އެސްޓީއޯ ޕީޕަލްސް ޗޮއިސް ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީތީ ޝުކުރު ދަންވަމުން ނައިބު ރައީސް އަށް މުހާތަބު ކުރައްވާ އަމްރު އަށް ވިދާޅުވެވުނީ ރައީސުލްޖުމްހޫރިއްޔާ އެވެ. އެހެން ވިދާޅުވާ މަންޒަރު ފެންނަ ވީޑިއޯ އިދިކޮޅުގެ ބައެއް ފަރާތްތަކުން ދައުރުކޮށް ބުނެފައިވަނީ ރާއްޖޭގެ ރައީސް އަކީ އިބްރާހިމް މުހައްމަދު ސޯލިހު ނޫން ކަން ސަރުކާރުގެ ކުންފުނި، އެސްޓީއޯގެ އެމްޑީ ވެސް ގަބޫލުކުރައްވާ ކަމަށެވެ.
އަދި އެކަން ސްޕްރީމް ކޯޓުން ރައްޔިތުންނަށް ސާފުކޮށްދެއްވަން ޖެހޭ ކަމަށް ގަބޫލުކުރާ ކަމަށް ބުނެވެސް އެ ވީޑިއޯތައް ދައުރުކޮށްފައިވެއެވެ.
އެކަމާއި ގުޅިގެން އަމްރް ކުރެއްވި ޓްވީޓެއްގައި ވަނީ ކުށް އިސްލާހު ކޮށް ނައިބު ރައީސް އާއި މުހާތަބު ކުރައްވާ ކުރު ކްލިޕެއް ހިއްސާކޮށްފައެވެ. އެ ކްލިޕާއިއެކު އަމްރު ވިދާޅުވެފައިވަނީ، ވާހަކަ ކުރިއަށް ގެންދަމުންދިޔަ އިރު ދެން މުޅިންވެސް ފައިސަލް އަށް ނައިބު ރައީސްގެ ގޮތުގައި މުހާތަބު ކުރައްވާ މަންޒަރު އެ ކްލިޕުން ވަރަށް ސާފުކޮށް ފެންނަ ކަމަށާއި އެހެންކަމުން އެންމެ ފުރަތަމަ ނުބައި ކޮށް މުހާތަބު ކުރެވުނީ އޮޅުމަކުން ކަމަށް ވަރަށް ރަނގަޅަށް ސާފުވާ ކަމަށެވެ.
އަދި އިދިކޮޅުން އެވަރުގެ ކުޑަ "އޮޅުމެއް" ބޮޑު ކަންތައް ގަނޑަކަށް ހަދާލަން އުޅޭތީ ހިތްހަމަ ނުޖެހުން ފާޅުކުރައްވާ އަމްރު ވަނީ، ފާހަގަކުރައްވަން އެއަށްވުރެ ރަނގަޅު ކަންކަން ނެތީތޯ ސުވާލު ކުރައްވާފައެވެ. ނޫނީ ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ފުރިހަމަ ކަމުން، "ސްޕީޗަކުން ކުޑަ އޮޅުމެއް ނޫނީ ނުފެނުނީ ކަމަށް ނިންމަންވީތޯ؟" ވެސް ވަނީ ސުވާލު އުފައްދާފައެވެ.
ނައިބު ރައީސް އަށް ރައީސުލްޖުމްހުރިއްޔާ އޭ މުހާތަބު ކުރެވުން އިދިކޮޅުން ބޮޑުކޮށްލައިގެން އުޅެނީ، ރައީސް ސޯލިހު ތައިރޮއިޑް އޮޕްރޭނެއް ކުރެއްވުމަށްޓަކައި ރައީސްގެ މަގާމުތައް ނައިބު ރައީސް ފައިސަލް އާއި ހަވާލު ކުރައްވާފައިވާތީއެވެ. އަދި އެ މަސްއޫލިއްޔަތުތަކާއި ހަވާލުވުމަށް ނައިބު ރައީސް ހުވާ ކުރައްވާފައިވެސް ވާތީއެވެ.