ކުރެންދޫ ދާއިރާގެ ބައި އިލެކްޝަނަށް އެމްޑީޕީން ވާދަކުރައްވާ ކެންޑިޑޭޓު އަލީ ނަސީމަށް ތާއީދު ހޯދުމަށް ރޭ އެ ރަށު ދެކުނު އަވަށު މައިޒާނުގައި ބޭއްވި ޖަލްސާގައި ދެެއްކެވި ވާހަކަފުޅުގައި ނަޝީދު ވިދާޅުވީ ރައީސް ޔާމިން އިންޑިއާ އައުުޓް ކިޔުއްވާފައި އެ ކުރައްވަނީ ވަރަށް ނުރައްކާތެރިކަމެއް ކަމަށާއި, ރާއްޖޭގެ މިނިވަންކަމާއި, ރާއްޖޭގެ އިސްތިގުލާލަށް މިއަށްވުރެ ގެއްލުންހުރި މަސައްކަތެއް އެހެން އެކަކު ވެސް ނުކުރާ ކަމަށެވެ. އަދި ރައީސް ޔާމިން އެ ކުރައްވަނީ ކަނޑައެޅިގެން ހުރިހާކަމެއް ވެސް އެނގިހުރެކަމަށް ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވި ގޮތުގައި ރައީސް ޔާމިންގެ ބޭނުންފުޅަކީ ރާއްޖެއާއި ދޭދޭ ގައުމުތަކާއި މެދުގައި މައްސަލަ އުފެއްދުމެވެ. އަދި ބޭރު ގައުމެއްގެ ރުހުމުގެ ލޮލުން މި ރާއްޖެއަށް ނުބެލުނީމާ ލިބޭނެ ނިކަމެތިކަމަކީ ރާއްޖޭގެ ތާރީހު ދަންނަ އެކަކަށް ވެސް އޮޅޭނެ ހަގީގަތެއް ނޫންކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ ރައީސް ޔާމިން ކުރައްވާފަދަ ކަންކަން ކުރެއްވި ވެރިން ތާރީހުގެ ތެރެއިން ވެސް ފެނުނު ކަމަށާއި, އެ ބާވަތުގެ ވެރިންނާ ދޭތެރޭ ދިވެހިން އަމަލު ކުރި ގޮތް ވެސް ފެންނާން އެބައޮތް ކަމަށެވެ.
ނަޝީދުގެ ވާހަކަފުޅު ނިންމަވައިލައްވަމުން ވަނީ ރައީސް ޔާމިނަށް އަދި ޕީޕީއެމްއަށް ތާއީދު ކުރިޔަސް ރާއްޖެއަށް ގެއްލުންވާނެކަމެއް ނުކުރުމަށް ޕީޕީއެމްގެ ހުރިހާ މެންބަރުންނަށް އިިލްތިމާސް ކުރައްވާފައެވެ.