އެމަނިކުފާނު އެރޭ ކުއްލި ހާލަތު އުވާލެއްވިކަން އިއުލާން ކުރެއްވިއިރު، އެ ނުރައްކަލާއި އެކު ދިވެހިން އުޅެމުން ދިޔަތާ ވަނީ ދެ އަހަރު ވެފަ އެވެ. އެ ނުރައްކަލުގެ ތެރޭ އެތައް އާއިލާތަކެއް ބިކަވެ މަގުމަތިވިއިރު، އެތައް ބަޔަކު ވަނީ މިކަމުގެ ތެރެއިން ނުހައްގުން މުއްސަނދިކަން ހޯދާފަ އެވެ.
އެކި ގޮއްގޮތުންނެވެ. އެއް ބަޔަކު ޕީސީއާރު ޓެސްޓުން މިލިއަނަރުންނަށް ވެގެން ދިޔައިރު، އަނެއް ބަޔަކު ނޭވާ ހޮޅިން ވެސް ވައްކަން ކުރި ވާހަކައަކީ އެތައް ބަޔަކާ ގުޅިފައިވާ ވާހަކަތަކެކެވެ. އެއްބަޔަކު ވެންޓިލޭޓަރުތައް ގެންނާނެ ކަމުގެ އުއްމީދުގައި ތިއްބާ އަނެއް ބަޔަކު އެ ވެންޓިލޭޓަރު ތަކުން ވެސް ވައްކަން ކުރި ކަމީ ދެރަވެ ހިތާމަ ކުރަންޖެހޭ ކަމެކެވެ.
މިއަދު ކޮވިޑް-19 ގެ ކަސްތޮޅުން މިނިވަންވެ، އުފާވެރި މާހައުލަކަށް ދިވެހިން ނޭވާލަމުން ދާއިރު، މި ކޮވިޑް ގެ ތެރޭ ކުރި ވައްކަންތަކުގެ މަތިން ހަނދާން ކުރަން ޖެހެ އެވެ. މިލިއަނުން ދައުލަތުގެ ހަޒާނާއިން ފައިސާ ނެގުމަށް ފަހު ގެންނަން ބުނި ތަކެތި މިއަދާއި ހަމައަށް ވެސް މި ދިވެހި ބިމުގައި ޖެހިފައި ނުވާކަމުގެ ވާހަކަ ހަނދާން ކުރަން ޖެހެ އެވެ.
ވެންޓިލޭޓަރުތައް ރާއްޖެއަށް ގެނައުމަށް ފައިސާ ދެއްކީ، އޭރު ހެލްތު މިނިސްޓްރީގެ ހިންގުމާއި ހަވާލުވެގެން ހުންނެވި، ކުރީގެ ހެލްތު މިނިސްޓަރު، އަބްދުﷲ އަމީންގެ ލަފާގެ މަތިން ކަމަށް އެމައްސަލަ ބެލީ، އެންޓި ކޮރަޕްޝަން ކޮމިޝަނުން ވަނީ ބުނެފައެވެ.
އޭސީސީއިން ހާމަކޮށްފައިވާ ގޮތުގައި، 75 ވެންޓިލޭޓަރުގެ އެޑްވާންސް ޕޭމެންޓް ދިނުމަށް އަވަސް ކުރުމަށް އަމީން ވަނީ ލަފާދެއްވާފަ އެވެ. އަދި އެކަމާ ގުޅިގެން، ވަކި މީހަކަށް މަންފާވާ ގޮތަށް އަމަލު ކުރަން މަސައްކަތް ކޮށްފައިވާތީ އަމީން ގެ މައްޗަށް ދައުވާ ކުރުމަށް އެދި ޕީޖީ އޮފީހަށް ފޮނުވާފައިވަނީ ގާނޫނުލް އުގޫބާތުގެ 511ވަނަ މާއްދާގެ (ހ)ގެ (2) އާއި ދިވެހިރާއްޖޭގެ ގާނޫނުލް އުގޫބާތުގެ 512ވަނަ މާއްދާގެ (ހ) އާއި ދިވެހިރާއްޖޭގެ ގާނޫނުލް އުގޫބާތުގެ 513 ވަނަ މާއްދާގެ (ށ) އާއި ދިވެހިރާއްޖޭގެ ގާނޫނުލް އުގޫބާތުގެ 313 ވަނަ މާއްދާގެ (ހ)ގެ (1)ގެ ދަށުންނެވެ.
އެހެން ނަމަވެސް މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ އެއް ވަނަ ދުވަހު އޭސީސީން މިކަމާ ގުޅިގެން ބުނި ބުނުމަކުން އެތައް ބަޔަކަށް ހައިރާންކަން ގެނުވި އެވެ. އެދުވަހު އޭސީސީން ބުނީ، ވެންޓިލޭޓަރުތައް ހޯދުމުގައި ކޮރަޕްޝަނުގެ އަމަލުތައް ހިންގާފައިވާ މައްސަލާގައި، ފައިސާ ދައުރުވެފައިވާ ގޮތާއި އެ ފައިސާއިން އެއްވެސް މިންވަރެއް މި މައްސަލާގައި ތުހުމަތުކުރެވޭ ފަރާތަކަށް ނުވަތަ އެއިން ފަރާތަކާ ގުޅުން އޮތް ފަރާތަކަށް ލިބިފައިވޭތޯ ބެލުމަށް ކޮށްފައިވާ މަސައްކަތުން މިހާތަނަށް އޭގެތެރެއިން ފަރާތަކަށް އެފަދަ ފައިސާއެއް ލިބިފައިވާކަން ފާހަގަކުރެވިފައި ނުވާކަމަށެވެ.
މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 14 ވަނަ ދުވަހު ޕީޖީ އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިމައްސަލައިގައި ދައުވާ ނުކޮށް ލަސްވާ ސަބަބު ސާފުކުރަން ނޫސްވެރިއަކު ސުވާލުކުރުމުން ޕީޖީ ހުސެއިން ޝަމީމް ވިދާޅުވީ، އޭސީސީން އޭރު ގިނަ މައްސަލަތައް ފޮނުވާފައިވާކަމަށާއި ފޮނުވާއިރަށް ވަރަށް އަވަހަށް އެކަންކަން ނިންމަން މަސައްކަތް ވެސް ކުރައްވާ ކަމަށެވެ. އެހެން ނަމަވެސް އޭސީސީއަކީ މިނިވަން މުއައްސަސާއަކަށް ވުމުން މައްސަލަތައް ފޮނުވާއިރު ޕީޖީ އޮފީހާއި އޭސީސީން މަޝްވަރާ ނުކުރާތީ މައްސަލަތައް އަވަހަށް ނިންމުމުގައި ދަތިވާކަމަށް ވިދާޅުވި އެވެ.
މީގެ އިތުރުން ޝަމީމް ވިދާޅުވީ، އެމައްސަލާގައި ހަފްތާއެއް ތެރޭ ގޮތެއް ނިންމަވާނެ ކަަމަށެވެ. އޭގެ ތިން ހަފްތާ ފަހުން އަށެއް ޑިސެމްބަރުގައި އެ މައްސަލާގައި ދައުވާ ނުކޮށް އަލުން އިސްލާހު ކުރަން ފޮނުވާލިއިރު، އޭސީސީން މިމައްސަލާގައި ދައުވާކޮށްދޭން ޕީޖީގައި އެދިގެން އުޅޭތާ މިހާރު ދެ އަހަރަށް ވުރެ ގިނަ ދުވަސް ވެއްޖެ އެވެ.
ވެންޓިލޭޓަރު މައްސަލަ އާ ގުޅިގެން އޭސީސީން ވަނީ ކުރީގެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީނާއި އެ މިނިސްޓްރީގެ އިސްވެރިން ހިމެނޭހެން 11 މީހެއްގެ މައްޗަށް ދައުވާ ކޮށްދިނުމަށް 2020 ވަނަ އަހަރުގެ މެދުތެރޭ ހިސާބުގައި ޕީޖީ އޮފީހަށް ހުށަހަޅާފަ އެވެ.
މިއަދު ވެންޓިލޭޓަރުގެ ވާހަކަތައް ދައްކާއިރު، އޭސީސީ އޮތީ އަދި ހުސްކަމެއްގެ ތެރޭގަ އެވެ. މަގާމުގެ މައްސޫލިއްޔަތު ފުރިހަމައަށް އަދާ ނުކުރެވޭ ކަމަށް ބުނެ އޭސީސީގެ މެމްބަރުންގެ މައްސަލަ މަޖިލީހުން ބަލަން ފެށުމުން އެ ކޮމިޝަނުގެ މެމްބަރުން ވަނީ މަގާމުން އިސްތިއުފާ ދެއްވާފައެވެ. ވެންޓިލޭޓަރު މައްސަލަ އާއި ގުޅިގެން ވެސް އޭރުގެ މިނިސްޓަރު އަމީން ވެސް ކަންތައް ކުރެއްވީ ހަމަ މިއުސޫލުންނެވެ. މައްސަލައިގެ ތުހުމަތު ކުރެވެން ފެށުމާއި އެކު މަގާމުން އިސްތިއުފާ ދެއްވީ އެވެ.
މިއަދު ކޮވިޑް ގެ ރާޅުން ރައްކާތެރި ކަމުގެ އައްސޭރިއަކަށް ދިވެހިން މިސްރާބު ޖަހަމުން ދާއިރު، މި ކަންކަމަކީ ވިސްނުން މުހިއްމު ކަންކަމެވެ. ކޮވިޑް މެނޭޖް ކުރުމުގައި ސަރުކާރުން ކާމިޔާބު ހޯދާފައި ވާކަމަށް ބުނެ މެޑަލް ޖެހިޔަސް މިކަންކަން ނުބަލާ ނަމަ އެ ޖެހި މެޑަލް ހައްގެއް ނުވާނެ އެވެ.
ކޮރަޕްޝަނަށް ޒީރޯ ޓޮލެރެންސް ދޭނެ ކަމަށް ބުނި ބުނުމާ އެއްގޮތަށް އަމަލު ނުކުރެވޭނަމަ ކުރި އިތުބާރު ގެއްލި ވިއްސި ވިހާލިވެގެން ދާނެ އެވެ.