންގ އިންގްލިޝް ގްރޭޑް 5) ގައި ކާފިރުން އަޅުކަން ކުރާ ބާތިލު ކަލާނގެއެއްގެ ވާހަކަ ޕްރޮމޯޓުކޮށް އޭތީގެ މޮޅުކަން އެ ފޮތުގައި ގެނެސްފައި ވާކަން ޔަގީންވެފައިވާ ކަމަށެވެ.
އެ ފޮތަކީ ރާއްޖޭގެ އެންއައިއީ އާއި އިންޑިއާގައި ހުންނަ ކޭންބްރިޖް ޔުނިވަސިޓީ ޕްރެސް އާ ގުޅިގެން ޝާއިއުކޮށްފައިވާ ފޮތެއްކަމަށް ވެސް ސިޓީގައި ބުނެފައިވެ އެވެ.
އެ ސިޓީގައި ވަނީ މީގެ ކުރިން ވެސް މިފަދަ ކަންކަމުގައި އެޑިޔުކޭޝަން މިނިސްޓްރީއަށް ލާ ސިޓީތަކުގެ ތެރެއިން އެއްވެސް ސިޓީއަކަށް އެ މިނިސްޓްރީން ޖަވާބު ނުދޭކަން ފާހަގަކޮށްފަ އެވެ. އަދި މީގެ ފަހުން އިންޑިއާގެ ކޭންބްރިޖް ޔުނިވަސިޓީން ރާއްޖެއަށް އެއްވެސް ފޮތެއް އެތެރެކުރުން މަނާކުރުމަށް ކުރައްވަން ޖެހޭ ކަންކަން ވަގުތުން ވަގުތަށް ކޮށްދެއްވުމަށް ވެސް ސިޓީގައި ވަނީ އެދިފަ އެވެ.
ގުރޭޑް ފަހެއްގެ އިނގިރޭސި ފޮތުގައި ބާތިލު ކަލާނގެއެއްގެ ވާހަކަ ޕްރޮމޯޓުކޮށްފައިވާކަމަށް ބުނާ މައްސަލާގައި އެޑިޔުކޭޝަން މިނިސްޓްރީން ބުނީ އެ މައްސަލަ މިނިސްޓްރީގެ ސަމާލުކަމަށް އައިސްފައިވާކަމަށާއި ފަހުން އިތުރު މައުލޫމާތު ދޭނެކަމަށެވެ.