މަޖިލީހުގެ މިއަދުގެ ޖަލްސާ ނިންމާލައިފައިވަނީ ޖަލްސާ ފެށިތާ 46 މިނެޓު ފަހުންނެވެ.
މިއަދުގެ ޖަލްސާގައި އޮތީ ކުރިން ބޭއްވި ތިން ޖަލްސާއެއްގެ ޔައުމިއްޔާ ފާސްކުރުމާއި, މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ހައުސިންގ މިނިސްޓަރު މުހައްމަދު އަސްލަމާއި ސުވާލުކުރެއްވުމެވެ.
އެ ގޮތުން ސައީދު ވަނީ މިނިސްޓަރާއި ދެ ސުވާލެއް ކުރައްވާފައެވެ. ސައީދުގެ ސުވާލުތަކަށް ޖަވާބު ދެއްވުމުން މިނިސްޓަރާއި އިތުރު ސުވާލު ކުރެއްވުމުގެ ފުރުސަތު ރިޔާސަތުން ހުޅުވައިލެއްވިއެވެ.
އެއަށްފަހު ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ވަނީ ''އިންޑިއާ އައުޓް'' ކެމްޕޭނާއި ގުޅިގެން ރައީސް ޔާމިން އަބްދުލްގައްޔޫމް ހައްޔަރުކުރަން ގޮވާލައްވައި ކުއްލި މައްސަލައެއް ހުށަހަޅުއްވާފައެވެ. ނަމަވެސް މެންބަރުން ވަނީ އެ މައްސަލަ މަޖިލީހަށް ބަލައިގަންނަން ނުފެންނަކަމަށް ނިންމައި މައްސަލަ ތަޅުމުން ބޭރުކޮށްލައިފައެވެ.
އޭގެފަހުން ކުރިއަށް ގެންދިޔައީ މަޖިލީހުގެ ކުރީގެ މެންބަރު އަބްދުއްރަޝީދު އަލީ އަވަހާރަވުމާއި ގުޅިގެން އެ މަނިކުފާނުގެ ހަނދާނުގައި ސުކޫތެއް ގެނައުމުގެ ވަގުތުކޮޅެކެވެ.
އެކަން ނިމުމާއެކު ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ މަޖިލީހުގައި މިއަދު ކުރާނެ އިތުރު މަސައްކަތެއް ނެތް ކަމަށާއި, ނަމަވެސް ކޮމިޓީގެ މަސައްކަތްތައް ކުރިއަށްދާނެ ކަމަށެވެ.