ތ. ދިޔަމިގިލީގައި ވަޅިން ހަމަލާދީ މިމަހު 13 ވަނަ ދުވަހުގެ ހެނދުނު ޒަހަމުކޮށްލީ އެ ރަށު މުދިމުކަމާއި ވަގުތީ ގޮތުން ހަވާލުވެގެން ހުރި އުމުރުން 55 އަހަރުގެ އަހުމަދު ރަޝީދު މުހައްމަދު ނަމަކަށް ކިޔާ މީހަކެވެ. އަހުމަދު ރަޝީދުގެ ބުރަކަށީގެ ފަސް ތަނަކަަށް ވަޅިން ހަމަލާދިނުމުގެ ސަބަބުން ފުން ޒަހަމުތަކެއް ލިބިފައިވާއިރު، އޭނާގެ ކަރަށް ވެސް ފުން ޒަހަމެއް ވަނީ ލިބިފަ އެވެ.
މި މައްސަލަ އާ ގުޅިގެން ފުލުހުން މިއަދު ބުނީ، މި މައްސަލަ އާ ގުޅިގެން ހައްޔަރު ކޮށްފައިވަނީ، އުމުރުން 35 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށާއި، އޭނާގެ ބަންދާއި މެދު ގޮތެއް ނިންމުމަށް މަޑިފުށި މެޖިސްޓްރޭޓް ކޯޓަށް ހާޒިރު ކުރުމުން ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރު ކޮށްފައި ކަމަށެވެ.
އަހުމަދު ރަޝީދުއަށް ހަމަލާދޭ ވީޑިއޯއިން ފެންނަގޮތުން ރަޝީދުގެ ގަޔަށް ވަޅި ޖެހުމުގެ ކުރިން އެދެމީހުން ތިބީ މަގުމަތީގައި ވާހަކަދައްކާށެވެ. ރަޝީދު ބައިސްކަލްގައި އިން އިރު ބައިސްކަލްގެ ހުއްޓުވައިގެން އިނީ އެމީހަކާއި ވާހަކަ ދައްކަން ކަމަށް ބެލެވެެ އެވެ.
އިރުކޮޅެއް ނުވެ ކުއްލިއަކަށް ރަޝީދަށް ހަމަލާ ދޭ މަންޒަރު ފެނެ އެވެ. ހަމަލާދޭން ފެށުމުން އެމަގުގެ އެއް އަރިމަތީ ހުރި ފާރުބުޑަށް ރަޝީދު ވެެއްޓި ސަލާމަތްވާން މަސައްކަތް ކުރާތަން ފެނެ އެވެ. ނަމަވެސް އެއްވެސް ރަހުމެއް ނެތި ތަކުރާރުކޮށް އެތައް ފަހަރަކު ބިންމަތީ އޮތް ރަޝީދުގެ އެތައް މިތަނަށް ބާރަށް ވަޅި ހަރާތަން އެ ވީޑިއޯއިން ފެނެ އެވެ.
މި ހަމަލާގައި އަނިޔާ ލިބުނު ރަޝީދުއަށް މިހާރު ދަނީ އިއިޖީއެމްއެޗް ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.