ސިޔާސީ ޕާޓީތަކާބެހޭ ގާނޫނުގައިވާ ގޮތުން ޕާޓީއެއް ރަޖިސްޓްރީކޮށްދޭނީ 3000 މެންބަރުން ހަމަވުމުންކަމަށް ވިޔަސް ހަތަރު ޕާޓީއެއްގައި މިހާރު ވަނީ އެ އަދަދަށް ވުރެ މެންބަރުން މަދުވެފައެވެ.
ސިޔާސީ ޕާޓީތަކުގެ ގާނޫނުގައިވާ ގޮތުގެ މަތިން ސިޔާސީ ޕާޓީތަކުގައި މަދުވެގެން 3،000 މެންބަރުން ތިބެން ޖެހެއެވެ. އެ އަދަދު ނެތްނަމަ އޮންނަ ގޮތަކީ ތިން މަސް ދުވަހުގެ ތެރޭގައި އެ އަދަދު ހަމަކުރުމެވެ.
ނަމަވެސް ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގައި އިއުލާނުކުރި ސިއްހީ ކުއްލި ހާލަތާއި ގުޅިގެން މިދިޔަ ދުވަސްތަކުގައި އޮތީ އެ އުސޫލަށް އަމަލުކުރުން މަޑުޖައްސާލާފައެވެ.
ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު މިހާރު ނިމުމަކަށް ގެނެސްފައިވާތީ، އިލެކްޝަން ކޮމިޝަނުން މިދިޔަ ހަފުތާގައި ބޭއްވި ބައްދަލުވުމެއްގައި ނިންމާފައިވަނީ 3000 މެންބަރުން ހަމަނުވާ ޕާޓީތަކަށް ނޯޓިސް ދިނުމަށެވެ. އަދި ތިންމަސް ދުވަހުގެތެރޭގައި މެންބަރުން ހަމަ ނުކުރެވިއްޖެނަމަ އެ ޕާޓީތައް އުވާލުމުގެ މަސައްކަތް ފަށަން އީސީން ވަނީ ނިންމާފައެވެ.
ނޯޓިސް ދީފައިވާ ޕާޓީތަކާއި، އެ ޕާޓީގެ މެމްބަރުންގެ އަދަދު
- މޯލްޑިވްސް ރިފޯމް މޫމްވްމެންޓް އެމްއާރްއެމް: 2302 މެމްބަރުން
- ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (ޑީއާރްޕީ):2280 މެމްބަރުން
- މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓިކްސް (އެމްޓީޑީ):2489 މެމްބަރުން
- މޯލްޑިވްސް ލޭބަ އެންޑް ސޯޝަލް ޑިމޮކްރެޓިކް ޕާޓީ (އެމްއެލްއެސްޑީ):2022 މެމްބަރުން
ރިޔާސީ އިންތިހާބު ބޯމަތިވެފައި އޮއްވާ ހިއްސާ ބޮޑު އެމްއާރްއެމް އަށް ނޯޓިސް
ނޯޓިސް ދީފައިވާ ޕާޓީތަކުގެ ތެރެއިން ތިން މަސް ދުވަސްތެރޭ 3000 ހަމަ ނުކުރެވިއްޖެނަަމަ އުވިގެންދާނެ އެންމެ މުހިންމު އެއް ޕާޓީއަކީ 2018ވަނަ އަހަރު އެމްޑީޕީއަަށް ވެރިކަން ހޯދައިިދިނުމަށް ވެސް މުހިންމު މަސައްކަތްތަކެއް ކުރެއްވި ކޯލިޝަނުގެ ތެރޭގައި ހިމެނޭ ކުރީގެ ރައީސް މައުމޫން ނިސްބަތްވާ އެމްއާރްއެމް އެވެ.
މިކަމާއި ގުޅިގެން އެމްއާރްއެމްގެ ސެކެރެޓަރީ ޖެނެރަލް އަބްދުލް އަލީމް އާދަމް ''ސީއެންއެމް'' ވިދާޅުވީ، އެމްއެންޕީ ރަޖިސްޓްރީވުމާއި ހަމައަށް ވެސް އެމްއާރްއެމްގައި 3200 މެންބަރުން ތިބޭނެ ކަމަށެވެ. ނަމަވެސް އެމްއާރްއެމްއިިން މެންބަރުންގެ އަދަދު މަދުވީ, ޕާޓީގެ ބައެއް މެންބަރުންނަށް ނޭނގި އެމްއެންޕީއަށް ވައްދާފައިި ތިބުމުގެ ސަބަބުން ކަމަށެވެ.
އަލީމް ވިދާޅުވީ އެއީ އިލެކްޝަން ކޮމިޝަނުގެ މައްސަލަ ކަމަށާއި, ފޯމު ހުށަހެޅުމުން އެ ފޯމުގައި އިންނަ ފިންގަޕްރިންޓް ވެރިފައިއެއް ނުކުރާތީ ވާގޮތް ކަމަށެވެ.
އަލީމް ވިދާޅުވީ އެ ގޮތަށް ނޭނގި ގެންގޮސްފައި ހުރިކަން ފާހަގަވެެގެންދިޔަ މެންބަރުންނަށް ގުޅާފައި މިހާރު ފޯމުތައް އަލުން ފުރާފައި އިލެކްޝަނަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި މިހާރު ވެސް ފޯމު ފުރުމުގެ މަސައްކަތް ކުރިއަށް އެބަ ގެންދާކަމަށް އަލީމް ވިދާޅުވިއެވެ.
އެހެންކަމުން އިިލެކްޝަނުން ނޯޓިސްދޭ ހިސާބުން ފެށިގެން މުއްދަތު ހަމަވުމުގެ މާކުރިން ވެސް 3000 މެންބަރުން ހަމަކުރެވޭނެކަމަށް އަލީމް ވިދާޅުވިއެެވެ.
އިިލެކްޝަން ކޮމިޝަންގެ ބަސް: ވަގު ފޯމު ހުށަހެޅުމަކީ ހުރިހާ ޕާޓީއަކުން ވެސް ކުރާކަމެއް!
އެމްއާރްއެމްގެ ތުހުމަތުތަކާއި ގުޅިގެން އިިލެކްޝަން ކޮމިޝަންގެ ނާއިބު ރައީސް އިސްމާއީލް ހަބީބް ''ސީއެންއެމް'' އަށް ވިދާޅުވީ، ވަގު ފޯމު ހުށަހެޅުމަކީ ހުރިހާ ޕާޓީއަކަށް ވެސް ކުރެވޭކަމެއް ކަމަށާއި, ޕާޓީތަކުން ގަސްދުގައި އެފަދަ ކަންކަން ކުރަނީއޭ ދަންނަވާކަށް ނެތިން ކަމަށެވެ. އަދި ރާއްޖޭގައި އުފެދިފައި އޮތް 11 ޕާޓީތެރެއިން ''އެ މީހާއަށް ނޭނގި އެ ޕާޓީއެއްގެ ސޮއި ނުކުރާާ ޕާޓީއެއް ނޯންނާނެ'' ކަމަށާއި, އެކަން އެ ގޮތަށް ވާކަމަށް ހުރިހާ ޕާޓީއަކުން ވެސް ގަބޫލުކުރާނެ ކަމަށެވެ.
ހަބީބް ވިދާޅުވީ އަލަށް ޕާޓީއެއް އުފައްދާއިރު ގިނަ ފޯމުތައް އަންނާނެ ކަމަށާއި, އެ ގޮތަށް ގިނަ ފޯމުތަކެއް އަންނައިރު އެހެންވުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށެވެ. އެގޮތުން ޕީޕީއެމްގެ ކައުންސިލުގައި ހިމެނޭ މެންބަރުން އެހެން ޕާޓީއަކަށް ރަޖިސްޓްރީވެގެންދިޔަ ވާހަކަ އީސީއާއި ބައްދަލުކުރިއިރުގައި ބުނެފައިވާކަމަށް ވެސް ހަބީބް ވިދާޅުވިއެވެ.
ހަބީބް ވިދާޅުވީ އަލަށް ސިޔާސީ ޕާޓީއެއް އުފައްދާއިރު އީސީއަށް ހުށަހަޅާ ފޯމުތަކުގެ 10އިންސައްތަ ފޯމަށް ގުޅާފައި ވެރިފައިކުރާނެ ކަމަށާއިި, ޕާޓީއެއް އުފެއްދުމަށްފަހުވަނީ ގާނޫނީ ވަކި ޝަހުސަކަށް ކަމަށެވެ.
ހަބީބް ވިދާޅުވީ މިކަންކަން ހައްލުކުރުމަށް ސިޔާސީ ޕާޓީތަކާއެކު މަޝްވަރާ ކުރަމުންދާ ކަމަށެވެ. މިހާރު ލިބިފައި ހުރި ފޯމުތައް ނިމުނީމަ ޕާޓީތަކުގެ ޒިންމާ ބޮޑުވާނެ ގޮތަކަށް ބަލައި ކަންކަން އިންތިޒާމު ކުރަން އީސީން ވިސްނާފައިވާނެކަމަށް ވެސް ހަބީބް ވިދާޅުވިއެވެ. މީގެ އިތުރުން ހަބީބް ވިދާޅުވީ ކޮމިޝަނުން ޕާޓީތަކުގެ ދަފްތަރު އާންމުކުރަން ވެސް ވިސްނަމުންދާ ކަމަށެވެ.
އެމްއެންޕީގެ ބަސް: މެމްބަރުން ހަމަކުރީ އެމްއާރްއެމްގެ ލިސްޓު ނަގައިގެނެއް ނޫން!
އެމްއާރްއެމްގެ ތުހުމަތުތަކާއި ގުޅިގެން އެމްއެންޕީގެ ސްޕޯކްސްޕާސަން އަސްރާ އަހްމަދު ވިދާޅުވީ، އެމްއެންޕީ ތެރޭގައި އެކަހަލަ ކަމެއް ހިނގާފައި އޮތްކަމެއް އެނގިވަޑައިނުގަންނަވާ ކަމަށެވެ.
5000 އަށްވުރެ ގިނަ މީހުންގެ ސޮޔާއެކުގައި އެމްއެންޕީ ރަޖިސްޓްރީކުރަން އީސީއަށް ހުށަހެޅީ މިދިޔަ ސެޕްޓެމްބަރު 15 ގައެވެ. ސިޔާސީ ޕާޓީީގެ ގާނޫނުގެ ދަށުން އެ ޕާޓީ ރަޖިސްޓަރީކުރެވި ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި ހިމަނާފައިވަނީ އޮކްޓޫބަރު 25 ގައެވެ.
އެމްއެންޕީއަކީ ދަނގެތީ ދާއިރާގެ މެންބަރު އަދި ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް އިސްވެ ހުންނަވައި އުފައްދަވާފައިވާ ޕާޓީއެކެވެ.