ads
މައިންބަފައިން ދަރިންނަށް ރަނގަޅު ނަތީޖާ ހޯދުމަށް ޕްރެޝަރު ކުރުމަކީ ރަނގަޅު ގޮތެއްތަ؟
ތައުލީމަކީ އިންސާނާގެ ހަޔާތުގައި ވަރަށް މުހިންމު ދައުރެއް އަދާކުރާ އެއްޗެކެވެ. ކޮންމެ ކުއްޖަކަށް ވެސް ކިޔެވުމުގެ ހައްގު ލިބިގެންވާއިރު، އެ ހައްގުން މަހުރޫމް ކުރުމަކީ އެއްވެސް މިހަކަށް ކުރެވޭނެ ކަމެއް ނޫނެވެ. ނަމަވެސް އިލްމުގެ ވާހަކަ ދައްކާއިރު، ރަނގަޅު ނަތީޖާތައް ލިބުމާއި، ކްލާހުން އެއްވަނަ ގެނައުމާއި، ހުރިހާ މާއްދާއަކުން ހަމައެކަނި 'އޭ' ގެނައުމަށް މަޖުބޫރު ކޮށްގެން ނުވާނެ އެވެ.
Advertisement

ދަރިންނަށް އެންމެ ރަނގަޅު ގޮތް މެދުވެރިވުމަށާއި ހުރިހާ މައިދާނެއްގައި ވެސް ދަރިންނަށް ކާމިޔާބުވުމަށް އުއްމީދު ކުރި ނަމަވެސް އިލްމީ ގޮތުން މޮޅުވުމަށް ކުދިންނަށް ޕްރެޝަރު ކުރުމަކީ އޭގެ ނޭދެވޭ އަސަރު އެކުދިންނަށް ކޮށްފާނެ ކަމެއްކަން ވެސް ބެލެނިވެރިންނަށް އެނގެން ޖެހެ އެވެ.

ޕްރެޝަރުގެ ސަބަބުން ސްޓްރެސް އަށް މަގުފަހިވޭ

ދަރިފުޅު މޮޅު މީހަކަށް ވުމަށް އިތުބާރު ހޯދައިދީ، ތިބާގެ އުއްމީދުތައް ފުރިހަމަ ކުރުމަށް ޕްރެޝަރު ކުރުމާ ދެމެދު ތަފާތު ތަކެއް އެބަހުއްޓެވެ. ދަރިފުޅު މޮޅު ކުއްޖަކަށް ހެދުމަށް ޑިމާންޑް ކުރުމަކީ، އެކުދިން ހިތްވަރާއެކު ބުރަކޮށް މަސައްކަތް ކުރާނެ ކަމެއްކަމަށް ގަބޫލު ކުރާ ނަމަ، ތި ވިސްނެނީ ރަނގަޅަކަށް ނޫނެވެ.

ތަޖުރިބާކާރުން ގަބޫލުކުރާ ގޮތުގައި މައިންބަފައިންގެ ޕްރެޝަރުގެ ސަބަބުން ގިނަ ފަހަރަށް ކުދިން ސްޓްރެސް ވުމާއި އެންޒައިޓީގެ ޝިކާރައަކަށް ވެގެން ދިޔުމަށް މަގުފަހިވެގެން ދެއެވެ. 

އެމެރިކާގެ އެރިޒޯނާ ސްޓޭޓް ޔުނިވާސިޓީގެ ދިރާސާ ކުރާ ފަރާތްތަކުން 2016 ވަނަ އަހަރުގެ ނޮވެމްބަރު މަހު ކުރި ދިރާސާއަކުން ދައްކާ ގޮތުގައި ރަނގަޅު ނަތީޖާތައް ހޯދުމަށް ނުވަތަ ހަރަކާތްތަކުގައި ނުހަނު ރަނގަޅަށް މަސައްކަތް ކުރުމަށް ކުދިންނަށް ޕްރެޝަރު ކުރުމަކީ ކުއްޖާއަށް ނުހަނު ގެއްލުން ހުރި ކަމެކެވެ.

އެ ދިރާސާއިން ދައްކާގޮތުގައި އެ ގޮތަށް ޕްރެޝާ ކުރާ ނަމަ ނަފްސާނީ އަދި ޖިސްމާނީގޮތުން ކުދިންނަށް ކުރާ ނޭދެވޭ އަސަރު ބޮޑުވެ އެކުދިންގެ ގައިގައި ހުރި ރިވެތި އާދަތަކަށް އުނިކަން އަތުވެދާނެ އެވެ. ކުދިންގެ ބޭނުންތަކާއި ޝުއޫރުތަކުގެ މައްޗަށް ނުބަލާ މޮޅު ނަތީޖާ ހޯދުމަށް ބާރު އަޅަން ފަށައިފިނަމަ އެ ދެވެނީ ނުބައި މެސެޖެ ކެވެ.

އޯގާތެރިކަމަށް ފޯކަސް ކުރުމުގެ ބޭނުންތެރިކަން

އެރިޒޯނާ ސްޓޭޓް ޔުނިވާސިޓީން ގްރޭޑް ހައެއްގެ 506 ގެ ކުދިން ބައިވެރިކޮށްގެން ހެދި ދިރާސާއެއްގައި، އެ ކުދިންގެ މައިންބަފައިން އެމީހުންގެ ކިބައިން ބޭނުންވާ ކަމަށް ހީވާ އެންމެ މަތީ ތިން ކަމެއް ކަނޑައެޅުމަށް އެދުނެވެ. ކުދިންނަށް ހަ އޮޕްޝަން ދީފައިވާއިރު، އޭގެ ތެރެއިން ގިނަ ކުދިން ބުނާ ގޮތުގައި ޕާސަނަލް ސަކްސެސް، މިސާލަކަށް ރަނގަޅު ގްރޭޑްތައް ލިބުމާއި ދިރިއުޅުމުގައި ފަހުން ކާމިޔާބު ކެރިއަރެއް ލިބުން ފަދަ ކަންކަމެވެ. އަނެއް ތިން ކަންތައް ގުޅިފައިވަނީ އޯގާތެރިކަމާއި އިހުތިރާމް ކުރުމާއެވެ.

