އިންޑިއާގެ ބެންގަލޫރުގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް މި މަހުގެ 15 ވަނަ ދުވަހުގައި އަވަހާރަވި އަބްދުއްރަޝީދުގެ މައްޗަށް ކަށު ނަމާދު ކުރުމަށް ހަމަޖެހިފައިވަނީ މިރޭ އިޝާ ނަމާދަށްފަހު މަސްޖިދުއް ތަޢާވުން (އާސަހަރާ މިސްކިތް) ގައެވެ. މައްޔިތާގެ މޫނު ދެއްކުން އޮންނާނީ މިއަދު 15:00 އިން ފެށިގެން އާސަހަރާގައެވެ.
އުމުރުފުޅުން 75 އަހަރުގައި އަވަހާރަވި އަބްދުއްރަޝީދަކީ ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަޒުލް ރަޝީދުގެ ވެސް ބައްޕާފުޅެވެ.
މަރްހޫމް އަބްދުއްރަޝީދު ވަނީ ގިނަ ދުވަސްތަކެއް ވަންދެން ގައުމަށް ހިދުމަތް ކުރައްވާފައެވެ. އެ ގޮތުން އޭނާއަކީ މަދްރަސަތުލް އަހްމަދިއްޔާ (މިހާރު އަހްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލް) ގެ އެންމެ ފުރަތަމަ ނާޒިރެވެ. އެ މަގާމުގައި ހުންނެވީ 1982 ފެބްރުއަރީ 21 އިން ފެށިގެން 1982 އޮގަސްޓު 15 އަށެވެ.
ހަމައެހެންމެ އަހްމަދިއްޔާގެ ދެވަނަ ނާޒިރު އިސްތިއުފާ ދެއްވުމާއި ގުޅިގެން 1986 ޑިސެމްބަރު 23 އިން ފެށިގެން 1989 ޖުލައި ނުވައެއްގެ ނިޔަލަށް ވެސް އެ ސުކޫލުގެ ނާޒިރުކަން ކުރެއްވިއެވެ.
އަބްދުއްރަޝީދު ވަނީ 20 އަހަރު ވަންދެން ރައްޔިތުންގެ މަޖިލީހުގެ އަރި އަތޮޅުގެ މެންބަރުކަން ކުރައްވާފައެވެ. އަދި ރައްޔިތުންގެ ހާއްސަ މަޖިލީހުގެ އދ.އަތޮޅުގެ މެންބަރުކަން ވެސް ކުރެއްވިއެވެ.
އަބްދުއްރަޝީދު ވަނީ ބަންޑާރަ ނައިބުގެ އެހީތެރިޔާގެ މަގާމާއި, ފުލުސް ކޯޓުގެ އިސް ގާޒީކަމުގެ މަގާމާއި, ޖެންޑާ މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލްކަމުގެ މަގާމާއި, ޕްރިޒްންސް ޑިވިޝަންގެ އިސްވެރިޔާކަމުގެ މަގާމާއި, މާފަންނު އަވަށު އޮފީހުގެ އިސްވެރިއެއްގެ މަގާމު ވެސް އަދާކުރައްވާފައެވެ.
އަބްދުއްރަޝީދު އަވަހާރަވިއިރު އަނބިކަނބަލަކާއި, ހަތަރު ދަރިކަލުންނާއި, ތިން ދަރިކަނބަލުން ވެސް އެބަ ތިއްބެވިއެވެ.