ads
ޑޮލަރު
ސައްހަ ނޫން ޑޮލަރު ވިއްކަނީ މައްސަލައެއް ފެންމަތި ވެއްޖެ
ސައްހަނޫން ޔޫއެސް ޑޮލަރު ވިއްކަމުންދާ ކަމުގެ މައްސަލަތައް ގިނަވެފައިވާތީ އެކަމަށް ސަމާލުވުމަށް ފުލުހުން އިލްތިމާސްކޮށްފިއެވެ.

ފުލުހުން މިއަދު ބުނީ ސައްހަނޫން ޔޫއެސް ޑޮލަރު ވިއްކަމުންދަނީ މަނީ އެކްސްޗޭންޖްގެ ނަމުގައި ހިންގާ ވައިބާ ކޮމިއުނިޓީ އަދި ޝޯޝަލް މީޑިއާގެ އެހެނިހެން ޕްލެޓްފޯމްތައް މެދުވެރިކޮށް ކަމަށެވެ. އެ ގޮތުން އެފަދަ ޕްލެޓްފޯމުތަކުގައި ޑޮލަރު ވިއްކަން އިޝްތިހާރު ކުރުމަށް ފަހު, ޑޮލަރު ގަންނަން ބޭނުންވާ މީހާއާ ވަކިން ވާހަކަ ދައްކައި, ވިއްކާ މީހުން ބުނާތަނަކަށް މީހާ ގެންދާކަމަށް ފުލުހުން ބުންޏެވެ.

ހަމައެހެންމެ އެ ގޮތަށް ގެންދާއިރު މީހުން މަދު ނުވަތަ މީހުން އާންމުކޮށް ނޫޅޭ ސަރަހައްދު ތަކަށް ދިއުމަށް ދައުވަތުދޭކަމަށް ވެސް ފުލުހުން ބުންޏެވެ.

މީގެ އިތުރުން ފުލުހުން ބުނީ ޑޮލަރު ގަންނަން ބޭނުންވާ މީހާ ދިވެހި ފައިސާ ދިނުމުން ކައުންޓަރފީޓް ޔޫއެސް ޑޮލަރު ދެމުންދާ މައްސަލަތައް ވެސް ހުށަހަޅަމުންދާ ކަމަށެވެ.

އެހެންކަމުން ބޭރު ފައިސާ އެކްސްޗޭންޖް ކުރުމުގެ ހުއްދަ އޮތް ފަރާތްތައް މެދުވެރިކޮށް ނޫނީ މިފަދަ މުއާމަލާތުތައް ނުހިންގުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ. އަދި މަނީ އެކްސްޗޭންޖް ކުރުމަށްފަހު ދޭ ފައިސާ އަކީ ސައްހަ ފައިސާކަން ކަށަވަރު ކުރުމަށްފަހު ނޫނީ މިފަދަ މުއާމަލާތުތައް ނުހިންގުމަށް ވެސް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ. 

ސައްހަނޫން ޔޫއެސް ޑޮލަރު ވިއްކަމުންދާ ކަމުގެ ގިނަ މައްސަލަތަކެއް ހުށަހެޅިފައިވާއިރު އެ މައްސަލަތައް ތަހްގީގު ކުރަމުންދާކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް