ads
މޭރީ އަދީ އޭނާގެ ފިރިމީހާ މާވިން
މޭރީގެ އާއިލާއިން އެދޭނަމަ މާވިންއަށް މަރުގެ އަދަބު ދެވިދާނެ: ދައުލަތް
އައިޖީއެމްއެޗުގައި މަސައްކަތްކުރަމުން ދިޔަ ފިލިޕީންސްގެ އަންހެން ނަރުހެއް ކަމަށްވާ މޭރީ ގްރޭސް މަރައިލި މައްސަލައިގައި އޭނާގެ ފިރިމީހާ މާވިން އެސް.ވައި ވާގަސްއަށް ކުރާ ދައުވާ އޭނާގެ މައްޗަށް ސާބިތުވެއްޖެނަމަ އިސްލާމީ ޝަރީއަތާއި އެއްގޮތަށް އޭނާއަށް މަރުގެ އަދަބު ކަނޑައެޅޭނެކަމަށް ދައުލަތުން ބުނެފި އެވެ.
Advertisement

މިދިޔަ އޮކްޓޯބަރުމަހުގެ 19 ވަނަ ދުވަހުގެ 12:00 އާއި 12:49 އާ ދެމެދުގެ ވަގުތެއްގައި ބޮލާއި ކަރަށް ހަމަލާދީގެންނާއި, ނޭވާ ހާސްކޮށްގެން މޭރީ މަރައިލިކަމުގެ ތުހުމަތުގައި މާވިންގެ މައްޗަށް އުފުލާފައިވާ އެނގިހުރެ މީހަކު މެރުމުގެ ކުށުގެ ދައުވާގެ އިބްތިދާއީ އަޑުއެހުމެއް ކްރިމިނަލް ކޯޓުގައި މިއަދު ވަނީ ބާއްވާފަ އެވެ.

އޮންލައިންކޮށް ބޭއްވި އަޑުއެހުމުގައި ވާހަކަ ދައްކަވަމުން ދައުލަތުގެ ވަކީލު އަހްމަދު ނައުފަލް ވިދާޅުވީ ދައުވާ ލިބޭ މީހާ އާ މަރުވި މީހާއަކީ ވިސާ ނަގައިގެން ރާއްޖެ އައިސް ތިބި ޣައިރު މުސްލިމުންކަމަށް ވިޔަސް އެއީ މުސްތައުމިނުންކަމަށްވާތީ (މުސްލިމުންގެ ފަރާތުން އަމާންކަން ދީފައި ތިބޭ މީހުން) އެފަދަ މީހެއް މަރައިލި މީހާއަކީ ވެސް ލޭ ހުއްދަ މީހެއް ކަމަށެވެ. އެ ގޮތުން މި މައްސަލައިގައި މަރުވި ފަރާތުގެ އާއިލާއިން އެދޭނަމަ މާވިންގެ މައްޗަށް  ގިސޯސް ހިފޭނެކަމަށް ދައުލަތުން ގަބޫލު ކުރާ ކަމަށެވެ.

މާވިންގެ މައްޗަށް އެނގިހުރެ މީހަކު މެރުމުގެ ކުށުގެ ދައުވާ އުފުލީ ގާނޫނުލްއުގޫބާތުގެ 110 ވަނަ މާއްދާގެ ދަށުންނެވެ. އެ މާއްދާގައި ބަޔާންކޮށްފައިވަނީ އެނގިހުރެ މީހަކު މަރައިފި މީހާ އެކުރަނީ ކުށެއް  ކަމަށެވެ. މާވިންގެ މައްޗަށް ކޮށްފައިވާ ދައުވާގެ އަސާސީ އަދަބަކީ 10 އަަހަރަށް ޖަލަށްލުމެވެ. ނަމަވެސް ގުރުއާނުގައި ހައްދު ކަނޑައެޅިފައިވާ ކުށެއް މީހެއްގެ މައްޗަށް ސާބިތުވެއްޖެނަމަ އިސްލާމީ ޝަރީއަތުގެ އަސްލުތަކާއި އެއްގޮތްވާ ގޮތުގެ މަތިން މި ގާނޫނާއި ގުރުއާނުގައި ކަނޑައެޅިފައިވާ އުގޫބާތް އެ މީހެއްގެ މައްޗަށް ކަނޑައަޅަންވާނެކަމަށް ގާނޫނުލްއުގޫބާތުގެ 1205 ވަނަ މާއްދާގައި ވަނީ ބަޔާންކޮށްފަ އެވެ.

މާވިންއަށް ކުރާ ދައުވާ މިއަދުގެ އަޑު އެހުމުގައި ދައުލަތުން އިއްވި ނަމަވެސް ތަރުޖަމާނަކު މެދުވެރިކޮށް މާވިންއަށް ދައުވާ ތަރުޖަމާކޮށްދިންއިރު އެކަށީގެންވާ ގޮތެއްގައި ތަރުޖަމާކޮށް ނުދެވޭކަމަށް ދައުލަތާއި ދިފާއުންނާއި ގާޒީ ވެސް ވަނީ ގަބޫލު ކުރައްވާފަ އެވެ. އެ ގޮތުން ދެން އޮންނަ އަޑުއެހުމެއް ބާއްވާނީ މައްސަލައިގައި ހިމެނޭ ހުރިހާ ފަރާތެއް ކޯޓަށް ހާޒިރުކޮށްގެން ކަމަށާއި, އޭރުން ތަރުޖަމާ ކުރުމުގައްޔާއި, އަޑު ލިބުމުގައި ވެސް ދަތިތަކާއި ކުރިމަތިލާން ނުޖެހޭނެ ކަމަށް ގާޒީ ވަނީ ވިދާޅުވެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް