ads
ޖެންޑާމިނިސްޓރްީއާއެކު އެޗްއާރުސީއެމްއިން ބޭއްވި ބައްދަލުވުމުގެ ތެރެއިން
ކ.ގުރައިދޫ މަރުކަޒު: ޖެންޑާ މިނިސްޓްރީއަށް އޮތީ ހަމައެކަނި މަސައްކަތް ކުރުންތަ؟
ހިއުމަން ރައިޓްސް ކޮމިޝަނުގެ ނޭޝަނަލް ޕްރިވެންޓިވް މެކޭނިޒަމް (އެން.ޕީ.އެމް)ގެ ފަރާތުން ކ. ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް ވަނީ މޮނިޓަރިންގ ޒިޔާރަތެއް ކޮށްފައެވެ.

ހިއުމަންރައިޓްސް ކޮމިޝަނުން ބުނީ މިމަހުގެ 6 އިން 8 ވަނަ ދުވަހުގެ ނިޔަލަށް ކުރި 14 ވަނަ މޮނިޓަރިންގ ޒިޔާރަތުގައި ފާހަގަކުރެވުނު ކަންތައްތަކުގެ ތެރެއިން ކޮމިޝަނުން ކަންބޮޑުވާ ކަންތައްތައް ޖެންޑަރމިނިސްޓްރީ، އާއި ހާއްސައެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ އިސްފަރާތްތަކުގެ ސަމާލުކަމަށް މިގެނެވިފައިވާ ކަމަށެވެ.

މި ޒިޔާރަތް ކޮށް މި ބައްދަލުވުން ތައް ބޭއްވުމުގެ ބޭނުމަކީ ކޮބައިބާވައެވެ؟ ބައެއް އާންމު ރައްޔިތުން ބައެއް ޒިންމާތައް އަދާ ނުކޮށްފި ނަމަ ވަރަށް ބޮޑު ޖޫރިމަނާތައް ކުރެވޭތަން ފެނެއެވެ. އެހެންނަމަވެސް ސަރުކާރުގެ މުއައްސަސާތަކުން ކުރަންޖެހޭ ކަންކަން ނުކޮށް ދޫކޮށްލިއަސް މާބޮޑު މައްސަލައަކަށް ވެގެން ދާތަނެއް ނުފެނެއެވެ. ހާއްސަކޮށް ހާއްސައެހީ އަށް ބޭންުންވާ މަރުކަޒުފަދަ ތަންތަނަކީ އަޅާލުން ދޭންޖެހޭ ތަންތަނެވެ. އެހެންނަމަވެސް "ރަނގަޅު ކުރަން މަސައްކަތް ކުރަނީ"އޭ ބުނެ ނިންމާލެވެއެވެ. ބައެއްކަންކަން އެތައް ދުވަހެއް ވީއިރުވެސް އެހެރީ ހައްލު ނުކުރެވިއެވެ.
ކޮމިޝަނުން ފާހަގަ ކޮށްފައިވާ ކަންތައްތަކުގެ ތެރޭގައި ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް 2013 ވަނަ އަހަރު ކޮމިޝަނުން ކުރި ޒިޔާރަތާ ގުޅިގެން، ނަފްސާނީ ބަލިތަކަށް ހާއްސަ ޑޮކްޓަރެއް ނުވަތަ ނަފްސާނީ ބަލިތަކަށް ހާއްސަ ނަރުހެއްގެ ހިދުމަތް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ވަނީ ހުށަހަޅާފައެވެ. އެހެންނަމަވެސް ކޮމިޝަނުން އެ މަރުކަޒަށް 2021 ގައި ކުރި ޒިޔާރަތުގައި އެ މަރުކަޒުގައި މިފަދަ ޑޮކްޓަރެއް ނުވަތަ ނަރުހެއް ނެތްކަން ވަނީ ފާހަގަ ކޮށްފައެވެ.
އަދި  2021 ވަނަ އަހަރުގެ ޑިސެންބަރު މަހުގައި ސެންޓަ ފޮ މެންޓަލް ހެލްތުން މަރުކަޒަށް ޒިޔާރަތްކޮށް ނަފްސާނީ ބައްޔަށް ފަރުވާ ހޯދަމުންދާ މީހުންގެ ތެރެއިން 20 (ވިހި) މީހުން ބަލާފައިވާ ކަމަށާއި، ނަމަވެސް ނަފްސާނީ ބަލީގެ ހާއްސަ ޑޮކްޓަރުންނަށް ދައްކަން އަދިވެސް ވަރަށް ގިނަ މީހުން ތިބިކަން 2022 ވަނަ އަހަރުގެ ޒިޔާރަތުގައި ފާހަގަކު ރެވިފައިވާކަމަށް ކޮމިޝަނުން ފާހަގަ ކުރެއެވެ. 

މީގެއިތުރުން، އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލްގެ ސެންޓަރ ފޮ މެންޓަލް ހެލްތުން މަދުވެގެން މަހަކު އެއްފަހަރު ނަމަވެސް މަރުކަޒަށް ޒިޔާރަތްކޮށް މަރުކަޒުގައި ތިބި ނަފްސާނީ ބައްޔަށް ފަރުވާ ހޯދަމުންދާ މީހުން ބަލައި ދިނުމަށް އެދިފައިވާކަމަށާއި، ނަމަވެސް އައި.ޖީ.އެމް.އެޗްގެ ނަފްސާނީ ބަލީގެ ހާއްސަ ޑޮކްޓަރުންނަށް މަހަކު އެއްފަހަރު މަރުކަޒަށް ޒިޔާރަތްކުރުމަށް ދަތިވާނެތީ، ދެ މަހުން އެއް މަހުގައި މަރުކަޒަށް ޒިޔާރަތްކުރުމަށް އެދިފައި ވީ ނަމަވެސް، 2021 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ ފަހުން އަދި މަރުކަޒަށް އެ ފަރާތް ތަކުން ޒިޔާރަތް ނުކުރާކަން މަރުކަޒު ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތްތަކުން ފާހަގަ ކޮށްފައިވެއެވެ. އެހެން ކަމުން ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ މީހުންނަށް ނަފްސާނީ ބަލީގެ ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް އެ މަރުކަޒުގައި ނަފްސާނީ ބަލީގެ ހާއްސަ ޑޮކްޓަރެއް ނުވަތަ ނަރުހެއްގެ ހިދުމަތް ލިބޭނެ އިންތިޒާމް ހަމަޖެއްސުމަށް ހުށަހަޅައި މިކަން ކަމާބެހޭ އިދާރާގެ ސަމާލުކަމަށް ގެނެވިފައިވާ ކަމަށް އެޗްއާރުސީއެމްއިން ބުނެއެވެ.
މިމައްސަލަ ހައްލުކުރުމަށްޓަކައި ޖެންޑަރ މިނިސްޓްރީ އާއި ހެލްތް މިނިސްޓްރީ ގުޅިގެން، ރާއްޖެއިން ބޭރުން ނަފްސާނީ ބަލިތަކަށް ހާއްސަ ދެ ޑޮކްޓަރުން ގެނައުމުގެ މަސައްކަތް ކުރަމުންދާކަމަށް މި ބައްދަލުވުމުގައި ޖެންޑަ މިނިސްޓްރީ އިން ވަނީ ވިދާޅުވެފައެވެ. 

މީގެ އިތުރުން، އެޗްއާރުސީއެމްއިން ބުނީ ހާއްސައެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު ހިންގުމުގައި ޢަމަލު ކުރާނެގޮތުގެ އުސޫލެއް ނުވަތަ ގަވާއިދެއް އެކުލަވާލެވިފައި ނުވާ ކަމަށެވެ. އެހެންނަމަވެސް، އެސް.އޯ.ޕީތައް ރިވިއު ކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް މި ބައްދަލުވުމުގައި ޖެންޑަ މިނިސްޓްރީ އިން ވަނީ މައުލޫމާތު ދެއްވާފައިކަމަށް އެ ކޮމިޝަނުން ވަނީ ބުނެފައެވެ.

2011 ގައި ކޮމިޝަނުގެ ފަރާތުން ހުށަހެޅުނު ހުށަހެޅުމަކަށް ބިނާކޮށް ހާއްސައެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި އެޑްމިޓް ކުރެވޭ ބަލިމީހުންނާމެދު އަމަލު ކުރަންޖެހޭ ގޮތުގެ އަތްމަތީ ފޮތެއް ވަނީ އެކުލަވާލާފައި ވެއެވެ. އަދި އޭރުގެ މިނިސްޓްރީ އޮފް ޖެންޑަރ، ފެމެލީ އެންޑް ހިޔުމަންރައިޓްސްގެ ކޮމެންޓަށް ފޮނުވާފައިވާކަމަށާއި ނަމަވެސް އެ މިނިސްޓްރީން އެ ލިޔެކިއުންތަކާ ގުޅޭގޮތުން ވަކިގޮތެއް ނިންމާފައިނުވާކަން 2013 ވަނަ އަހަރުގެ ޒިޔާރަތުގައި ފާހަގަކުރެވި އަދި މިހާތަނަށް އެ މަސައްކަތް ކުރެވިފައި ނުވާކަން ކޮމިޝަނަށް ފާހަގަކުރެވިފައި ވެއެވެ.
ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ ގޯތިތެރެ މޮނިޓަރކުރުމަށް ސީސީ.ޓީ.ވީ ކެމެރާ ހަރުކޮށްފައިވީ ނަމަވެސް، ވޯޑުތަކުގެ އެތެރެ ފެންނަގޮތަށް ކެމެރާ ހަރުކޮށްފައި ނެތުމުގެ ސަބަބުން، ވޯޑުތަކުގައި މަސައްކަތްކުރާ މުވައްޒަފުންނާއި ބަލިމީހުންގެ ރައްކާތެރިކަން ކަށަވަރު ނުކުރެވޭކަން ކޮމިޝަނަށް ފާހަގަކުރެވިފައިވާ ކަމަށްވެސް ކޮމިޝަނުން ބޔުނެއެވެ. 

