
ޓްރެވަލް އޭޖެންސީތައް ރެގިއުލޭޓްކޮށް އެކަމަށް ބޭނުންވާ އުސޫލުތައް ކަނޑައަޅަމުން އަންނަނީ ޓޫރިޒަމް މިނިސްޓްރީންނެވެ. މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އެ މިނިސްޓްރީގެ ސިޔާސީ މަގާމުތަކުގައި ތިބި ތިން މީހުން ޓްރެވަލް އޭޖެންސީއެއް ހުޅުވުމުން އެކަމާއި ގުޅިގެން އެތައް ބަޔަކު އަންނަނީ ނުރުހުން ފާޅު ކުރަމުންނެވެ.
މިކަމާއި ގުޅިގެން "ސީއެންއެމް" އާއި ވާހަކަ ދެއްކި ޓްރެވަލް އޭޖެންސީއެއްގެ ވެރިޔަކު ބުނީ، މިފަދަ ގޮތަކަށް ސިޔާސީ މަގާމުތަކުގައި ތިބި ބަޔަކު ޓްރެވަލް އޭޖެންސީއެއް ހުޅުވުމަކީ ނާޖާއިޒް ފައިދާ ހޯދުމަށް ހިންގާ ބޮޑު ޖަރީމާއެއް ކަމަށެވެ. އަދި މިއީ ތަހުޒީބީ އެއްވެސް ގައުމެއްގައި ކަން ކުރާ އުސޫލު ނޫން ކަމަށާއި، ތަހުޒީބީ ގައުމުތަކުން މަސައްކަތް ކުރަނީ ރައްޔިތުންގެ ވިޔަފާރި ކުރިއެރުވުމަށް ކަމަށެވެ. އެހެން ނަމަވެސް މިކަން މިގޮތަށް ކުރުމުން ދިވެހިންގެ ޓްރެވަލް އޭޖެންސީތަކަށް އެތައް ހުރަހެއް ކުރިމަތި ވާނެ ކަމަށްވެސް އެފަރާތުން ވަނީ ބުނެފައެވެ.
މީގެ އިތުރުން އޭނާ ބުނީ، މި މައްސަލަ މިހާރު މިނިސްޓްރީއަށް ހުށައަޅާފައި ވާކަމަށާއި، އެކަމާއި ގުޅިގެން މި ހަފްތާ ތެރޭ ޖަވާބެއް ދޭނެ ކަމަށް މިނިސްޓްރީން އަންގާފައި ވާކަމަށެވެ. އަދި އުއްމީދު ކުރަނީ މިކަން މިގޮތަށް ވިޔަ ނުދިނުން ކަމަށްވެސް އެފަރާތުން ވަނީ ބުނެފައެވެ.
އިކޮނޮމިކް މިނިސްޓްރީގައި ރަޖިސްޓްރީކޮށްފައިވާ ޓްރެވަލް އެޖެންސީގެ ހިއްސާދާރުންނަކީ:
- އަލީ ރައްޒާން - ޓޫރިޒަމްގެ ސީނިއާ ޕޮލިސީ އެގްޒެކެޓިވް ޑިރެކްޓަރު
- އިބްރާހީމް ފަރުހާދު - ޓޫރިޒަމްގެ ސީނިއާ ޕޮލިސީ ޑިރެކްޓަރު
- މުހައްމަދު ހުސާން - ޓޫރިޒަމްގެ ސީނިއާ ޕޮލިސީ ޑިރެކްޓަރު
މިކަމާއި ގުޅިގެން ޓޫރިޒަމް މިނިސްޓްރީގެ ބަހެއް ހޯދުމަށް ގުޅުމުން ފޯނަށް ޖަވާބު ދީފައި ނުވާތީ އެ މިނިސްޓްރީގެ ބަހެއް ވަނީ ގެނެވޭގޮތް ނުވެފައެވެ.