ads
އޭޖީ އިން މިއަދު ބޭއްވި ބައްދަލުވުން. ފޮޓޯ: އޭޖީ
ހަރުކަށި ފިކުރު ހުއްޓުވަން ގާނޫނަށް ގެންނަންޖެހޭ އިސްލާހުތައް ދެނެގަންނަނީ
ހަރުކަށި ފިކުރު ހުއްޓުވުމަށްޓަކައި ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ގާނޫނަށް ގެންނަންޖެހޭ އިސްލާހުތައް ދެނެގަތުމުގެ މަސައްކަތް އެޓާނީ ޖެނެރަލްގެ އޮފީހުން ފަށައިިިފިއެވެ.

އެޓާނީ ޖެނެރަލްގެ އޮފީހުން މިއަދު ބުނީ ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ގާނޫނު މުރާޖައާ ކުރުމުގެ ގޮތުން އޭޖީ އިބްރާހިމް ރިފްއަތު މިއަދު ސަރުކާރުގެ ކަމާބެހޭ ފަރާތްތަކާއި ބައްދަލު ކުރައްވާފައިވާ ކަމަށެވެ.

އެ ގޮތުން ފަތުވާދޭ މަޖިލިސް އެކުލެވިގެންވާ ގޮތާއި މަސްއޫލިއްޔަތުތައް މުރާޖައާ ކުރުމަށާއި, ހަރުކަށިފިކުރު ހުއްޓުވުމަށް ގާނޫނަށް ގެންނަންޖެހޭ އިސްލާތައް ދެނެގަތުމަށް އެ ބައްދަލުވުމުގައިި ވަނީ މަޝްވަރާކޮށްފައެވެ.

ހަމައެހެންމެ ކޮންމެ މައްސަލައަކަށް ޖިނާއީ އަދުލުގެ ނިޒާމުން ހަމައެކަނި ހައްލު ހޯދުމުގެ ބަދަލުގައި ކަމާ ގުޅުންހުރި ދައުލަތުގެ އިދާރާތަކުން އިދާރީ ހައްލު ހޯދޭނެ ގޮތްތައް ދެނެގަތުމާއި, ޒަމާނީ ވަސީލަތްތައް މެދުވެރިކޮށް ހަގީގަތާއި ހިލާފު މައުލޫމާތު ފެތުރުން ހުއްޓުވުމަށް އެޅޭނެ ފިޔަވަޅުތައް ދެނެގަތުމަށް ވެސް މަޝްވަރާ ކުރެވުނެވެ.

1994 ވަނަ އަހަރުން ފެށިގެން އަމަލު ކުރަމުންދާ ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ގާނޫނަށް މިދިޔަ 28 އަހަރު ތެރޭގައި ގެނެސްފައިވަނީ ދެ އިސްލާހެކެވެ. ސަރުކާރުން ވަނީ ރައްޔިތުން މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރަށް ހުށަހަޅަން ގަސްތުކުރާ ބިލުތަކުގެތެރޭގައި މި ގާނުނަށް އިސްލާހު ގެނައުމުގެ ބިލު ހުށަހަޅަން ނިންމާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް