ads
ރައީސް ނަޝީދަށް ވެރިކަން ލިބުނު ގޮތާ މެދު އެމަނިކުފާނު ސުވާލު އުފައްދަވައިފި
ދެހާސް އަށްވަނަ އަހަރު އެންމެ ގިނަ ވޯޓު ލިބުނީ އޭރުގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމަށް ނަމަވެސް، ރައީސް މައުމޫން ބަލިކުރީ ދެ ވަނަ ބުރުގައި ގިނަ ޕާޓީތަކާއި ގުޅިގެން ކަމަށާއި، އެއީ ކުއްލިގޮތަކަށް ރާއްޖޭގެ ރައްޔިތުން ރައީސް މުހައްމަދު ނަޝީދަށް ރުހި އަޤުލަބިއްޔަތުން ވޯޓު ދިނީ ކަމަށް ދެކޭނަމަ، އެއީ ދޮގެއްގެ މައްޗަށް ދެކެވޭ ދެކުމެއް ކަމަށް ރައީސް ނަޝީދު ވިދާޅު ވެެއްޖެ އެވެ.
Advertisement

އަމަލު ކުރަމުން ގެންދާ ޤާނޫނު އަސާސީއަށް 13 އަހަރު ވެފައިވާއިރު، އޭގައި ހުރި ބައެއް ކަންކަމާއި ގުޅޭ ގޮތުން ވިސްނާންވެއްޖެކަމީ މިޤައުމުގެ ކަންކަމާއި ވިސްނާ އެކަކުވެސް ދެބަސްވާނެ ހަޤީގަތެއް ނޫން ކަމަށް ވިދާޅުވެ، "މުޅިރާއްޖޭގެ ފަރާތުން ވަކާލާތު ކުރުން" މިނަމުގައި މިއަދު ރައީސް ނަޝީދު ނެރުއްވި ބަޔާނެއްގައި ބުނެފައިވަނީ، ރައީސުލްޖުމްހޫރިއްޔާ އިންތިހާބު ކުރުމުގައި އެންމެ ގިނަ ވޯޓް ހޯދޭ ކެންޑިޑޭޓް އަކީ މޮޅުވާ ކެންޑިޑޭޓުގެ ގޮތުގައި ކަނޑައެޅުން ބޭނުންތެރި ކަމަށެވެ.

އަމަލު ކުރަމުން މިގެންދާ ޤާނޫނު އަސާސީގެ ދަށުން ތިން ފަހަރަށް ރިޔާސީ އިންތިހާބު ބޭއްވުނު އިރުވެސް އާންމު ހަމައެއްގެ ގޮތުގައި ފެނުނީ ދެ ވަނަ އަށް އެންމެ ގިނަ ވޯޓް ހޯދާ ޕާޓީ ރިޔާސީ އިންތިހާބު ކާމިޔާބުކުރާތަން ކަމަށް ނަޝީދު ވިދާޅުވި އެވެ. 

ނަޝީދު ވަނީ، 30 އަހަރުވަންދެން ވެރިކަން ކުރަމުން އައި ރައީސް މައުމޫން 2008 ވަނަ އަހަރުގެ އިންތިހާބުގައި ބަލިކޮށް ނަޝީދު ވެރިކަމަށް އައީ އެންމެންގެ ރުހުން ލިބިގެން ކަމަށް ބުނުމަކީ ދޮގެއްގެ މައްޗަށް ދެކެވޭ ދެކުމެއް ކަމަށް ވެސް އިއުތިރާފުވެވަޑައިގެންފަ އެވެ. 

އެގޮތަކީ އެ އަހަރު ވެރިކަން ނަޝީދު ހޯއްދެވީ ދެ ވަނަ ބުރަކަށް ގޮސް ހުރިހާ ޕާޓީތައް ގުޅިގެން ކަމަށް ވުމުންނާއި، 2008 ވަނަ އަހަރު ފުރަތަމަ ބުރުގައި ހަގީގަތުގައި އެންމެ ގިނަ ވޯޓު ލިބުނީ ރައީސް މައުމޫން އަށް ކަމަށް ވުމުން ކަން ނަޝީދު ފާހަގަ ކުރެއްވި އެވެ.

"2008 ވަނަ އަހަރުގައި އެންމެ ގިނަ ވޯޓް ލިބުނީ ރައީސް މައުމޫނު އަބްދުލް ޤައްޔޫމަށެވެ. އެހެން ނަމަވެސް ދެ ވަނަ ބުރުގައި އެހެން ހުރިހާ ޕާޓީ އަކާއި ކެންޑީޑޭޓުން، ރައީސް މައުމޫނު އާ ދެކޮޅައް ނުކުމެ، ރައީސް މައުމޫނު ބަލިކުރީ އެވެ. ފުރުތަމަ ބުރުގައި އަޅުގަޑަށް ލިބުނީ 25 އިންސައްތަ އެވެ. ފުރުތަމަ ބުރާއި ދެ ވަނަ ބުރާއި ދެމެދުގައި ކުއްލިގޮތަކަށް ރާއްޖޭގެ އެތައް ރައްޔިތުންނެއް އަޅުގަނޑާއި ރުހި އަޅުގަނޑަށް އަޤުލަބިއްޔަތު ވޯޓް ދިނީ ކަމަށް ދެކޭންވެއްޖެ ނަމަ، އެއީ ދޮގެއްގެ މައްޗަށް ދެކެވޭ ދެކުމުކެވެ." ރައީސް ނަޝީދުގެ ބަޔާނުގައި ވެއެވެ.

ވިދިގެން އައި 2013ވަނަ އަހަރު ރިޔާސީ އިންތިހާބުގައިވެސް އަސާސީ އުސޫލު ދިޔައީ އެއްހަމައެއްގައި ކަން ފާހަގަ ކުރައްވަމުން އެބަޔާނުގައި ބުނެފައިވަނީ އެންމެ ގިނަ ވޯޓް ލިބުނީ ރައީސް ނަޝީދަށް ނަމަވެސް ރައީސްކަމަށް ހުވާކުރެއްވީ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމު ކަމަށެެވެ. އޭގެ ފަހުން ދެން ބައްދަލު ކުރި 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވެސް އަދި އަމުދުން އެގޮތް ދިޔައީ ބޮޑުވެގެން ކަމަށް ރައީސް ނަޝީދު ފާހަގަ ކުރެއްވި އެވެ. 

"އެމްޑީޕީގެ ޕްރައިމެރީ ލިބުނީ އަޅުގަނޑަށެވެ. ނަމަވެސް ޕާޓީގެ ފަރާތުން ވާދަކުރެއްވީ ޕާޓީގެ ކޮންގްރެސްގެ ނިންމުމާއި އެއްގޮތައް މިހާރުގެ ރައީސް އިބަރާހިމް މުހަންމަދު ސޯލިހް އެވެ. ރިޔާސީ އިންތިޚާބު އެކަންޏެއް ނޫނެވެ. މަޖިލިސް އިތިހާބުތަކުގައި ވެސް އަދި ކައުންސިލް އިންތިހާބުތަކުގައި ވެސް އެއްވެސް
ޕާޓީއަކަށް އަޤްލަބިއްޔަތު ވޯޓް ހޯދިފައެއް ނުވެއެވެ. އަޤްލަބިއްޔަތު ވޯޓް ހޯދުމަކީ އެއްވެސް މިނިވަން މުޖްތަމައުއެއްގައި ފަސޭހަކަމެއް ނޫނެވެ. ވަރަށް މަދުން ނޫނީ ނުވާކަމެކެވެ." ރައީސް ނަޝީދުގެ ބަޔާނުގައި ވެއެވެ.

އެ ބަޔާނުގައި އިތުރަށް ފާހަގަކޮށްފައިވާ ގޮތުން، ރާއްޖޭގެ ސިޔާސީ ތޮބިއްޔަތު އޮތްގޮތުން ބޮޑު ދެ ޕާޓީ،(އެމްޑީޕީ އާއި އަދި ޕީޕީއެމް) އަށް ވެސް ތާއިދު އޮންނަނީ ދާދި އެއް މިންވަރެއްގައެވެ. އެއީ 35 އިންސައްތަ އާއި 45 އިންސައްތަ އާއި ދެމެދުގައެވެ. މި ދެ ޕާޓީމެ، އިންތިހާބު ކާމިޔާބު ކުރުމަށް އެހެން ކުދި ޕާޓީ ތަކާ ގުޅޭން ޖެހެ އެވެ. މި ގުޅުމަކީ ވަރަށް އަގުބޮޑު ގުޅުމެކެވެ. 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ކުރީގައި، މި ފަސް އިންސައްތަ ވޯޓު ހޯދުމަށް ޓަކައި އެމްޑީޕީ ވަނީ އެމީހުންގެ ސަރުކާރުގެ ކެބިނެޓްގެ 60 އިންސައްތަ ދޫކޮށްފައި ކަމަށާއި، ފަސް އިންސައްތަ ރައްޔިތުން އެދޭ ގޮތަށް ކަންކަން ގެއްދިއުމަށް 45 އިންސައްތަ ރައްޔިތުންގެ އުންމީދުތައް ފެންކޮށްލަނީ ކަމަށް ނަޝީދު ވިދާޅުވިއެވެ. 

އެފަދަ ބޭއިންސާފުގައި ވެރިކަމުގެ ކަންކަން ގެންދަނީ ނަމަ އެތައްގޮންޖެހުމަކާއި ކުރިމަތިލާންޖެހޭނެ ކަން ފާހަގަކޮށް ބަޔާނުގައި ވަނީ ގިނަ ބައިވަރު މީހުނަކީ ބާކީވާ މީހުން ކަމުގައި ދެކެނީ ނަމަ ހިތި ނަތީޖާތައް ޤައުމުތަކުގެ ހަޔާތުގައި ފެންނާނެކަން ވަނީ ސާފު ވެފައި ކަމަށެވެ.

"ރައީސުލްޖުމްހޫރިއްޔާ އިންތިހާބު ކުރާ ގޮތައް ބަދަލު ގެނެއުމަކީ މިރާއްޖޭގެ އިޖްތިމާއީ، އިގްތިސޯދު އަދި ސިޔާސީ އަދާލަތައް ކޮންމެހެން ބޭނުން ތެރިކަމެކެވެ. އިއްތިހާދު އަކީ ރާއްޖޭގެ ޤާނޫނުއަސާސީ ދަންނަކަމެއް ނޫނެވެ. އެއް ގޮތަކަށް ވެސް ބަޔާންކޮށްފައިވާ ކަމެއް ނޫނެވެ. އެހެން ނަމަވެސް އަމަލު މިކުރާ ޤާނޫނު އަސާސީގެ ދަށުން އުފެދުނު ތިން ވެރިކަން ވެސް ހިންގާފައިވަނީ ރައީސުލްޖުމްހޫރިއްޔާ އާއި "އޭނާގެ" ވަޒީރުންގެ މަޖިލީހަކުން ނޫނެވެ. ވެރިކަންތައް ހިންގާފައިވަނީ ރައީސުލްޖުމްހޫރިއްޔާ އާއި އޭނާއަށް ތާއިދު ކުރާ ޕާޓީތަކެއްގެ މެންބަރުންގެ މައްޗައްއެކުލެވިގެންވާ ވަޒީރުންގެ މަޖިލީހަކުންނެވެ." ބަޔާނުގައި ވެއެވެ.

ނަޝީދު އިތުރަށް އެބަޔާނުގައި ވިދާޅުވެފައިވަނީ، އިއްތިހާދު މެދުވެރިކޮށް ކާމިޔާބު ކުރާ ރިޔާސީ އިންތިހާބަށް ފަހުގައި، އެކުލަވާލެވޭ ވަޒީރުންގެ މަޖިލީހުގެ މެންބަރުން ކަނޑައެޅުމުގެ ޝަރުތުތަކެއް ގާނޫނު އަސާސީއަށް އިތުރުކުރުން ވެސް ބޭނުންތެރި ކަމަށާއި، އެ ޕާޓީއަކުން މަޖިލީހުގައި ތަމްސީލު ވާ މިންވަރާއި އަދި ކައުންސިލުތަކުގައި ތަމްސީލުވާ މިންވަރު އެއީ ޕާޓީތަކަށް ތާއިދު އޮތް މިންވަރު އަންގުވާދޭ ތަރާދުތަކެއް ކަމަށެވެ. 

އަދި އެކުލަވާލެވޭ އިއްތިހާދު ސަރުކާރުގައި ވަޒީރުންނާއި އަދި އެހެނިހެން ސިޔާސީ މަގާމުތަކަށް މީހުން ކަނޑައެޅުމުގެ ހެޔޮ ގޮތަކީ އެ ޕާޓީއަކަށް ރައްޔިތުންގެ ތާއިދު އޮތް މިވަރެއްގެ މައްޗަށް ބިނާކޮށް، ޕާޓީތަކަށް ޖާގަ ދިނުން ކަމަށް ވެސް ރައީސް ނަޝީދުގެ އެ ބަޔާނުގައި ވެއެވެ.

86%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
14%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް