އިދިކޮޅު އިއްތިހާދުގައި ހިމެނޭ ޕީޕީއެމްގެ ތަރުޖަމާނު ހީނާ ވަލީދު ސީއެންއެމްއަށް ވިދާޅުވީ ރައީސް ޔާމިން މިއަދު މެންދުރުފަހު ކުރެންދުއަށް ވަޑައިގަންނަވާނެ ކަމަށެވެ. އެ ގޮތުން ކުރެންދުއަށް ވަޑައިގެން އެ ދާއިރާގެ ކައުންސިލުގެ ބައި އިލެކްޝަންގައި ވާދަކުރައްވާ ކެންޑިޑޭޓުގެ ކެމްޕޭނު ޓީމުތަކާއި ބައްދަލު ކުރައްވާނެކަމަށް ހީނާ ވިދާޅުވިއެވެ.
އެއަށްފަހު އެ މަނިކުފާނު ނައިފަރަށް ވަޑައިގެން އެ ރަށުގައި ބާއްވަން ހަމަޖެހިފައިވާ ''އިންޑިއާ އައުޓް'' ކެމްޕޭނުގެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ވެސް ހީނާ ވިދާޅުވިއެވެ.
ރައީސް ޔާމިން ޖަލުން މިނިވަންވެވަޑައިގެންނެވި ފަހުން އިންޑިއާ އައުޓް ހަރަކާތްތައް ފުޅާކޮށްފައިވާއިރު, ށ.އަތޮޅާއި, ރ.އަތޮޅާއި, މާލެ އަތޮޅާއި, އދ.އަތޮޅާއި, ފ.އަތޮޅާއި, ގއ.އަތޮޅުގެ ބައެއް ރަށްރަށުގައި ވަނީ އެ ހަރަކާތްތައް ކުރިއަށް ގެންގޮސްފައެވެ.
އިންޑިއާގެ މައްސަލަ, މައްސަލައަކަށްވެގެން ތަހައްމަލު ނުކުރެވޭ ހިސާބަށް ދިޔައީ އިންޑިއާގެ މިލިޓަރީ ގިނަ އަދަދަކަށް ރާއްޖޭގަ ތިބޭތީ ކަމަށާއި, އެކަމާބެހޭ ގޮތުން ސަރުކާރުން ރައްޔިތުންނަށް އޮޅުވައިލުމުން ކަމަށް ރައީސް ޔާމިން ވިދާޅުވާއިރު, ސަރުކާރުން އެ ތުހުމަތުތައް ދޮގުކުރެއެވެ. އަދި ރައީސް ޔާމިން އެ ކުރައްވަނީ ވަރަށް ނުރައްކާތެރިކަމެއްކަމަށް ޑިފެންސް މިނިސްޓަރު މާރިއާ އަހްމަދު ދީދީއާއި, ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ ވިދާޅުވެފައެވެ.