އެމެރިކާގެ ޓެކް ކުންފުންޏެއް ކަމަށްވާ މެޓައިން ހިންގާ މި ޕްލެޓްފޯމްތައް މަނާކޮށްފައި މިވަނީ އެ ޕްލެޓްފޯމްތަކުން ރަޝިޔާގެ ރައްޔިތުންނާ ދެކޮޅަށް އޮންލައިންކޮށް ނަފްރަތު އުފެދޭ ފަދަ ވާހަކަތައް ދެއްކުމުގެ ހުއްދަ ދިނުމާ ގުޅިގެންނެވެ. ސޯޝަލް މީޑިއާގެ އެންމެ ވަރުގަދަ ކުންފުނި ކަމަށްވާ މެޓާއާ ދެކޮޅަށް ކުރާ ދައުވާގައި މިކަން ހުއްޓުވަން ނުވަތަ ލަސްކުރުމަށް މެޓާގެ ވަކީލުން އެދުނު ނަމަވެސް ފަނޑިޔާރު ވަނީ އެ ހުށަހެޅުން ބަލައިނުގެންފައެވެ.
ކޯޓުގައި އިއްވާފައިވާ މިމައްސަލައިގެ އަޑުއަހުންތަކުގައި އިންސްޓަގްރާމް އިން ޔޫކްރެއިންގައި ރަޝިޔާއިން ހިންގާ އަސްކަރީ އޮޕަރޭޝަނާ ގުޅޭ ދޮގު މައުލޫމާތުގެ 4600 މައްސަލައަކާއި، ހުއްދަ ނޫން މުޒާހަރާތަކަށް ގޮވާލާ 1800 އެއްހާ މައްސަލަ ޑިލީޓު ކުރުމަށް ރަޝިޔާއިން އެދިފައިވީނަމަވެސް މެޓާއިން އެކަމަށް ސަމާލުކަން ދީފައެއްނުވެއެވެ.
މެޓަ ކުންފުނީގެ އަމަލުތައް ރަޝިއާ އާއި އެ ގައުމުގެ ސިފައިންނާ ދެކޮޅަށް އަމާޒުކޮށްފައިވާ ކަމަށް ބުނެ، ފެޑެރަލް ސެކިއުރިޓީ ސާވިސް (އެފްއެސްބީ)ގެ މަންދޫބު ކޯޓުގައި ވިދާޅުވެފައިވަނީ އަދި މެޓަ ކުންފުނި މަނާކުރުމާ މެދު އެ އެޖެންސީ އިން ވަނީ ފުރިހަމައަށް ތާއީދުކުރާ ކަމަށެވެ.
ޕްރޮސެކިއުޓަރު ކޯޓުގައި ވިދާޅުވީ މި ޕްލެްޓްފޯމްތައް މަނާކުރިނަމަވެސް ފޭސްބުކް އަދި އިންސްޓަގްރާމްއަށް އެހެނިހެން ގޮތްގޮތުން ވަދެވޭ ކަމަށެވެ. ނަމަވެސް ރަޝިޔާމީހުން އެވަސީލަތްތައް ބޭނުންކުރިއަސް އޭގެ ޒިންމާ އެގައުމުގެ ރައްޔިތުން ނަގަން ނުޖެހޭނެކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
ހަރުކަށި ޖަމާއަތެއްގެ ގޮތުގައި، މެޓަ ކުންފުނި ރަޝިޔާއިން ބޭރުކޮށްފައި މިވަނީ ޔޫކްރެއިންގައި ރަޝިޔާއިން މިހާރު ހިންގަމުންދާ އަސްކަރީ އޮޕަރޭޝަނާ ގުޅިގެން، ނަފްރަތު އުފެދޭ ފަދަ ވާހަކަތައް ދެއްކުމާއި، ރަޝިޔާގެ ރައްޔިތުންނަށް އަނިޔާވެރިވުމަށް ގޮވާލާ ގޮވާލުންތަކަށް ފުރުސަތުދޭ ކަމަށް ބުނެއެވެ.
މިޕްލެޓްފޯމްތައް ހުއްޓުވުމުގެ ސަބަބުން ރަޝިއާގައި 80 މިލިއަން މީހުން ބޭނުން ކުރަމުން އައި އިންސްޓަގްރާމް ބްލޮކް ކުރަން ވަނީ ޖެހިފައެވެ. ފޭސްބުކް އަކީ މީގެ ކުރިން ވެސް ރަޝިއާގެ މީޑިއާގެ އެކައުންޓްތަކާ ގުޅިގެން ބޭނުން ކުރުމުގައި ދަތިތަކާއި ކުރިމަތިވެފައިވާ ޕްލެޓްފޯމެކެވެ.
މި ދައުވާގައި ވަޓްސްއެޕް ބޭނުން ކުރުން މަނާކޮށްފައި ނުވަނީ އެއީ ހަމައެކަނި މުއާސަލާތު ކުރުމަށް ބޭނުން ކުރާ ވަސީލަތަކަށް ވާތީއެވެ.
ހޯމަ ދުވަހު ބޭއްވި އަޑުއެހުންތަކުގައި މެޓާ ކުންފުނީގެ ވަކީލުން ވަނީ މައްސަލަ ބައްލަވާ ގާޒީ ގެ ކިބައިން މައްސަލަ ދޫކޮށްލެއްވުމަށް ނުވަތަ ފަސްކުރުމަށް އެދިވަޑައިގެންފައެވެ.
އެމީހުން ވަކާލާތު ކުރި ގޮތުގައި މެޓާ ކުންފުންޔަކީ އެމެރިކާގައި ރަޖިސްޓްރީ ކޮށްފައިވާ ކުންފުންޏަކަށް ވާތީ ރަޝިއާގެ ކޯޓަކުން އެ މައްސަލަ ބެލުމަކީ ކޮށްގެން ވާނެ ކަމެއް ނޫނެވެ. އަދި މި މައްސަލައިގެ ޝަރީއަތްތައް އެމެރިކާއަށް ބަދަލުކުރަން ޖެހޭ ކަމަށް ވެސް ވަކާލާތުކޮށްފައި ވެއެވެ. މީގެ އިތުރުން މީގެ ހަފްތާއެއްހާ ދުވަސް ކުރިން ހުށަހެޅި މި މައްސަލައަށް އެކަށީގެންވާ ގޮތެއްގައި ތައްޔާރުވުމަށް އެކަށީގެންވާ ވަގުތު ނުލިބޭ ކަމަށް ބުނެ އެ ކުންފުނިން ވަނީ ޝަކުވާ ވެސް ކޮށްފައެވެ.
އަދި މެޓާ ކުންފުނިން ވަނީ އާންމުންގެ މަޝްވަރާތަކަށްފަހު ސިޔާސަތު ބަދަލުކުރުމަށް އެދިފައެވެ.