މިކަމާ ގުޅިގެން ޖެންޑަ މިނިސްޓްރީން ބުނަނީ މިކަމަށް ހައްލެއް ހޯދުމުގެ ގޮތުން އިތުރު ސީސީ.ޓީ.ވީ ކެމެރާތަކެއް ހަރުކުރުމުގެ މަސައްކަތް އިއުލާނުކޮށް ބިޑްކޮށްފައިވާ ކަމަށެވެ.

މަރުކަޒުގައި މަސައްކަތްކުރާ މުވައްޒަފުންނަކީ މަސައްކަތާ ގުޅޭ ދާއިރާތަކުން ތަމްރީނު ލިބިފައިވާ މުވައްޒަފުންކަމަށް ނުވުމުގެ ސަބަބުން، މަރުކަޒުން ފަރުވާހޯދާ ފަރާތްތަކަށް ބޭނުންވާ އަޅާލުމާއި، އެހީތެރިކަން ފޯރުކޮށް ނުދެވޭކަން ކޮމިޝަނަށް ފާހަގަ ކުރެވިފައިވާކަމަށް ކޮމިޝަނުން ބުނެއެވެ. 

މިކަމާ ގުޅިގެން މި ބައްދަލުވުމުގައި ޖެންޑަރ މިނިސްޓްރީއިން ބުނީ ކަމާގުޅޭ ދާއިރާތަކުން މުވައްޒަފުން ތަމްރީން ކުރުމުގެ މަސައްކަތް ކުރުމަށް މުއައްސަސާ ތަކާއެކު މަޝްވަރާ ކުރަމުން ދާކަމަށެވެ. މީގެ އިތުރުން، މަރުކަޒުން ފަރުވާ ހޯދަމުންދާ މީހުންނަށް ފައިދާހުރި ކާނާ އެކަށީގެންވާ ގޮތުގައި ފޯރުކޮށް ނުދެވޭކަން އެ ކޮމިޝަނުން ފާހަގަކުރުމުން، މެނޫތައް ރިވައިޒްކުރުމަށް ނިއުޓްރިޝަނިސްޓުންނާ މަޝްވަރާ ކުރަމުންދާކަމަށާއި ރޯދަމަހުގެ ކުރިން މެނޫތައް ބަދަލުކުރެވިގެންދާނެ ކަމަށް މި ބައްދަލުވުމުގައި ޖެންޑަރ މިނިސްޓްރީންބުނެފައިވާކަމަށެވެ.
މީގެ އިތުރުން މަރުކަޒުން ފަރުވާ ހޯދަމުންދާ ބަލި މީހުންގެ އަދަދާ އަޅާބަލާއިރު، ކެއަރ ވޯކަރުންގެ އަދަދު މަދުކަމާއި، މީގެ އިތުރުން ބަލިމީހުން ބައެއް ވޯޑުތަކުގައި ޝިފްޓެއްގައި 1 (އެކެއް) ނުވަތަ 2 (ދޭއް) ކެއަރ ވޯކަރުން އެކަނި މަސައްކަތް ކުރަންޖެހޭ ކަން މަރުކަޒުން ވަނީ ފާހަގަ ކުރައްވާފައެވެ. މިކަމާގުޅިގެން ބަލި މީހުން ބަލަހައްޓާ މުވައްޒަފުން އިތުރުކުރުމަށް 2008 ވަނަ އަހަރުން ފެށިގެން އެކި ފަހަރުމަތިން ވަނީ ކޮމިޝަނުގެ ފަރާތުން ހުށަހެޅުންތައް ހުށަހަޅާފައެވެ. 

މި ކަމާގުޅިގެން ޖެންޑަ މިނިސްޓްރީ އިން ވިދާޅުވީ އިތުރު ކެއަރވޯކަރުން ނެގުމުގެ މަސައްކަތް މިހާރު ކުރިއަށް ދާ ކަމަށެވެ. ޖެންޑާ މިނިސްޓްރީން މުޅިންވެސް ކުރަމުން އަންނަނީ މަސައްކަތެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް