ads
ގައުމީ ވޮލީ ޓީމުން ރިޓަޔާކުރައްވާފައިވާ އަހްމަދު އަބްދުލްކަރީމް (ލޯންގޭ)އާ އެކު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް -- ފޮޓޯ: ރައީސް އޮފީސް
ގައުމީ ޓީމަށް ކުޅުމުން އަމިއްލަ މަސައްކަތެއް ފެށުމަށް ލޯން ދޫކުރަނީ
ގައުމީ ޓީމަކަށް މަދުވެގެން ފަސް އަހަރު ކުޅެފައިވާ ކުޅުންތެރިން ރިޓަޔާކުރުމުން އަމިއްލަ މަސައްކަތެއް ފެށުމަށް އެހީތެރިވެދިނުމުގެ ގޮތުން މިއަހަރުގެ ތެރޭގައި ލޯން ސްކީމެއް ތައާރުފުކުރުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ރައީސް މިކަން އިއުލާންކުރެއްވީ ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުއްވައިދެއްވުމުގެ ގޮތުން އިއްވެވި ރިޔާސީ ބަޔާނުގަ އެވެ.

ދިވެހި ކުޅިވަރުގައި ލިބިފައިވާ ކާމިޔާބީތަކަށް ބައްލަވާލައްވަމުން ރައީސް ސޯލިހް ވިދާޅުވީ މިދިޔަ އަހަރަކީ ރާއްޖޭގެ ކުޅިވަރުގެ ތާރީހުގައި ވަރަށް ކާމިޔާބު އަހަރެއް ކަމަށެވެ. އެގޮތުން ދިވެހި އެތުލީޓުން މިދިޔަ އަހަރު ވާދަކުރި ބައިނަލްއަގްވާމީ މުބާރާތްތަކުން 13 ރަން މެޑެއްޔާއެކު ޖުމްލަ 46 މެޑަލް ރާއްޖެއަށް ލިބުނު ކަން ރައީސް ވަނީ ފާހަގަކުރައްވާފަ އެވެ. އަދި ސައުތު އޭޝިއަން ގޭމްސްގެ 100 މީޓަރު ދުވުމުން މިދިޔަ އަހަރު ރާއްޖެއަށް ލިބުނު ރަން މެޑެއްޔަކީ އެ ކުޅިވަރު މުބާރާތުގެ ތާރީޚުގައިވެސް ރާއްޖެއަށް ލިބުނު ފުރަތަމަ ރަން މެޑެލް ކަންވެސް ރައީސް ވަނީ ފާހަގަކުރައްވާފަ އެެވެ. 

ރާއްޖޭގައި ބާއްވާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގެ ތައްޔާރީތަކާ ގުޅޭގޮތުންވެސް ރައީސް މިއަދު ވަނީ ވާހަކަދައްވާފަ އެވެ. އެގޮތުން ރައީސް ވިދާޅުވީ 2023 ވަނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް ރާއްޖޭގައި ބޭއްވުމަށް ބޭނުންވާ އުމްރާނީ އަދި އެހެނިހެން ވަސީލަތްތައް ތަރައްގީކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ. 

ގައުމީ ޓީމުތަކަށް ކުޅެފައިވާ ކުޅުންތެރިންނާ ގުޅޭގޮތުން ރައީސް ވިދާޅުވީ ގައުމީ ޓީމަކަށް މަދުވެގެން ފަސް އަހަރު ކުޅެފައިވާ ކުޅުންތެރިން ރިޓަޔާކުރުމުން ދިރިއުޅުމަށްޓަކައި އެހެން މަސައްކަތެއް ފެށުމަށް އެހީތެރިވެދިނުމުގެ ގޮތުން މިއަހަރުގެ ތެރޭގައި ލޯން ސްކީމެއް ތައާރަފުކުރުމުގެ މަސައްކަތް ފައްޓަވާފައިވާ ކަމަށެވެ.

ގައުމީ ޓީމުތަކުގެ ކުޅުންތެރިންނަށް ދިމާވާ ކުޅިވަރުގެ އަނިޔާތަކަށް ފަރުވާދެވޭނެ އިންޝުއަރެންސް ސްކީމެއް ތައާރުފްކޮށް މިއަހަރުގެ ތެރޭގައި ޚިދުމަތް ލިބެން ފަށާނެ ކަމުގައިވެސް ރައީސް މިއަދު ވަނީ ވިދާޅުވެފަ އެވެ. އަދި ބައިނަލްއަގްވާމީ ފެންވަރަށް ކުޅުންތެރިން ބިނާކުރުމުގެ ސިޔާސަތުގެ ދަށުން ކުޅިވަރުގެ ހުނަރު ހޯދޭނެ ގޮތަށް ރާއްޖެއިން ބޭރުން ކިޔެވުމުގެ ފުރުސަތު ހޯދައިދިނުމަށް ސަރުކާރުން ނިންމަވާފައިވާ ކަމަށްވެސް ރައީސް މިއަދު ވަނީ ވިދާޅުވެފަ އެވެ. 

ގައުމީ ޓީމަކަށް މަދުވެގެން ފަސް އަހަރު ކުޅެފައިވާ ކުޅުންތެރިން ރިޓަޔާކުރުމުން އަމިއްލަ މަސައްކަތެއް ފެށުމަށް އެހީތެރިވެދިނުމުގެ ގޮތުން ލޯން ސްކީމެއް ތައާރުފުކުރުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމުގައި ރައީސް މިއަދު އިއުލާންކުރެއްވުމުން ކުޅިވަރު ކުޅުންތެރިން ގެންދަނީ ސޯޝަލް މީޑިއާގައި މިކަން ފާހަގަކޮށް ރައީސް އަށް ޝުކުރު އަދާކުރަމުންނެވެ. 

67%
ކަމުގޮސްފި
33%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް