ads
ކްރިމިނަލް ކޯޓް
ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 87 ވަނަ މާއްދާ "ޕާކް" ކޮށްގެން ފަނޑިޔާރުން ތިއްބަ ވަނީ؟
އެކަށީގެންވާ މިންވަރަށް ހެކި ލިބިފައި ހުރި ނަމަވެސް, ކަމާބެހޭ އިދާރާތަކަށް ހެދޭ ނުވަތަ ހަދާ ގޯސްތަކުގެ ސަބަބުން ބޮޑެތި ކުށްތަކުގެ ތުހުމަތުވާ މީހުން ސަލާމަތްވެ އަލުން މުޖުތަމައު ތެެރެއަށް ނުކުންނަ ނުކުތުމަކީ މިއަދު ގިނަ ބައެއްގެ އެންމެ ބޮޑު އެއް ކަން ބޮޑުވުމަކަށްވެފައިވަނިކޮށް އެ ފަދަ މައްސަލަތައް މަދުވެ މުޖުތަމައުގެ މަންފާއަށް އޮތް ޖިނާއީ އިޖުރާތުގެ 87 ވަނަ މާއްދާއެއްގެ ވާހަކަ ފެންމަތި ވެއްޖެ އެވެ.

އެކަށީގެންވާ މިންވަރަށް ހެކި ލިބިފައި ހުރި ނަމަވެސް, ކަމާބެހޭ އިދާރާތަކަށް ހެދޭ ނުވަތަ ހަދާ ގޯސްތަކުގެ ސަބަބުން ބޮޑެތި ކުށްތަކުގެ ތުހުމަތުވާ މީހުން ސަލާމަތްވާ މައްސަލައަކީ ހައްލު ހޯދަންޖެހޭ ބޮޑު މައްސަލައަކަށްވާއިރު, މިފަދަ މައްސަލަތައް ދިމާވަނީ އެ އިދާރާއަކަށް ހެދުނު ގޯހަކުން ނުވަތަ ކުރެވުނު އިހުމާލަކުން ކަމެއް އެއްވެސް އިދާރާއަކުން ގަބޫލެއް ނުކުރެއެވެ. ކަންމިހެން ހުރިއިރު އާންމުންގެ ''އިނގިލި ދިއްކުރުން'' ބައެއް ފަހަރު ފުލުހުންނަށް, އަނެއްބައި ފަހަރު ޕްރޮސެކިއުޓާރ ޖެނެރަލް ނުވަތަ ޝަރުއީ ކޯޓުތަކަށް އަމާޒުވެ, އެ ތަންތަނަށް ކުރާ އިތުބާރު ގެއްލިގެންދެ އެވެ.

މައްސަލަތަކުގައި ދައުވާ ލިބޭ ފަރާތުގެ މައްޗަށް, ކޯޓަށް ހުށަހަޅާފައިނުވާ ކުށެއް މުއްތަހަމުގެ މައްޗަށް ސާބިތުކޮށް އަދަބު ކަނޑައެޅުމުގެ ބާރު ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 87 ވަނަ މާއްދާއިން ފަނޑިޔާރަށް ލިބިވަޑައިގަންނަވައެވެ.

މަރުގެ މައްސަލައިގެ ހުކުމް ކުރުމަށް ދާދިފަހުން ބޭއްވި އަޑުއެހުމެއްގައި ސްޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު ވިދާޅުވީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 87 ވަނަ މާއްދާގެ ދަށުން ދައުވާ ލިބޭ ފަރާތުގެ މައްޗަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ދައުވާކޮށްފައިވާ ކުށް ނޫން އެހެން ކުށެއް ސާބިތު ކުރުމުގެ ބާރު ފަނޑިޔާރުންނަށް ދީފައިވަނީ ޖިނާއީ އަދުލުގެ ނިޒާމު ފުރިހަމަ ކުރުމުގެ މަގުސަދުގައި ކަމަށެވެ. އަދި އެ ބާރުގެ ބޭނުން ފަނޑިޔާރުން ކުރައްވަމުން ނުގެންދަވާ ނަމަ ވަރަށް ގިނަ ފަހަރު ކޯޓު ވެގެންދާނީ ކުށްކުރާ މީހުންނަށް ހައްގު އަދަބު ނުލިބި, ނިކުމެގެންދެވޭ ''ދޮރަކަށް'' ކަމަށާއި, އަނިޔާ ލިބުނު ފަރާތަށް އިންސާފު ނުލިބި, މުޖުތަމައުގެ ސަލާމަތާއި, ރައްކާތެރިކަމާއި މުޖުތަމައުގެ މަސްލަހަތު ބީވެގެން ހިނގައިދާނޭ މަގަކަށް ކަމަށެވެ.

your imageފަނޑިޔާރު ހުސްނުއްސުއޫދު. ފޮޓޯ: މިހާރު

ހަމައެހެންމެ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 87 ވަނަ މާއްދާ އެ ގޮތުގައި ގާނޫނުގައި އޮވެމެ, އެ ބާރުގެ ބޭނުން ފަނޑިޔާރުން ނުހިފުމުގެ ސަބަބުން ދައުލަތުން ދައުވާކުރާ މަރުގެ މައްސަލަތަކުގައްޔާއި, މަސްތުވާތަކެތީގެ މައްސަލަތަކުގައި ހިމެނޭ އަމަލުތަކުން އެ މީސްމީހުން ކޮށްފައިވާ އެހެން ކުށެއް ސާބިތުވާން އޮންނަ މިންވަރަށް ހެކިލިބިފައި އޮންނަ ހިނދުގައި ވެސް, ދައުލަތުގެ ފަރާތުން ކޯޓަށް ހުށަހަޅާފައިވާ ދައުވާގައި އެ ކުށެއް ހިމަނާފައި ނެތިގެން ނުވަތަ ދައުވާގެ ސީޣާގައި އޮޅުމެއް އޮވެގެން މައްސަލަތައް ކޯޓުން ބޭރުކޮށް ކުށްކުރާ މީހުން ހައްގު ނޫންގޮތުގައި ވީއްލިގެންދާތަން ފެންނަކަމަށް ވެސް ހުސްނުއްސުއޫދު ވިދާޅުވި އެވެ. އެ ގޮތުން އެކަން ހައްލުވެ ޖިނާއީ އަދުލުގެ ނިޒާމު ފުރިހަމަވެ, މުޖުތަމައުގެ އިތުބާރު އެ ނިޒާމުގެ މައްޗަށް އުފެދޭނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 87 ވަނަ މާއްދާގައިވާ ބާރު, އެ މާއްދާގެ މަގްސަދު ހާސިލުވާނެ ގޮތަށް ފަނޑިޔާރުން ބޭނުން ކުރެއްވުމުންކަމަށް ވެސް ހުސްނުއް ސުއޫދު ވިދާޅުވި އެވެ. 

''މައްސަލައިގައި ހިމެނޭ އަމަލުތަކުން ފުރިހަމަވާ އެހެން ކުށެއް ފަނޑިޔާރަށް ފެންނަން އޮވެފައި, ދައުލަތުން ދައުވާކޮށްފައި އޮންނަ ގޮތް ގޯސްވެގެން މައްސަލަތައް ބޭރުކޮށްލުމުގެ ބަދަލުގައި ޕްރޮސިކިއުޝަނުން ހެދިފައި އޮންނަ ގޯހެއް ނުވަތަ ވެއްޓިފައިވާ ކަމެއް ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 87 ވަނަ މާއްދާގެ ދަށުން ކޯޓުގެ އިސް ނެގުމުގައި އިސްލާހުކޮށް, އެ ރޫހުގައި މަސައްކަތް ކުރުމަށް ކޯޓުތަކުގެ ފަނޑިޔާރުން ސަމާލުކަންދޭންޖެހޭ.'' ހުސްނުއްސުއޫދު ވިދާޅުވިއެވެ.

ހުސްނުއްސުއޫދު ވިދާޅުވީ ބައެއް ފަހަރަށް ދައުލަތުން ދައުވާކޮށްފައިވާ ކުށުގެ މައްސަލަތަކުގައި ފުރަތަމަ ނަޒަރުން ބަލާއިރު, އެ ކުށުގެ އަމަލުން ފުރިހަމަވާ އެހެން ކުށެއް ކުރިކަމުގެ ހެކި ހުރިކަމަށް ފަނޑިޔާރަށް ފެންނަން އޮންނަ ހާލަތުގައި ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 87 ވަނަ މާއްދާގެ ބޭނުންނުކުރާ ނަމަ އެ  ކުރެވެނީ ވަރަށް ބޮޑު ބޭއިންސާފެއް ކަމަށެވެ. އަދި އަދުލުވެރިކަމާއި އިންސާފުން ޝަރީއަތް ކުރުމަކީ އަދުލުގެ ނިޒާމުގެ ''މައި މޫ'' ކަމުގައިވާއިރު, ފަނޑިޔާރުންގެ މަގުސަދަކަށް ވާންވާނީ ދެ ހަސްމުންގެ ދެމެދުގައި އިންސާފުވެރިވުންކަމަށް ވެސް ހުސްނުއްސުއޫދު ވިދާޅުވި އެވެ.

''ކޮންމެ ފަނޑިޔާރެއްގެ އެންމެ ފުރަތަމަ އަދި އެންމެ ފަހު ވާޖިބަކަށް  ވެސް ވާންޖެހޭނީ ކުށެއް ނުކުރާ މީހަކަށް އަދަބު ނުދިނުމަށާއި, ހަމަ އެގޮތަށް ކުށްވެރިޔަކު ޖިނާއީ އަދުލުގެ ނިޒާމުގެ ތެރެއިން ނުހައްގުން ވީއްލިގެން ނުދާނެކަން ކަށަވަރު ކުރުން'' ހުސްނުއްސުއޫދު ވިދާޅުވި އެވެ.

ހުސްނުއްސުއޫދު ވިދާޅުވީ ފަރުވާތެރި އަދި މައްސަލައިގެ އެންމެ ކަވި ތަފްސީލުތަކަށް ވިސްނުންތެރިކަމާއެކު ސަމާލުކަންދޭ ފަނޑިޔާރެއްގެ ކުރިމަތީގައި ޕްރޮސިކިއުޝަނުންނާއި, ދިފާއުން އެންމެހައި ހެކިތައް ބެހެއްޓުމުން, އެ ފަނޑިޔާރު ވާންޖެހޭނީ އެ މައްސަލައި ގައި އަނިޔާ ލިބުނު ފަރާތާއި, ދައުވާ ލިބޭ ފަރާތުގެ ހައްގުތައް ހިމާޔަތްކޮށްދޭ މަދަދު ގާރަށް ކަމަށެވެ. އަދި ހަމައެއާއެކު އެއިން އެއްވެސް ފަރާތަކަށް ނާޖާއިޒު މަންފާއެއް ނުލިބޭކަން ވެސް ފަނޑިޔާރު ކަށަވަރު ކުރަން ޖެހޭނެކަމަށް ހުސްނުއްސުއޫދު ވިދާޅުވި އެވެ. 

your imageހުސެއިން ޝަމީމް——

ސްޕްރީމް ކޯޓުގެ ވާހަކަތަކާއި ގުޅިގެން ޕީޖީ ހުސައިން ޝަމީމް ސީއެންއެމްއަށް ވިދާޅުވީ ސްޕްރީމް ކޯޯޓުގެ ބަސް އިއްވެވުމުން އެކަމާބެހޭ ގޮތުން ދެން ދައްކަވާނެ އިތުރު ވާހަކައެއް ނޯންނާނެ ކަމަށާއި, ސްޕްރީމް ކޯޓުން އެ ވިދާޅުވަނީ ރަނގަޅަށް ކަމަށެވެ. އަދި އެކަމާބެހޭ އިތުރު ގަވާއިދު ހަދަންޖެހެންޏާ އިތުރު ގަވާއިދު ހަދައިގެންވިޔަސް 87 ވަނަ މާއްދާ އެބަ ބޭނުން ކުރަންޖެހޭކަމަށް ޝަމީމް ވިދާޅުވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް