ކުރެންދޫ ދާއިރާގެ ބައި އިލެކްޝަނަށް އެމްޑީޕީން ވާދަކުރައްވާ ކެންޑިޑޭޓަށް ތާއީދު ހޯދުމަށް ރޭ އެ ރަށުގައި ބޭއްވި ކެމްޕެއިން ޖަލްސާގައި ދެެއްކެވި ވާހަކަފުޅުގައި ނަޝީދު ވިދާޅުވީ ކުރެންދޫގައި އޮތް އެންމެ ބޮޑު މައްސަލައަކީ ބޯހިޔާވަހިކަން ނުލިބުމުގެ މައްސަލަ ކަމަށާއި, އެއް ކޮޓަރީގައި މިހާރު ތިން އާއިލާ ވެސް އެބައުުޅޭ ކަމަށެވެ. އަދި ''ބިމަށް ޖެހިގެން'' ހާލުގައި ހުންނަ މީހާ އެނގިވަޑައިގަންނަވާ ކަމަށާއި, އެކަން އެނގިވަޑައިގަންނަވަނީ ''އަޅުގަނޑަކީ މާލޭ މީހެއް ވީމަ'' ކަމަށް ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ ބިން ހިއްކެން ނެތީމާ ނުހިއްކައި ދިރިއުޅެވޭނެ ގޮތް ޓެކްނޮލޮޖީ އަލީގައި ފެންނަމުންދާ ކަމަށެވެ. އެ ގޮތުން ނެދަލެންޑްސް ޑަޗް ޑޮކްލޭންޑް ކުންފުނިން މާލެ އަތޮޅުގައި ފްލޯޓިންގ ސިޓީއެއް ގާއިމު ކުރަމުންދާކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ. ނަޝީދު ވިދާޅުވީ ކުރެންދޫ ބޭރު މާކަނޑުން 1000 ގޯތި ދެވިދާނެކަމަށް އެ ކުންފުނިން ބުނެފައިވާ ކަމަށެވެ.
ނަމަވެސް މި ދަންނަވަނީ މާދަމާ މި މަސައްކަތް ފަށަން އުޅޭ ވާހަކައެއް ނޫން ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ. އަދި މި މަޝްރޫއުއަކީ ސަރުކާރުގެ މަޝްރޫއުތަކުގެތެރޭގައި އޮތް މަޝްރޫއު އެއްކަމަށް ނުދަންނަވާކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ އެމްޑީޕީން ނުކުމެ މި ތިބީ ހައްލު ހޯދައިދޭން ކަމަށާއި, ރައްޔިތުންނަށް ތަނަވަސް ދިރިއުޅުމެއް ލިބެން އޮތް މަގު ކޮށައިދިނުމަށް ކަމަށެވެ. އެ ގޮތުން މިހާރު އޮތް ވަގުތީ ހައްލަކީ ފުލެޓު ކަމަށާއި, ކުރެންދޫގައި ފުލެޓު އަޅަންޖެހޭ ކަމަށާއި, އެ ފުލެޓު އަޅާނީ ކޮންއިރަކުތޯ އެއީ ނިންމާންޖެހިފައިވާ ކަންކަން ކަމަށެވެ.