އިސްދޫ އަށް އުފަން އަހުމަދު ރަޝީދު އޭނާގެ އުމުރުން އެންމެ 21 އަހަރުގައި، ނުކުޅެދޭ އަންހެނަކާ ކައިވެނި ކުރީ ލޯތްބާއި ކުލުނާއި ހަމްދަރުދީ އޭނާގެ ހިތުގައި އުފެދިގެންނެވެ. ދެ އާއިލާގެ މަޖުބޫރުން ކުރި ކައިވެނީގެ ރަހަ އަރު ތެރޭގައި އެ ދުވަހު ތާށި ވެފައިވީ ނަމަވެސް މިއަދު ހިތްހަމަ ޖެހުމާއި އުފާ އެކަމުން ލިބޭ ކަމަށް އަހުމަދު ބުންޏެވެ.
އުމުރުގެ ތަފާތު ބޮޑު ނުކުޅެދުންތެރި އަންހެނަކަށްޓަކާ މުޅި ދިރިއުޅުން އޭނާ ހުސް ކުރީ، ލޯތްބަކީ ކަނު އަދި އަނދިރި އެއްޗެކޭ ބުނާ ބީދައިންނެވެ. އެކައިވެންޏަށް އާއިލާގެ ބައެެއް މީހުން ދެކޮޅު ހަދަނިކޮށް، އާއިލީ ގުޅުން އެއްކޮށް ކަނޑާލި އެވެ.
އަހުމަދުގެ އަންހެނުން އާއިމިނަތު [އާންތު] ދުނިޔެއަށް އުފަންވި އިރު، އެނާ އަކީ ނުކުޅެދޭ ބަލި މީހެކެވެ. ދެފައި ފެންނަން ހުއްޓަސް ހަށިގަނޑަށް ވުރެ ފައި ކުޑަ އެވެ. އަދި އެ ދެ ފައިގައި ވާގި ނުހުރެ އެވެ. އޭނާ އިންނަނީ ފުރޮޅުލީ ގޮޑިއެއްގަ އެވެ. ދުނިޔެއަށް އުފަންވި އިރު ހުރި ނުކުޅެދުންތެރި ކަމާއެކު، އޭނާ އިންނަނީ ބަލި މީހެއްގެ ގޮތުގައި ގޭގަ އެވެ.
އަހުމަދު އައިމިނަތު އާއި ދިމާވި ގޮތް "ސީއެންއެމް" އަށް ކިޔައިދެމުން ބުނީ، އާމިނަތު އާ ދިމާވި އިރު، އުޅުނީ ކުއްޖަކާ ރައްޓެހިވެގެން ކަމަށެވެ.
އެހެން ނަމަވެސް އެ ކުއްޖާ އާ ވަކިވެ ނުކުޅެދޭ މިހަކާ ކައިވެނި ކުރަން ވިސްނީ މާތް ﷲ އަށް ޓަކާ ރަހުމާއި ކުލުނު އަދި ލޯބި ހިތުގައި އުފެދިގެން ކަމަށެވެ. ކައިވެންޏާއި ހަމަޔަށް ދިޔައިރު އަންހެނުންގެ މަންމަ ފިޔަވާ ދެ އާއިލާ އިން ވެސް ކަައިވެންޏާ ދެކޮޅު ހެދި އެވެ.
"އަންހެނުންގެ އާއިލާގެ މަންމަ ފިޔަވާ އެންމެން އެ ކައިވެންޏަށް އިންކާރު ކުރަމުންދިޔައީ. ސަބަބެއްކަމަށް ވީ އާންތުގެ ބައްޕަ އަކީ ރާއްޖެ ތެރޭ މީހަކަށް ވިޔަސް މަންމަ އަކީ މާލޭ މީހަކަށް ވެފައި އާންތުއަށް ލިބެން އޮތް ބޯހިޔާވަހިކަމުން އަހަރެން ފައިދާ ނަގަން އުޅޭކަމަށް ހީވުން،" އަހުމަދު ކިޔައިދިނެވެ.
ހަގީގަތް ދެނެވޮޑިގެން ވާނީ ހެއްދެވި ފަރާތް ކަމަށް ބުނެ، އަހްމަދު ބުނީ އޭނާގެ ދައްތަ ކިޔަވަން ހުރި ގެއަށް ވާތީ އެ ގެއަށް އޭނާ ދިޔައީ ފޮށިގަނޑެއް ހިފައިގެން ކަމަށެވެ.
ހަމަ އެ ރޭ އޭރު ލޯބިވެގެން އުޅުނު ކުއްޖާ އާ ގުޅައިގެން އޮއްވާ އަހުމަދަށް ފޯން ކޯލެއް އައި ކަމަށާއި އެ ފޯން ނަގާ ފުރަތަމަ ކޮންފަރެންސް ކޯލަކަށް ހެދި ކަމަށާއި އެ ކޯލަކީ އާންތުގެ ކޯލެއް ކަމަށް އަހުމަދު ބުންޏެ އެވެ. އާންތުގެ ކޯލް ކަނޑާލީ ފަހުން ގުޅާނެކަމަށް ބުނެ ކަމަށް އޭނާ ބުންޏެވެ.
އޭގެ ފަހުން އާންތު އަށް ފޯނުން ގުޅާ ގުޅުން ބަނދަހިވެ، އެ ގުޅުން ލޯތްބަށް ބަދަލުވެގެން ދިޔަ ކަމަށް އޭނާ ބުންޏެވެ. އެހާ ހިސާބަށް ދިޔަ އިރު އާންތު އޭނާގެ ދިރިއުޅުން ކިޔައިދިން ކަމަށާއި، އޭނާ އަކީ ނުކުޅެދޭ މީހެއް ނަމަވެސް ރީތި އަންހެނެއް ކަމަށް އަހުމަދު ބުންޏެވެ.
ލޯބިން އުފެދުނު އެގުޅުން ވަކިކުރެވޭނެ ބާރެއް، އަދި އެދޭތެރެއަށް ވަދެވޭނެ އެއްވެސް މީހެއް ނެތެވެ. ކައިވެންޏާ ހަމަޔަށް ގޮސް ކޯޓުގައި ވަލީދޭން ހުރި އާންތުގެ ބޭބެ އިންކާރު ކުރަމުން ދިޔަ އެވެ. އާމިނަތު އަކީ ބަލިމީހެއް ކަމަށާއި، މީހަކާ އިނދެގެން އޭނާ އަށް ނޫޅެވޭނެ ކަމަށް ބުނަމުން ދިޔަ އެވެ.
އަދި ކައިވެނީގެ ގުޅުމުގެ، ތެރެއިން އެއްވެސް ކަމެއް ކޮށްފި ނަމަ އާންތު އަށް ހިނގާާބިގާވެ ނޫޅެވޭނެ ކަށާއި، ތެދުނުވެވި އޮންނަން ޖެހޭނެ ކަމަށް އޭނާގެ ބޭބެ ކޯޓުގައި ބުނި ކަމަށާއި، އޭނާާ އަށް އެކަން ބޮޑު ބައްޔަކަށް ވާނެ ކަމަށް އާންތުގެ ބޭބެ ކޯޓުގައި ބުނިކަމަށް އަހްމަދު ބުންޏެވެ.
ނަމަވެސް ޑޮކްޓަރެއްގެ ލިއުމާ އެކު ކައިވެނި ކުރެވޭނެ ކަމަށް ގާޒީ ބުނުމުން އެކަން ވެސް ކުރި ކަމަށާއި، އެންމެ ފަހުން މާޗް ތިނެއް 2009ގައި ކައިވެނީގެ ގޮށް ޖެހިކަމަށް އަހުމަދު ބުންޏެ އެވެ.
"އާންތު އަކީ ނުކުޅެދޭ މީހަކަށް ވިޔަސް އަހަރެން އާންތު ދެކެ ލޯބިވޭ. އަހަރެން އޭނާ އާ ކައިވެނި ކުރީ ލޯބިވެ ރައްޓެހި ވެގެން. އެއީ ވަކި ކުރެވޭނެ ގުޅުމެއް ނޫން. އާންތު އަހަންނަށް ގުޅާފައި ކައިވެނީގެ ވާހަކަ ބުނީ. އެދުވަހު ހިތައް އެރީ އެ ކައިވެންޏަށް އިންކާރު ނުކުރާނަމޭ. އެ ކައިވެންޏަށް އިންކާރު ކޮށްފަ ފަސް އެނބުރޭ ތަނުން އަހަރެންގެ ދިރިއުޅުމަށް ވެދާނެ ގޮތެއް އަހަރެން ހިތަށް އެރީ. އެދުވަހަށް ފަހު އެއީ އަހަރެންގެ މެޑަމް،" އަހުމަދު ބުންޏެވެ.
އެ ކައިވެންޏާއެކު، އާާއިލާގެ ފަރާތުން ކުރިމަތިވަމުން އައި މަލާމާތާއި ފުރައްސާރަ ކަމަށާއި، އެހާހިސާބުން މުޅި އާާއިލާ އެއްކޮށް އެއީ ނެތް ބަޔެއް ކަމަށް ދެކެން ޖެހުނު ކަމަށް އަހްމަދު ބުންޏެވެ.
"އާާއިލީ ގުޅުން ދުވަހަކު ނެތަސް އަހަރެން ބޭނުންވީ އެ ލޯބިން އޭނާާ އޭޭންޖަލް ފަދައިން ގެންގުޅެން. މި ގުޅުމަކީ ތެދުވެރި ލޯތްބެއް ކަމަށް އަހަރެން ދެކެނީ. އޭރު ވެސް މިހާރު ވެސް،" އަހުމަދު ބުންޏެވެ.
ކައިވެންޏަށް ދެދަރިން ލިބި ދިރިއުޅެމުން ދަނިކޮށް، އަހުމަދުގެ މަންމަ މާބޮޑަށް ބަލިވި ކަމަށާއި، އެހާ ހިސާބުން ބަލި އަންހެނުން ހޮވައިގެން ރަށަށްދާން މަޖުބޫރުވި ކަމަށް އަހުމަދު ބުންޏެވެ.
ދެން ވެސް ދެ އާއިލާގެ ފަރާތުން ކުރިމަތިވީ ގިނަ ގޮންޖެހުން ތައް ކަމަށާއި ނަމަވެސް އާާންތު ގޮވައިގެން ރަށަށް ދިޔަ ކަމަށެވެ. އަމިއްލަ ގެއެއްގައި މަންމަ އަށް ހިދުމަތް ކުރުމުގަ އިސްދޫގައި، އަށް އަހަރު، އުޅުމަށް ފަހު މިހާރު އެ ދެމެފިތިން ދިރިއުޅެމުން ދަނީ މާލޭގަ އެވެ.
ކައިވެންޏަށް 13 އަހަރު ވެފައިވާއިރު، އެ ލޯތްބަކަށް ފަނޑުކަމެއް ނެތެވެ.
އާންތު އަކީ ނުކުޅެދޭ ބަލި މީހަކަށް ވިޔަސް އޭނާގެ ހުވަފެންތަކާއި އުއްމީދު ތަކެއް ވެއެވެ.
އާންތު ބުނީ އޭނާގެ ފިރިމީހާ އޭނާ ދެކެ އިންތިހާ އަށް ލޯބިވާ ކަމަށާއި އެއީ ދުނިޔެ މަތިން އޭނާއަށް ލިބުނު އެންމެ ބޮޑު ނަސީބު ކަމަށެވެ.
ކައިވެންޏަށް އެ ދެ މީހުންނަށް ވަނީ ދެދަރިން ލިބިފަ ކަމަށާއި، އުފާވެރި ހަޔާތަކަށް އެ ދެ މީހުން ބޭނުން ވަނީ އާންތު އަށް ގޮނޑިން ތެދުވެވި، ހިނގޭނެ ދުވަހެއް ކަމަށް އާންތު އަދި އަހުމަދު ބުންޏެވެ.
އެ އާއިލާއަކީ ރަޝިޔާ ފަދަ ދުރު ގައުމަކަށް ދެވޭނެ މާލީ ހާލަތު ހުރި ބައެއް ނޫން ކަމަށާއި، އެހެން ނަމަވެސް ކޮންމެ ވެސް ދުވަހަކުން އެ ދުވަހެއް ދައްކަވާނޭ ކަމަށް އޭނާ އުއްމީދު ކުރެ އެވެ. އަދި މިހާރު ބޭނުން ވަނީ ދެމެފިރިން އެކު އުމުރާގެ މަތިވެރި އަޅުކަން އަދާ ކުރުމަށް ކަމަށް ވެސް އަހުމަދު ބުންޏެވެ.
އަހުމަދުގެ އުމުރުން މިހާރު 34 އަހަރެވެ. އާންތު އަށް 43 އަހަރެވެ. 10 އަހަރުގެ ތަފާތު ބޮޑު ނަމަވެސް "އައިމިނަތު މެޑަމް" ނަމުގައި ހަދާފައިވާ ފޭސްބުކު ޕޭޖުން އެކަނި ވެސް އެ ދެމަފިރިންގެ ލޯބި ވަރަށް ރަނގަޅަށް ފެނިގެން ދެ އެވެ.
މިފަދަ މަންޒަރުތައް މީގެ ކުރިން ފެނިފައިވަނީ ރާއްޖޭން ބޭރުން ނަމަވެސް މިއީ ރާއްޖޭގައި ދެމަފިރިއެއްގެ ވާހަކަ އެވެ. ކުޅެދުނަސް ނުކުޅެދުނަސް ލޯބި ވެވިދާނެ ކަމުގެ ހެއްކެވެ. އާމިނަތާއި އަހުމަދުގެ ލޯތްބަކީ މުޅި ރާއްޖޭގެ އެންމެނަށް ހުރި ލޯބީގެ މިސާލެވެ.
އާާމިނަތު އާއި އެކު ކުރެވުނު ކައިވެންޏާއެކު އޭނާ އެދަނީ ނުކުޅެދުންތެރި ކަން ހުރި އަންބަކާ އެކު އުޅެވިދާނެ ކަން އެންމެނަށް ތެދުވެރި އަމަލުން މިސާލު ދައްކަމުން ނެވެ. އާންތު ވެސް އަހްމަދު އާ ދޭތެރޭ ދެކެނީ ހަމަ އެގޮތަށެވެ. އާމިނަތު ވެސް ބުނީ އެފަދަ ފިރިއެއް ލިބުނީތީ ހެއްދެވި ފަރާތަށް ޝުކުރު ކުރާ ކަމަށެވެ.