ads
އަހްމަދު ރަޝީދަށް އިތުރު ފަރުވާދިނުމަށް މާލެ ގެންނަނީ. ފޮޓޯ: އެމްއެންޑީއެފް
'މުދިމު ގަޔަށް 13 ފަހަރު ވަޅިޖެހި, ހިނގޭނެ ކަމުގެ އުއްމީދެއް ނެތް!
ތ.ދިޔަމިގިލީ މިސްކިތުގެ މުދިމުގެ ގަޔަށް 13 ފަހަރު ވަޅި ޖަހާފައިވުމުގެ ސަބަބުން ކުރިއަށް އޮތް ތަނުގައި އޭނާއަށް ނުހިނގިދާނެކަމަށް ޑޮކްޓަރުންނާއި ހަވާލާދީ އޭނާގެ އާއިލާއިން ބުނެފިއެވެ.
Advertisement

މީގެ ދެތިން ދުވަސްކުރިން ދިޔަމިގިލީ މަސްޖިދުލް އަމާނާތުގެ ވަގުތީ މުދިމަކަށް ހަމަޖެއްސި އެ ރަށު އަހްމަދު ރަޝީދު މުހައްމަދު (55 އ) އަށް ވަޅިން ހަމަލާދިނީ އިއްޔެ މެންދުރު ކުރީގައެވެ. އޭނާއަށް ވަޅިން ހަމަލާދިނީ އޭނާގެ ގާތް މީހެކެވެ. އުމުރުން 35 އަހަރުގެ އެ މީހާ ހައްޔަރު ކޮށްފައިވާއިރު, ޝަރީއަތް ނިމެންދެން އޭނާ ބަންދުކުރަން މަޑިފުށީ މެޖިސްޓްރޭޓް ކޯޓުން މިއަދު ވަނީ އަމުރު ކޮށްފައެވެ.

އަހްމަދު ރަޝީދަށް ވަޅިން ހަމަލާ ދިނުމުގެ ސަބަބުން ލިބުނު ޒަހަމްތަކަށް ފަރުވާ ދިނުމަށް އިއްޔެ މާލެ ގެނެސް އައިޖީއެމްއެޗުގައި އަންނަނީ ފަރުވާ ދެމުންނެވެ.

އެ އާއިލާއިން މިއަދު ސީއެންއެމްއާ ވާހަކަދެއްކި މީހަކު ބުނީ ބޭބެގެ ހާލު ރަނގަޅެއް ނޫން ކަމަށެވެ. އަދި ވަޅި ޖެހުމުގެ ސަބަބުން ފުއްޕާމެއަށް ލޭއެޅުނު ކަމަށާއި, ނަމަވެސް އެ ލޭތައް މިހާރު ސާފުކޮށްފައިވާ ކަމަށެވެ.

ޑޮކްޓަރުންނާއި ހަވާލާދީ އޭނާ އިތުރަށް ބުނީ ބޭބެގެ ގައިގެ 13 ތަނަށް ވަޅިޖަހާފައިވާ ކަމަށާއި, ކުރިއަށް އޮތް ތަނުގައި ބޭބެއަށް ނުހިނގިދާނެކަމަށް ވެސް ޑޮކްޓަރުން ބުނެފައިވާ ކަމަށެވެ. 

''ޑޮކްޓަރުން ބުނަނީ 13 ތަނެއް އެބަހުރިކަމަށް އެކިވަރުގެ. ވަރަށް ދެރަ. ބުނެފަ އިނީ ނޭނގެއޭ ދެން.., ފަހަރެއްގަ ހަމަ ނުކުޅެދޭ މީހަކަށް ވެސް ވެދާނެކަމަށް.'' ހިތާމަވެރި ރާގެއްގައި އޭނާ ބުންޏެވެ.

އަހްމަދު ރަޝީދުގެ ގައިގެ 13 ތަނަކަށް ވަޅިޖަހާފައިވާއިރު, ވަޅި ޖަހާފައިވަނީ ބޮލާއި, ކަރާއި, ކޮނޑުމައްޗާއި, ބުރަކަށްޓަށެވެ.

މި ހާދިސާ ހިނގި މަންޒަރު ފެންނަ ވީޑިއޯއެއް އިއްޔެ ސޯޝަލް މީޑިއާގައިވަނީ އާންމުވެފައެވެ. އެ ވީޑިއޯއިން ފެންނަ ގޮތުގައި ދެ މީހުން ވާހަކަ ދައްކަން ތިބެފައި ދެން ފެންނަނީ ކުއްލިއަކަށް  އަހްމަދު ރަޝީދަށް ވަޅިން ހަމަލާދޭ މަންޒަރެވެ. ފަސްވަރަކަށް ފަހަރު ވަޅިން ހަމަލާ ދިނުމަށްފަހު ދުރަށް ގޮސްފައި އަނެއްކާ ވެސް  އަހްމަދު ރަޝީދަށް ވަޅިން ހަމަލާދޭ މަންޒަރު ފެނެއެވެ. 

އަހްމަދު ރަޝީދު ގަޔަށް އޭނާއާއި ގާތްކޮށް އުޅޭ މީހަކު ވަޅި ޖަހާފައިވާއިރު މިއީ ވަކި ކޮން މައްސަލައަކާ ގުޅިގެން ހިނގިކަމެއްކަން އަދި ނޭނގެއެވެ. އާއިލާއިން ވެސް ބުނީ އެއީ ކިހިނެއް ވެގެންކަމެއް އެއްގޮތަކަށް ވެސް ނޭނގޭ ކަމަށެވެ.

37%
ކަމުގޮސްފި
20%
އަޑުއެހިތާ މިހުރީ
13%
ސަތޭކައަކުން ސުމެއް
30%
ވަރަށް ސަލާމް
ކޮމެންޓްސް