އެއަށްފަހު ދިރާސާކުރި ފަރާތްތަކުން ވަނީ އެކުދިންގެ ޖަވާބުތަކާ އެއްގޮތަށް ކުދިން ވަކިކޮށް، ކޮންމެ ގްރޫޕަކުންވެސް އެކުދިންގެ އެކަޑަމިކް ރިޕޯޓްތަކަށް ރިއާޔަތްކޮށް ސްކޫލުގައި ޕާފޯމްކުރި ގޮތާއި އަޅާ ބަލާފައެވެ.

ބެލެނިވެރިންގެ ފަރާތުން އިލްމީ ގޮތުން އެކުދިން ކުރިއަރައިދިއުމަށް ބޭނުންވާ ކަމަށް ބުނި ކުދިން، ނަފްސާނީ ދުޅަހެޔޮކަމަށް އަސަރުކުރުވާ ފަދަ ނޭދެވޭ އަސަރުތައްކަމަށްވާ ޑިޕްރެޝަން، އެންޒައިޓީ، އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ކުޑަވުން، އަޚުލާޤީ މައްސަލަތައް ތަހައްމަލުކޮށްފައިވެއެވެ. އަދި އެކުދިންނަށް ދަށް ގްރޭޑްތަށް ލިބިފައިވާ ކަމަށް ދައްކާއިރު، މައިންބަފައިންގެ ޕްރެޝަރުގެ ސަބަބުން ކުއްޖާގެ ނަފްސާނީ ދުޅަހެޔޮކަމަށް އަސަރުކުރާކަން މީގެން ސާފުކޮށް ފެނިގެންދެއެވެ. 

އުއްމީދުތައް މަތިވާ ވަރަކަށް ހާސިލްކުރުންތައް ދަށަށް ދިޔުން.

އުއްމީދުތައް ކަނޑައެޅުމާއި، ޕްލޭނެއް އެކުލަވާލުމާއި، ދިރިއުޅުމުގައި އަމާޒުތަކާއި އުއްމީދުތައް ކުރިއެރުވުމަށް ކުދިންނަށް މަގުދައްކައިދިނުމަކީ މުހިންމު ކަމެކެވެ. ނަމަވެސް، އެމެރިކަން ސައިކޮލޮޖިކަލް އެސޯސިއޭޝަން (އޭޕީއޭ) އިން 2015 ވަނަ އަހަރު ޝާއިއުކުރި ދިރާސާއަކުން ހާމަވެފައިވާ ގޮތުގައި، މާ ބޮޑު އުއްމީދެއް ކަނޑައެޅުމަކީ ނުރަނގަޅު ނަތީޖާއެއް ނުކުމެދާނެ ކަމެކެވެ. މައިންބަފައިންގެ އެދުންތަކުގެ ސަބަބުން ދުޅަހެޔޮ ވާދަވެރިކަމެއްގައި ބައިވެރިވުމަށް ކުދިންނަށް ހިތްވަރު ލިބިގެންދާ ނަމަވެސް، މާ ބޮޑެތި އުއްމީދުތައް ގެންގުޅުމަކީ އެކުދިންގެ ޕާފޯމަންސަށް ނޭދެވޭ އަސަރު ކޮށްފާނެ ކަމެކެވެ.

ދަރިފުޅަށް އެހީތެރިވާނެ ގޮތްތައް

މޮޅުކަމެއް ޙާޞިލުކުރުމަށް ދަރިފުޅަށް ޕްރެޝަރު ކުރުމުގެ ބަދަލުގައި، އެކުދިން އަމިއްލައަށް ގޮތް ނިންމަން ދޫކޮށްލައި، އެކުދިން ބޭނުންވެއްޖެ ހިނދެއްގައި އެކުދިންނަށް މަގުދައްކައިދޭން ތިބޭށެވެ. މިގޮތުން އެކުދިންނަށް އީޖާބީ ގޮތެއްގައި ހިތްވަރު ދިނުމުގެ ގޮތުން ކުރެވިދާނެ ބައެއް ކަންތައްތައް ތަކުގެ ތެރޭގައި:

- ބުރަ މަސައްކަތަކީ މުހިންމު ކަމެއް ނަމަވެސް އެއީ ހަމައެކަނި މުހިންމު ކަމެއް ކަމުގައި ދެކޭ ކަމަކަށް ނުހަދާށެވެ.

- ކުދިން ހަދާ ގޯސްތަކަށް ފާޑުކިއުމަށްވުރެ، އެ ކަންތައްތައް ރަނގަޅުކުރާނެ ގޮތްތައް ކިޔައިދީ ހެޔޮމަގު ދައްކައިދޭށެވެ. 

- މޮޅުވުމަކީ ހުރިހާ ކަމެއް ނޫންކަން ދަރިފުޅަށް އަންގައިދޭށެވެ.

- ހަމްދަރުދީއާއި އޯގާތެރިކަމަކީ ހުރިހާ ކަމަކަށްވުރެ ވެސް މަތިވެރި ކަމެއް ކަން ކިޔައިދޭށެވެ.

- ރަނގަޅު ނަތީޖާތައް ލިބުމަކީ ރަނގަޅު އިންސާނަކަށް ވުން ފަދަ ކަމެއް ނޫންކަން ކުދިންނަށް އަންގައިދޭށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް